14 Mar 2013, 09:44
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ބިލް ތަސްދީގު ކުރަން ރައީސް އަށް ފޮނުވުމުން އެ ބިލް ވަނީ އަނބުރާ މަޖިލީހަށް ފޮނުވާލައްވާފަ އެވެ. އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދުއާއި މިހާރުގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެސް ވަނީ މަޖިލީހުން އެ ބިލް ފާސްކޮށް އެ ދެ ބޭފުޅުންގެ އަރިހަށް ތަސްދީގުކުރަން ފޮނުވުމުން އެބިލަށް ނޫނެކޭ ވިދާޅުވެ އަނބުރާ މަޖިލިހަށް ފޮނުވާލައްވާފަ އެވެ.
ކުރީގެ ރައީސް މައުމޫނާއި ނަޝީދުގެ ވެރިކަމުގައި އެ ބިލް އަނބުރާ މަޖިލީހަށް ފޮނުވާލެއްވި ގޮތަށް މަޖިލީހުގެ ކޮމެޓީގައި އޮތުމަށް ފަހު ރައީސް ވަހީދުގެ ވެރިކަމުގައި އެ ބިލް ތަސްދީގު ނުކުރައްވާ ފޮނުވާލެއްވިތާ މަސް ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އަށް އެ ބިލު ތަސްދީގުކުރުން ލާޒިމްވާ ގޮތަށް މަޖިލީހުން ވަނީ އެ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް ފާސްކޮށްފަ އެވެ. އެ ބިލް ތަސްދީގު ނުކުރައްވާ ފޮނުވާލެއްވި އިރު އިސްލާހު ކުރަން ޖެހޭ ކަމަށް ފެނިވަޑައިގަންނަވާ ކަންތައްތަކެއް ރައީސް ވަހީދު މަޖިލީހަށް ހުށަހެޅުއްވި އެވެ. ނަމަވެސް ދެ ވަނަފަހަރަށް އެ ބިލު ފާސްކޮށްފައި ވަނީ އެކަންތައްތަކަށް ރިއާޔަތްކުރުމެއް ނެތި، އެއްވެސް އުނި އިތުރެއް ގެނައުމަކާއި ވެސް ނުލަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުގެ ބިލް މަޖިލީހުން ފާސްކޮށްފައި ވަނީ ޖިނާއީ އެކި އެކި ކުށްތަކުގެ ތުހުމަތު ކުރެވިގެން މަޖިލީހުގެ ބައެއް މެންބަރުންގެ މައްސަލަތައް ފުލުހުން ތަހުގީގު ކުރަމުން ގެންދާ ދަނޑިވަޅެއްގަ އެވެ. އަދި މަޖިލީހުގެ މެންބަރުން މަޖިލީހުގެ މުދަލަށް ފާޅުގައި ބޮޑެތި ގެއްލުންތަކެއް އެބައިމީހުންގެ އަމިއްލަ އިޚްތިޔާރުގައި ދިން މައްސަލަ ވެސް ތަހުގީގު ކުރުމަށް ގިނަ ބަޔަކު ގޮވާލަމުން ގެންދާ ވަރަށް ނާޒުކު ދަނޑިވަޅެއްގަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކް ރިޔާސީ ބަޔާން އިއްވުމަށް މިދިޔަ އަހަރު މަޖިލީހުގައި ބޭއްވި ޖަލްސާގައި، މަޖިލީހުގެ މޭޒާއި ކޮމްޕިއުޓަރު ސިސްޓަމާއި ގޮޑި މޭޒު ފަދަ ތަކެތީގެ އިތުރުން މަޖިލީހުގެ ދިދައަށް ވެސް ވަނީ ބައެއް މެންބަރުން ގެއްލުން