14 Mar 2013, 00:08
ލ. ގަމުގެ ގެއެއްގެ ތެރޭގައި ނިދާފައި އޮއްވާ ބޮލުގައި ތޫނު އެއްޗަކުން ޖަހައި ބޯ ފަޅާލުމުން ސީރިއަސް ޒަހަމްތަކެއް ލިބުނު މީހާއަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށް މިރޭ މަރުވެއްޖެ އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު މިރޭ ވިދާޅުވީ ސީރިއަސް ޒަހަމްތަކެއް ލިބިގެން ގަމުން ގެނައި 51 މީހާއަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުންދަނިކޮށް މަރުވެފައި ވަނީ މިރޭ 11:25 އެހާކަންހާއިރު ކަމަށެވެ.
ގަމު ތުނޑީ އަވަށުގައި ރޭ ދަންވަރު ހިނގި އެ ހާދިސާގައި އެ މީހާގެ ބޮލުގެ ކަނާތްފަރާތުގެ ނާށި ގަނޑުން ހަތަރު ތަނެއް ފަޅައިގެން ގޮސް ރެނދުލާފައިވެ އެވެ. އަދި އޭނާއަށް ގަމު ރީޖަނަލް ހޮސްޕިޓަލުން ފަރުވާދެމުން ގެންދިޔައިރު ވެސް ކަންފަތާ ނޭފަތުން ލޭ ފޭބިއިރު، ބްލަޑް ޕްރެޝަރު (ބީޕީ) ވެސް ހުރީ ވަރަށް ދަށުގައި ކަމަށް އެ ހޮސްޕިޓަލުން ބުންނެފައިވެ އެވެ.
މާލެ ގެނައިރު ވެސް ހޭނެތިފައި އޮތް އެ މީހާ ނޭވަލަމުން ގެންދިޔައީ ވެސް ވެންޓިލޭޓާގެ އެހީގަ އެވެ.
ފުލުހުން ބުނީ ގަމުގައި ރޭ ހިންގި މާރާމާރީއާ ގުޅިގެން ތިން މީހަކު އެ ރަށުން ހައްޔަރުކޮށްފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.