13 Mar 2013, 19:54
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމަށާއި އެހެންކަމުން އެގޮތަށް ކަން ހިނގާނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނު ވިދާޅުވި ކަމަށް ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަހްމަދު ފަސީހު ވިދާޅުވެއްޖެ އެވެ.
ފަސީހު އެގޮތަށް ވިދާޅުވީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ތޮލްހަތާ ދެކޮޅަށް ހެކިބަސް ދެމުންނެވެ.
ދައުލަތުގެ ވަކީލު ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ފަސީހު ވިދާޅުވީ ތޮލްހަތު އެގޮތަށް ވިދާޅުވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުގެ މެންދުރު ފުލުހުންގެ އިދާރާގައި ބޭއްވި ބައްދަލުވުމެއްގައި ކަމަށެވެ.
"ތޮލްހަތު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އޮތީ ވިދާޅުވެފައޭ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރުމަށް. އެހެންވީމަ އެގޮތަށް ކަންހިނގާނެޔޭ،" ހެކިބަސް ދެމުން ފަސީހު ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރެވިދާނެތޯ އެ ބައްދަލުވުމުގައި އޭނާގެ އަރިހު ކުރީގެ ހޯމް މިނިސްޓަރު ހަސަން އަފީފް ދެންނެވި ކަމަށާއި އޭގެ ޖަވާބުގައި އަބްދުﷲ ގާޒީ ހައްޔަރު ކުރެވޭނީ ހައިކޯޓުގެ އަމުރެއް އޮވެގެން ކަމަށް އޭނާގެ އަރިހު ދެންނެވި ކަމަށް ވެސް ފަސީހު ވިދާޅުވި އެވެ.
"އެ ބައްދަލުވުމުގައި ކުރީގެ ހޯމް މިނިސްޓަރު ހަސަން އަފީފް އަޅުގަނޑު ކައިރީ އެއްސެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރެވިދާނެތޯ؟ އަޅުގަނޑު ދެންނެވިން ހައިކޯޓުގެ އަމުރެއް އޮވެގެންނޭ ހައްޔަރު ކުރެވޭނީ،" ފަސީހު ވިދާޅުވި އެވެ.
ފަސީހު ވިދާޅުވީ އެ މައްސަލައިގެ ތަހުގީގަށް އޭނާ ބަޔާނެއް ދީފައިވާނެ ކަމަށާއި އެއީ ކަންހިނގައިދިޔަ ގޮތް އޭނާއަށް އެނގިފައިވާ ގޮތަށް ދީފައިވާ ދެތު ބަޔާނެއް ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދެން ހެކިބަސްދީފައި ވަނީ ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއީލް އަތީފް އެވެ.
ދައުލަތުގެ ވަކީލާއި ތޮލްހަތުގެ ދިފާއީ ވަކީލު ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން އަތީފް ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރު ކުރެއްވުމަށް ސިފައިންގެ ކިބައިން ފުލުހުން އެއްވެސް އެހީތެރިކަމަކަށް އެދިފައި ނުވާނެ ކަމަށާއި އަދި އެކަމުގައި ފުލުހުންގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ.
އަތީފް ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރު ކުރުމުގެ ކުރިން ބޭއްވި ބައެއް ބައްދަލުވުންތަކުގައި އޭނާވެސް ބައިވެރިވެފައިވާނެ ކަމަށާއި ނަމަވެސް އެއިން ބައްދަލުވުމެއްގައި އަބްދުﷲ ގާޒީ ހައްޔަރު ކުރުމާ ބެހޭ އެއްވެސް ވާހަކައެއް ދެކެވިފައިވާ ކަމެއް މިހާރު ހަނދުމަފުޅެއް ނެތް ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ސުޖައު އުސްމާން ވިދާޅުވީ ދެން އިތުރު ޝަރީއަތުގެ މަޖިލީހެއް އޮންނާނީ އަންނަ އަންގާރަ ދުވަހު ކަމަށެވެ. އަދި އެ ދުވަހު ވެސް އޮންނާނީ ބައެއް ހެކީންގެ ހެކިބަސް ނެގުން ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.