ދީފަ އެވެ. އަދި މިނޫނަސް މަޖިލީހުގެ އެހެނިހެންތަކެއްޗަށް މެންބަރުން ގެއްލުންދިން މަންޒަރު ވެސް ވީޑިއޯތަކުންނާއި ފޮޓޯތަކުން ވަރަށް ސާފުކޮށް ފެންނަން އެބަހުއްޓެވެ. އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހެޅުމަށް މަޖިލީހުގެ ސުލޫކު ކޮމެޓީން ފާސްކުރި ކުރުން ރަނގަޅު ނޫންކަމަށް ބުނެ، އެ ނިންމުން އަލުން މުރާޖާ ކުރުމަށް އެ ކޮމެޓީން މަސައްކަތް ކުރަމުންގެންދާ ދަނޑިވަޅެއްގައި އެހެން އެއްވެސް މުއައްސަސާއަކަށް ލިބިގެން ނުވާ ވަރުގެ އިމްތިޔާޒުތަކާއި ބާރުތަކެއް ލިބޭގޮތަށް މަޖިލީހުގެ އިމްތިޔާޒުގެ ބިލު ފާސްކޮށްފައި ވުމަކީ މިކަމާ މެދު ކޮންމެ ދިވެހި ދަރިޔަކު ވެސް ވަރަށް ފުންކޮށް މިއަދު ވިސްނަން ޖެހިފައިވާ ކަމެކެވެ. މި ދެންނެވި ފަދަ މައްސަލައެއް ތަހުގީގު ކުރަން ބޭނުންވެއްޖެ ހާލަތެއްގައި މަޖިލީސް މެންބަރަކު ހައްޔަރު ކުރުމަކީ ފުލުހުންނަށް ކުރަން ޖެހިދާނެ ކަމެކެވެ. ނަމަވެސް ފުލުހުންގެ މަސައްކަތަށް ހުރަސް އެޅޭފަދަ ގޮތަކަށް އިމްތިޔާޒުތުގެ ބިލް ބައްޓަން ކޮށްފައިވާކަން އެ ބިލްގެ ބައެއް މާއްދާތަކުން ވަރަށް ސާފުކޮށް އެނގިގެންދެ އެވެ.
އިމްތިޔާޒުގެ ބިލްގައިވާ ގޮތުން މެންބަރަކު މަޖިލީހުގެ ގޯތިތެރޭގައި ހުއްޓާ ތަހުގީގީ އިދާރާއަކަށް ނުވަތަ ޝަރުއީ ކޯޓަކަށް ހާޒިރުވާން ޗިޓު ފޮނުވުމަކީ މަނާ ކަމެކެވެ. އަދި މަޖިލީހުގެ ގޯތިތެރޭގައި ހުއްޓާ އެ މެންބަރަކު ހައްޔަރު ކުރުން ވެސް އެ ބިލްގައި ވަނީ މަނާކޮށްފަ އެވެ. އެހެންކަމުން ބޮޑެތި ޖިނާއީ ކުށްތައް ކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ގޯތިތެރެއަށް ވަދެ އެތަނުގައި "ޓެންޓްޖަހައިގެން" ހުއްޓަސް މެންބަރަކު ހައްޔަރު ކުރެވޭނެ އެއްވެސް ގޮތެއް ފުލުހުން އަދި ކިއެއްތަ ސިފައިންނަކަށް ވެސް ނޯންނާނެ އެވެ. މިފަދަ ގޮތަކަށް ކަންތައް ވެގެން ހިނގައިދާނެކަމަށް ބޮޑަށް ބެލެވޭ އެއް ހަގީގަތަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް އިންޑިއަން ހައިކޮމިޝަން ތެރެއަށް ވަދެވަޑައިގަތުމުން އެމަނިކުފާނު ހައްޔަރު ކުރުމަށް ޝަރުއީ ކޯޓަކުން ނެރެފައިވާ އަމުރެއް ފުލުހުންނަށް ތަންފީޒު ނުކުރެވުމެވެ. އެއީ ބޭރުގެ މުއާހަދާއެއްގައި އެކަމަށް އެއްބަސްވެ ރާއްޖޭގެ ފަރާތުން ސޮއިކޮށްފައި އޮތުމުންނެވެ.
ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވި ގޮތުގައި އިމްތިޔާޒުގެ ބިލް މިހާރު ފާސްކޮށްފައިވާ ގޮތުން މަޖިލީހުގެ މެންބަރަކު ކިތަންމެ ބޮޑު ވައްކަމެއް ކުރިއަސް ނުވަތަ ކިތަންމެ ބޮޑު ކޮރަޕްޝަންގެ އަމަލެއް ހިންގި ނަމަވެސް އާއްމު ރައްޔިތު މީހާ ތަހުގީގަށް ހައްޔަރު ކުރާ އުސޫލުން މަޖިލީހުގެ އެއްވެސް މެންބަރަކު ހައްޔަރުކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެހެންކަމުން މެންބަރުންގެ މައްޗަށް ތުހުމަތު ކުރެވޭ ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުންނަށް ވަރަށް ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ވެސް ކޮމިޝަނަރު ވިދާޅުވި އެވެ.
އިމްތިޔާޒުގެ ބިލުގެ ސަބަބުން ފުލުހުންގެ ތަހުގީގުތަކަށް ގޮންޖެހުންތަކެއް ހުރި އިރު ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ ފަދަ ގޮތަށް އެބިލް ބައްޓަން ކޮށްފައިވާ ކަމަށް ނޫސްވެރިކަމާ ގުޅުން ހުރި އިދާރާތަކުން ވަނީ ބުނެފަ އެވެ.
މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނާއި މޯލްޑިވްސް އާއި މީޑިއާ ކައުންސިލުން ބުނެފައި ވަނީ އެ ބިލްގެ 17 ވަނަމާއްދާގެ (ހ) އަދި 18 ވަނަ މާއްދާގެ (ހ) އަދި (ށ)ގައި ނޫސްވެރިން އިސްތިސްނާ ކުރުމެއްނެތި ކޮންމެ މީހަކީ ވެސް ރައްޔިތުންގެ މަޖިލީހަށާއި މަޖިލީހުގެ ކޮމެޓީތަކަށް ހާޒިރުކޮށް ހެކިބަސް ހޯދުމަށާއި އެމަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ހުށަހަޅަން އެންގިދާނެ މީހެއްކަމަށް ބުނުމުގެ ފަހަތުގައި ނޫސްވެރިކަމަށް ސީރިއަސް ގޮންޖެހުންތަކެއް ހުރިކަމަށް ދެކޭ ކަމުގަ އެވެ.
ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް ނޭޅުމަށް ނޫސްވެރިކަމާ ގުޅުން ހުރި އިދާރާތަކުން އަބަދާއި އަބަދު ކެނޑިނޭޅި ބަޔާންތައް ނެރެމުންދާއިރު އެންމެ ފަހުން އެ ބިލް ފާސްކޮށްފައި ވަނީ އެފަދަ އިދާރާތަކުން ދައްކަމުންގެންދިޔަ ވާހަތަކައް ރިއާޔަތް ކުރުމެއް ނެތި ބީރު ކަންފަތެއް ދީގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތަކަށް ހާޒިރު ކުރާ މީހުން މަޖިލީހުގެ ގަދަރަށް އުނިކަމެއް ލިބޭ ފަދަ އަމަލެއް ހިންގައިފި ނަމަ، އެމީހަކު ޖަލަށް ލެވޭ ގޮތަށް އެ ބިލްގައި ހިމަނާފައިވާ އިރު، ދިވެހި ދައުލަތުގެ އެންމެ މަތީވެރިޔާ ރިޔާސީ ބަޔާން އިއްވުމަށް އެ މަޖިލީހުގެ ތެރެއަށް ވަދެވަޑައިގަތުމުން މަޖިލީހުގެ އިއްޒަތްތެރި މެންބަރުން އަމަލުކުރެއްވި ގޮތް ނުދަންނާނެ އެކަކު ވެސް ނުހުންނާނެ އެވެ. ނަމަވެސް އެފަދަ އަމަލުތައް ހިންގާ މެންބަރުންނާ މެދު ފިޔަވަޅު އެޅޭނެ އެއްވެސް އުސޫލެއް އެބިލްގައި ފާހަގަކޮށްފައި ނެތުމަކީ ދިވެހި ރައްޔިތުންނަށާއި، ފުލުހުންނަށް ގޮންޖެހާލުމަކަށް ނޫނީ ނުވާނެކަން ޔަގީނެވެ.
