ގައުމީ ޔުނިވަސިޓީގައި ޕޯސްޓް ގްރޭޖުއޭޓް ރިސާޗް ސެންޓަރެއް ހުޅުވައި ޔުނިވަސިޓީން ކުރިއަށް އޮތް ފަސް އަހަރަށް ކަނޑައަޅާފައިވާ ސްޓެރަޓިޖިކް ޕްލޭން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ނެރެދެއްވައިފި އެވެ.

ގައުމީ ޔުނިވަސިޓީގެ މަރުކަޒީ އިދާރާގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ޕޯސްޓްގްރޭޖުއޭޓް ރިސާޗް ސެންޓަރު ހުޅުވައިދެއްވީ ރައީސް ޑރ. ވަހީދެވެ.

ޕޯސްޓްގްރެޖުއޭޓް ސެންޓަރު ހުޅުވައިދެއްވުމަށް ފަހު ފެކަލްޓީ އޮފް އެޑިއުކޭޝަންގެ އޮޑިޓޯރިއަމްގައި އޮތް ރަސްމިއްޔާތެއްގައި ރައީސް ވަނީ ޔުނިވަސިޓީގެ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ސްޓެރަޓިޖިކް އެކްޝަން ޕްލޭން ވެސް ނެރެދެއްވާފަ އެވެ.

އެ އެކްޝަން ޕްލޭންގައި މައިގަނޑު ނުވަ ގޯލެއް ވަނީ ކަނޑައަޅާފަ އެވެ. އޭގެތެރޭގައި ކިޔެވުމުގައި ދެމިހުރުމާއި ރިސާޗްކުރާ ތަނަކަށް ހެދުމުގެ އިތުރުން ފެންވަރު ރަނގަޅު ސްޓާފުން ތިބި ކާމިޔާބު ދަރިވަރުންތަކެއް ނެރޭ ތަނަކަށް ހެދުން ހިމެނެ އެވެ.

މިއަދު ހަވީރު އޮތް އެ ރަސްމިއްޔާތުގައި ރައީސް ޑރ. ވަހީދު ވިދާޅުވީ ޔުނިވަސިޓީއަކީ ހަމައެކަނި އިލްމު ހާސިލް ކުރާ ތަނަކަށް ހެދުމުގެ ބަދަލުގައި އިލްމު އުފައްދައިދޭ ތަނަކަށް ވެސް ވާންޖެހޭ ކަމަށެވެ. އަދި އެ އުފައްދާ ޢިލްމަކީ ދީނާއި ސަގާފަތާއި ގައުމިއްޔަތާ ގުޅެން ޖެހޭ އެއްޗެއް ކަމަށެވެ.

ޔުނިވަސިޓީގައި މިއަދު ހުޅުވި ޕޯސްޓްގްރެޖުއޭޓް ރިސާޗް ސެންޓަރާ ބެހޭ ގޮތުން ރައީސް ވިދާޅުވީ ޔުނިވަސިޓީގައި ކުރާ ރިސާޗްތައް މިހާރު އިނގިރޭސި ބަހުން ނެރުނުނަމަވެސް މުސްތަގުބަލުގައި ދިވެހިބަހުން އެ ރިސާޗްތައް ނެރޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ރިސާޗްތަކުގައި ބޭނުންކުރާ އިނގިރޭސި ބަސްތަކަށް ދިވެހި ބަސް އުފައްދަން ޖެހޭކަން ވެސް ރައީސް ޑރ. ވަހީދު ފާހަގަ ކުރެއްވި އެވެ.

ޔުނިވަސިޓީގައި ހުޅުވި ޕޯސްޓްގުރެޖުއޭޓް ރިސާޗް ސެންޓަރުގެ އިތުރުން ޕްރެޒިޑެންޓަލް ރިސާޗް ފެލޯޝިޕެއް ގާއިމް ކުރަން ގަސްތު ކުރައްވާ ކަމަށާއި އެކަމާ ގުޅޭ ލިޔެކިޔުންތައް ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭ ޔުނިވަސިޓީއަށް ފޮނުއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެކަށީގެންވާ ވަރަށް ބަޖެޓް ނެތުމުން މިވަގުތު ގާއިމުކުރެވެން އޮތީ އެއް ފެލޯޝިޕް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ރައީސް ވަހީދު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އިތުރު ފެލޯޝިޕްތައް ގާއިމްކުރައްވާނެ ކަމަށެވެ.

ގައުމީ ޔުނިވަސިޓީގައި ޕޯސްޓްގުރެޖުއޭޓް ރިސާޗް ސެންޓަރެއް މިއަދު ހުޅުވި އިރު 150 ކޯހެއް މިހާރު ވެސް ކުރިއަށް ގެންދެ އެވެ. އަދި 7،000 އަށްވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލުކުރަމުން އަންނަ ޔުނިވަސިޓީގެ ޖުމްލަ 11 ކެމްޕަސްއެއް އެކި ހިސާބުތަކުގައި ހިންގަ އެވެ.