މައްޗަންގޯޅީ ޔޫއެން ބިލްޑިން ކައިރީ ހުރި ފައިސާއަށް ހަށިވިއްކަމުން ދިޔަ މަސާޖުޕާލާއެއް ރެއިޑުކޮށް 10 މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި "ރޯމާ ބިޔުޓީ އެންޑް ވެލްނަސް ސެންޓަރު" ގެ ނަމުގައި ހިންގަމުން ގެންދިޔަ މަސާޖުޕާލާ މިރޭ 9:35 ހާއިރު ރެއިޑުކޮށް ހައްޔަރު ކޮށްފައި ވަނީ ދިވެހި ހަތަރު ފިރިހެނުންނާއި ތައިލޭންޑްގެ ހަތަރު އަންހެނެއްގެ އިތުރުން ބަންގްލަދޭޝްގެ ދެ ފިރިހެނުން ކަމަށެވެ.

އެ އެންމެން ވެސް ހައްޔަރުކޮށްފައި ވަނީ ބަރަހަނާ ހާލަތުގައި ތިބެ ބަދުއަޚުލާގީ އަމަލު ހިންގަމުން ދަނިކޮށް ކުށުގެ ވެށިން ކަމަށާއި ފުލުހުން އެތަނަށް ވަދެފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ.

މަސާޖު ޕާލާގެ ތެރެއަށް ވަދެ އެތަން ބަލައި ފާސްކުރިއިރު އެތަނުން 13000 އަށް ވުރެ ގިނަ ރުފިޔާ އާއި ޖިންސީ އަމަލު ހިންގަން ބޭނުންކުރާ ސާމާނު ގިނަ އަދަދަކަށް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އެ މަސާޖުޕާލާގެ އޮފީސް ތެރެއަށް ވަދެ ބަލައި ފާސްކުރި އިރު މައްސަލައާ ގުޅުން ހުރި ތަކެތި އެތަނުން ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މިއީ މިއަހަރުގެ މިހާތަނަށް ރޭޑުކުރި ފުރަތަމަ މަސާޖު ޕާލާ އެވެ. ފުލުހުން މަސާޖު ޕާލާގެ ތެރެއަށް ވަދެ ތިބި ވަގުތު އާންމުންގެ ގިނަ ބަޔަކު އެސަރަހައްދަށް އެއްވެފައި ވެއެވެ.