މެންބަރުން އަޚުލާގީ ގޮތުން ކިތަންމެ ދަށް އަމަލުތަކެއް ހިންގި ނަމަވެސް އެބޭފުޅުންނަށް ފިޔަވަޅު އެޅޭނެ ހަމަ އެއްވެސް ގޮތެއް އެ ބިލްގައި ހިމަނާފައި ނުވާ އިރު އެބިލް ފާސްކޮށްފައި ވަނީ އެބޭފުޅުންގެ ޖީބަށް ބޮޑުވާ ގޮތަށެވެ. މަޖިލީހުގެ އެއް ދައުރު ފުރިހަމަ ކުރައްވާފައިވާ މެންބަރަކަށް އުމުރުން 55 އަހަރު ވުމުން ކޮންމެ މަހަކު މުސާރައިގެ 30 ޕަސެންޓް ލިބޭގޮތަށް ކަނޑައަޅާފައިވާ އިރު ދެ ދައުރު ދުވަހު މެންބަރުކަން ކުރައްވާފައިވާ ބޭފުޅަކަށް މުސާރައިގެ 45 ޕަސެންޓް ލިބޭގޮތަށް ވަނީ ކަނޑައަޅާފަ އެވެ. ނިކަމެތި ދިވެހި ރައްޔިތުންނާ މެދު ވިސްނާލުމެއްނެތި ތިމާމެންގެ އަމިއްލަ ފައިދާއަށް މިފަދަ ގޮތަކަށް ބިލު ފާސްކުރި އިރު ރައްޔިތުން އުޅޭ ނިކަމެތި ހާލާމެދު ކުޑަކޮށް ވެސް ވިސްނާފައެއް ނުވެ އެވެ. ދައުލަތަށް ލިބޭ އާމްދަނީން ދެކޮޅު ނުޖެހިގެން އުޅޭ އިރު ދައުލަތުގެ މާލިއްޔާއިން މިހާރަށް ވުރެ އިތުރު ހޭދަތަކެއް ކުރަން ޖެހިއްޖެ ނަމަ އެކަމުން ދިވެހި ގައުމާއި ރައްޔިތުންނަށް ލިބޭނެ ފޫނުބެއްދޭ ވަރުގެ ބޮޑަތި ގެއްލުންތަކާއި ދޭތެރޭގައި ވިސްނާލާ ހަމަ އެންމެ މެމްބަރަކު ވެސް ރައްޔިތުންގެ މަޖިލީހުގައި ނެތީބާއެވެ.
ގާނޫނީ ވަކީލް އަހްމަދު ޒަނީން އާދަމް ވިދާޅުވިގޮތުގައި އިމްތިޔާޒުގެ ބިލަކީ ވަރަށް ވިސްނުންތެރިކަން ކުޑަކޮށް އަމިއްލަ ފައިދާއަށް ފާސްކޮށްފައިވާ ބިލެކެވެ. ދުނިޔޭގެ އެއްވެސް ގައުމެއްގައި އާބާދީގެ ނިސްބަތުން މެންބަރުން ނުތިބޭހާ ގިނައިން ރާއްޖޭގައި މެންބަރުން ތިބޭ އިރު އަދި އާބާދީ އިތުވާ މިންވަރަށް މެންބަރުންގެ އަދަދުވެސް އިތުރުވާތީ އެބޭފުޅުންނަށް އިނާޔަތް ދޭން ޖެހިއްޖެ ނަމަ ގައުމު އިތުރަށް ދަރަނިވެރިވެގެން ހިނގައިދާނެ ކަމަށް ޒަނީން ވިދާޅުވެ އެވެ.
"މިއީ ކުޑަކުޑަ އާބާދީއެއް ވަސީލަތްތައް މަދު އިގްތިސޯދީގޮތުން ދަށް ގައުމެއް. އެހެންކަމުން އިމްތިޔާޒުގެ ގާނޫނުގައި ބުނާ ގޮތަށް މެންބަރުންނަށް އެލަވަންސް ދޭންޖެހިއްޖެ ނަމަ ކުރިއަށް އޮތްތާގައި ގައުމު އިތުރަށް ދަރަނިވެރިވެގެން ދާނެ،" ޒަނީން ވިދާޅުވި އެވެ.
