މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު އޭއެފްސީ ކަޕްގެ ގްރޫޕްޖީގެ މެޗުގައި ވިއެޓްނާމްގެ އެސްއެޗްބީ ޑަ ނަންގާ ބައްދަލުކޮށް އަމިއްލަ ދަނޑުގައި ދޭއް ތިނަކުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިވެއްޖެ އެވެ.

ވިއެޓްނާމް ޓީމުން އަވަސް ކުޅުމެއް ދައްކައި ގިނަ ވަގުތުގައި ބޯޅަ ކޮންޓްރޯލް ކޮށްގެން ކުޅުނު ނަމަވެސް މިއަދުގެ މެޗުގައި ފުރަތަމަ ފަހަރަށް ކުރި ހޯދީ ވެސް މާޒިޔާ އެވެ. ޑަ ނާންގްގެ ހާފްތެރެއިން އިބްރާހީމް ޝިޔާމް (ޖޯން) ތަނަވަސް ކޮށްދިން ފުރުސަތަކުން މެޗުގެ 32 ވަނަ މިނިޓުގައި ޑަނާންގެ ގޯލް ހުޅުވާލަ ދިނީ މާޒިޔާގެ ހުނަރުވެރި ފޯވަޑް އަސަދުﷲ ޢަބްދުﷲ އެވެ. ވިއެޓްނާމް ޓީމުން ލަނޑެއް ޖަހާނޭ ގިނަ ފުރުސަތުތަކެއް ހޯދި ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމުނީ އެކެއް ސުމަކުން މާޒިޔާ ކުރީގައި އޮވެގެން ނެވެ.

ޑަ ނާންގަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ފަހު ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އެޓީމުގެ ތެންޒޭނިޔާ ފޯވަޑް ޑޭނީ އެވެ. އަދި އެ ޓީމުން މެޗުގެ ކުރި ހޯދީ މާޒިޔާގެ ޕެނަލްޓީ އޭރިޔާގެ ބޭރުން އެޓީމުގެ ކެޕްޓަން އާޖެންޓިނާގެ މެރްލޯ އަށް ލިބުނު ބޯޅަ މާޒިޔާގެ ގޯލްގެ ތެރެއަށް ފޮނުވާލައިގެން ނެވެ. މާޒިޔާއިން މެޗުގެ ނަތީޖާ ހަމަހަމަކޮށް ދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ކުރީގެ ވީބީގެ ފޯވަޑް އަޙްމަދު ނާޝިދު (ނާއްޓޭ) އެވެ. މެޗުގެ 81 ވަނަ މިނިޓުގައި ޑަ ނަންގުގެ ކީޕާރު އޭރިޔާތެރެއިން ބޯޅަ ދިފާއުރަން އުޅުމުގެ ތެރޭގައި އަތުން ދޫވެގެން ވެއްޓުނު ބޯޅަ އިތުރު ވިސްނުމަކާނުލައި ނާއްޓޭ ވަނީ ގޯލުގެތެއަށް ވައްދާލައިގެން ނަތީޖާ ދޭއް ދޭކުން އެއްވަރު ކޮށްފަ އެވެ. އަދި މެޗުގެ 89 ވަނަ މިނިޓުގައި މާޒިޔާގެ އޭރިޔާގެ ބޭރުން ލިބުނު ހިލޭ ޖެހުމަކުން މެޗުގެ ނަތީޖާ ޑަ ނަންގުގެ ކޮޅަށް ބަދަލު ކޮށްލީ އެޓީމުގެ ޖާޒީ ނަންބަރު ހަތެއް ގުޔޭން މިން ފޮން އެވެ. އޭގެ ކުރިން މެޗުގެ ނަތީޖާ މާޒިޔާ ކޮޅަށް އަނބުރާލަން އަސަދުﷲ އަށް ލިބުނު ރަނުގެ ފުރުސަތު ވަނީ ބޭކާރު ކޮށްލާފަ އެވެ.

މެޗަށް ފަހު މާޒިޔާގެ ކޯޗު އިސްމާއީލް މަހްފޫޒް (އިންމަ) ބުނީ އެ ޓީމުން ރަނގަޅަށް މަސައްކަތް ކުރި ކަމަށާއި އެކަމަކު މިއަދުގެ މެޗު ގެއްލުނީ ކުޅުން ތެރިންނަށް ފަރުވާ ކުޑަކޮށްލެވުމުގެ ސަބަބުން ކަމަށެވެ. އަދި މިއަދުގެ މެޗުން މޮޅު ނުވެވުނު ނަމަވެސް އިންމަ ބުނީ ކުރިއަށް ހުރި މެޗުތަކުގައި ރަނގަޅު ނަތީޖާ ތަކެއް ނެރުމަށް އެޓީމުން މަސައްކަތް ކުރާނޭ ކަމަށެވެ.