13 Mar 2013, 18:28
ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ ބައެއް މާއްދާތަކުގެ ސަބަބުން ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމާއި މައުލޫމާތުގެ މަސްދަރު ހިމާޔަތް ކުރުމަށް ހުރަސްތަކެއް އެޅި، ނޫސްވެރިންގެ މައްޗަށް ޖިނާއީ ދައުވާ އުފުލިދާ ނެތީ މޯލްޑިވްސް ޖާނަލިސްޓް އޭސޯސިއޭޝަން (އެމްޖޭއޭ) އިން އެ މައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހައިކޯޓަށް މިއަދު ހުށަހަޅައިފި އެވެ.
އެމްޖޭއޭ އިން މިއަދު ބުނީ އެ މައްސަލަ އެ ޖަމިއްޔާގެ ފަރާތުން ހައިކޯޓަށް ހުށައަޅަފައިވާ އިރު އެ ޖަމިއްޔާގެ ފަރާތުން އެކޯޓުގައި ތަަމްސީލު ކުރާނީ ސުއޫދު އަންވަރު އެލްއެލްފީ ކަމަށެވެ. އަދި ލޯ އެފާމްގެ ފަރާތުން ލޯޔަރުންގެ ގޮތުގައި ވަކާލާތު ކުރައްވާނީ ހުސްނުއް ސުއޫދާއި އިސްމާއިލް ވިޝާމް ކަމަށެވެ. އަދި އަލީ ހުސައިން ވެސް ވަކާލާތު ކުރައްވާނެ ކަމަށް އެމްޖޭއޭ އިން ބުންޏެވެ.
އެމްޖޭއޭ އިން ބުނީ އެ ޖަމިއްޔާގެ ފަރާތުން އެ މައްސަލަ ހައިކޯޓަށް ހުށައެޅީ އެ ގާނޫނުގެ 17 ވަނަ މާއްދާގައި "ކޮންމެ މީހަކަށްމެ ރައްޔިތުންގެ މަޖިލީހަށް ނުވަތަ އެ މަޖިލީހުގެ ކޮމެޓީއަކަށް ހަޒީރުވެ އެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތީން ހެކިބަސް ދިނުމާއި ރައްޔިތުންގެ މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ހުށައެޅުމަށް އެންގުމުގެ" ބާރު މަޖިލީހަށް ލިބިދޭ އިރު އެކަމުގައި ނޫސްވެރިން އިސްތިސްނާ ނުވާތީ އެއީ ގާނޫނު އަސާސީގެ 28 ވަނަ މާއްދާއިން ލިބިފައިވާ ނޫސްވެރިކަމުގެ މިނިވަންކަމާ ހިލާފު މާއްދާއަކަށް ވާތީ ކަމަށެވެ. އަދި މަޖިލީހަށް ހާޒިރުކުރެވޭ ފަރާތްތަކުގެ ތެރެއިން މަޖިލީހުން ކުރާ ސުވާލުތަކަށް ޖަވާބު ދާރީ ނުވާ ފަރާތްތަކާ މެދު މަޖިލީހުގެ އަމުރަށް ނުކިޔަމަންތެރިވި ފަރާތެއް ކަމަށް ބަލައި އެ ކަމަކީ ޖިނާއީ ކުށެއް ކަމުގައި ބަލައި އަދަބު ދެވޭއިރު އެއީ ވެސް ނޫސްވެރިކަމުގެ މިނިވަން ކަމަށް އެޅޭ ހުރަހެއް ކަމުންނާއި ގާނޫނު އަސާސީގެ 53 ވަނަ މާއްދާ އިން ލިބިދޭ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ހައްގާއި ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (ނ)ގައި ތިމާއާ ދެކޮޅަށް ބަޔާނެއް ނުދިނުމުގެ ހައްގާމެދު ތައާރުޒު ވާތީ ކަމަށެވެ.
އެމްޖޭއޭ އިން ކުރިން ބުނެފައި ވަނީ މަޖިލީހުގެ ކޮމެޓީތަކަށް ނޫސްވެރިން އިސްތިސްނާއެއް ނެތި ހާޒިރުކޮށް އެ މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ނުވަތަ ބޭނުންވާ މައުލޫމާތެއް ހުށަހަޅަން އެންގިދާނެ މީހެއް ކަމަށް ބުނުމަކީ ނޫސްވެރިކަމަށް ގާނޫނު އަސާސީން ދީފައިވާ ސޭފްގާޑްތައް ނައްތާލުން ކަމަށެވެ.
އެމްޖެއޭގެ ފަރާތުން އިމްތިޔާޒްގެ ބިލުގެ މައްސަލަ ހައި ކޯޓަށް ހުށަހަޅާފައިވާ އިރު ދައުލަތުގެ ބަންޑާރަ ނައިބުގެ އޮފީހުގެ ފަރާތުން ވަނީ އެ މައްސަލަގައި ސުޕުރީމް ކޯޓަށް ވައްދައިފަ އެވެ.