ރައްޔިތެއް ނެތް ގައުމަކަށް ރައީސުލްޖުމްހޫރިއްޔާއެއް، ރައްޔިތުންގެ މަޖިލީހެއް އަދި ޝަރުޢީ ނިޒާމެއް ބޭނުމެއް ނުވާނެ އެވެ. ރައްޔިތުންގެ މަޖިލީހާއި، ރައީސުލްޖުމްހޫރިއްޔާ އާއި، ޝަރުއީ ނިޒާމާއި، ވުޒާރާތަކާއި ވަޒީރުން ގާއިމް ކުރުމަށް ބޭނުންވާނީ ރައްޔިތަކު ތިބޭ ތަނަކަށް ކޮންމެ ރައްޔިތަކު ވެސް ގަބޫލުކުރާނެ ކަން ޔަގީނެވެ. ކަން މިހެން ހުރި އިރު ދިވެހި ރައްޔިތުންނާ މެދު ކުޑަކޮށް ވެސް ވިސްނާލުމެއްނެތި، އެ ބައެއްގެ އަމިއްލަ ފައިދާއަށް ޓަކައި، ޖީބަށް ބަރުކުރުމަށް މަސައްކަތް ކުރާ ބައެއްގެ އަތްމައްޗަށް ރައްޔިތުންގެ ނައުގެ ހުންގާނު ދިނުމަކީ ފޫނެތް ފަޔަށް ފެންފުރުން ކަހަލަ ކަމަކަށް ނޫނީ ނުވާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
ރިޔާސީ ނިޒާމެއް ގަބޫލުކޮށްގެން ތިބި ކިޔަމަންތެރި ރައްޔިތަކު ތިބި ގައުމަކަށް ދިވެހި ރާއްޖެ ވަނީ ވެފަ އެވެ. މި ގައުމުގައި ތިބި މިފަދަ ކިޔަމަންތެރި ބަޔެއްގެ ފަރާތުން ފެށިގެންދާ ވެރިކަމުގެ ބާރުތަކުގެ މައި ތަނބަކީ ރައްޔިތުންކަމުގައި ބުނެފައިވާ އިރު، ރައްޔިތުންނަށް ލިބިފައި ނުވާ މިނިވަންކަމަކާއި ބާރުތަކެއް ރައްޔިތުން އިންތިޚާބުކޮށްފައި ތިބި ބަޔަކު އަމިއްލައަށް ހޯދައި ގަތުމަކީ އެބައިމީހުންގެ ނިޔަތް ރަނގަޅު ނޫން ކަމުގައި ބުނެވިދާނެ ކަމެކެވެ. އަދި އިމްތިޔާޒުގެ ގާނޫނުގައި ބުނެފައިވާ ފަދަ ގޮތަކަށް ރައްޔިތުންނަށް ނުލިބޭ މިނިވަންކަމާއި ފައިދާތައް ހޯދައިގެންފައި އެވަނީ ރައްޔިތުންގެ ލޮލުގައި މަންޒަރު ނުފެންނަ އަނދުނެއް އެޅުވުމުގެ ބޭނުމުގައި ހެއްޔެވެ؟ ނޫވަތަ ހަމަ ހަގީގަތުގައި ވެސް ރައްޔިތުން ދެކެ ލޯބީވާތީ ހެއްޔެވެ؟ ނޫން ނަމަ އަންނަ ދައުރަށް އިންތިޚާބު ނުވެދާނެކަމުގެ ބިރުހީވެ ކުރެވިފައިވާ ކުށްތަކުން ބަރީޢަވުމަށް އެޅި ފިޔަވަޅެއްބާ އެވެ؟
ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ، ސިޔާސީ ގޮތުން ދެ ފިކުރެއްގެ ދެ ރައީސުން ވެސް އެބިލާ މެދު ނޫނެކޭ ވިދާޅުވެ، އަދި މިހާރުގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އެ ގާނޫނު ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުވާލުމުގެ މާނައަކީ ރައްޔިތުންގެ ހައްގުތަކާއި ލާބަޔާއި މަންފަޢު ގެއްލޭ ފަދަ، ފޮރުވިފައިވާ ކޮންމެވެސް ކަހަލަ ހަގީގަތްތަކެއް އެ ގާނޫނުގައި އެކުލެވިގެންވާކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އެއީ ތިން ރައީސުން ވެސް ނޫނެކޭ ބުނި ގާނޫނެވެ.