ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ އަމުރަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރު ކުރި ދުވަހު ހިނގި ހަމަނުޖެހުންތަކުގައި ފުލުހުންނަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މީހަކު ހޯދަން އެމީހާގެ ފޮޓޯ ފުލުހުން އާންމުކޮށްފި އެވެ.

ފުލުހުން ބުނީ މިރޭ އާންމުކޮށްފައިވާ ފޮޓޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ވީއެންމެ އަވަހަކަށް ފުލުހުންނަށް އެ މައުލޫމާތު ހިއްސާ ކުރުމަށް އިލްތިމާސް ކުރާކަމަށެވެ.

"މިމީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިލައްވާފައިވާ ފަރާތެއްވާނަމަ ވީއެންމެ އަވަހަކަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓްގެ ނަންބަރު 9911099 ނުވަތަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ހޮޓްލައިން 3322111 އަށް ގުޅުއްވައި މަޢުލޫމާތު ޙިއްސާ ކުރެއްވުން އެދެމެވެ،" ފުލުހުންގެ ބަޔާނުގައި ވެއެވެ.

ރައީސް ނަޝީދު ހައްޔަރު ކުރި ދުވަހު ހިނގި ހަމަނުޖެހުންތަކުގައި ބައެއް ނޫސްވެރިންނަށް ވެސް ހަމަލާދީފައި ވެއެވެ. އެގޮތުން ސަން އޮންލައިންގެ ޖާނަލިސްޓް މުރުޝިދު އަބްދުލް ހަކީމާ މެދު މާރާމާރީ ހިންގާ އޭނާގެ ފޯނު ފޭރިގެންފައިވާއިރު ވީޓީވީގެ ވީޑިއޯ ޖާނަލިސްޓް ރިޟްވާން މޫސާއަށް ހަމަލާދީ ކެމެރާ ހަލާކުކޮށް ކެމެރާގެ ކާޑުވެސް ވަނީ ފޭރިގެންފަ އެވެ.

މުޒާހަރާތަކުގައި ހަމަނުޖެހުން ހިންގާ މީހުން ހޯދުމަށް މިހާރަކަށް އައިސް ފުލުހުން ގެންދަނީ ވަރަށް ގަނައިން އެފަދަ މީހުންގެ ފޮޓޯއާއި ވީޑިއޯ އާންމު ކުރަމުންނެވެ.

ފުލުހުން ބުނީ އެފަދަ މީހުން ހޯދުމުގައި އާންމު ރައްޔިތުންގެ ފަރާތުން ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބެމުންދާ ކަމަށާއި އެކަމަށްޓަކައި ޝުކުރު އަދާކުރާކަމަށެވެ. އަދި އެފަދަ މީހުންނާ ބެހޭ މައުލޫމާތު ފުލުހުންނާ ހިއްސާ ކުރާ މީހުންނަށް ފުރިހަމަ ރައްކާތެރިކަން ދޭނެކަމުގެ ޔަގީންކަން ވެސް ފުލުހުން ވަނީ ދީފަ އެވެ.