ސަރުކާރުން ބުނަމުން އައި ތާރީހަށް ވުރެ އަވަހަށް ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކަކީ 184 ރަށްކަމަށް ކަނޑައަޅުއްވައި ސަރުކާރުގެ ގެޒެޓްގައި މިއަދު ޝާއިއު ކޮށްފި އެވެ.


ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވެފައި ވަނީ  މިމަހުގެ 17 ވަނަ ދުވަހު ރަށްތައް ކަނޑައަޅުއްވައި ގެޒެޓް ކުރައްވާނެ ކަމަށާއި އެއީ އިދިކޮޅު ޑީއާރްޕީއާއެކު އެއްބަސްވެފައިވާ ތާރީހު ކަމަށެވެ.


ރަށްތައް ކަނޑައަޅައި ގެޒެޓް ކުރީ އިދާރީ ދާއިރާތައް ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރްކަޒީ އުސޫލުން ހިންގުމަށްޓަކައި، ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ގަރާރެއްގެ ދަށުންނެވެ.


މީހުން ދިރިއުޅޭ ރަށްތަކުގެ ގޮތުގައި ސަރުކާރުން ކަނޑައަޅުއްވާފައި ވަނީ، 184 ރަށެކެވެ.
ރައީސް އޮފީހުން ބުނީ މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުއްވުމުގައި ބަލާފައި ވަނީ އެންމެފަހުން ނެގި ރަށްތައް ގުޅައިލުމުގެ ހިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާގެ ރޫހަށް ކަމަށެވެ. ރައީސް އޮފީހުން ބުނީ އައްޑު އަތޮޅު ސިޓީ ކައުންސިލަކަށް ހެދުމަށް ފެނޭތޯ އެއަތޮޅު މީހުންގެ މެދުގައި ނެގި ވޯޓުގައި އަޣްލަބިއްޔަތު ލިބިފައި ވަނީ ސިޓީ ކައުންސިލް ހަދަން ފެންނަ ކަމަށް ކަމަށް ވާތީ ސިޓީ ކައުންސިލް ހެދުމަށް އަޅަންޖެހޭ ފުރަތަމަ ފިޔަވަޅަކީ، މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓްގައި އައްޑުއަތޮޅުގެ ރަށްތައް ހިމެނުން ކަމަށެވެ. އަދި ރަށްތަކުގެ ލިސްޓްގައި، އެ ރަށްތައް ހިމަނަފާއިވާނެ ކަމަށެވެ.


ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ރަށްތައް ޝާއިއުކުރެއްވެވި އިރު ށ. ކޮމަންޑޫ މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ މަތި ކޮމަންޑޫ ހިމަނައިގެންނެވެ. އަދި ޅ. ނައިފަރު މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ އެ ރަށާ ކައިރީގައި އޮންނަ ސިފައިންގެ މަރުކަޒެއް ހަދާފައިވާ މަޑިވަރާއެކު އެވެ.