13 Mar 2013, 18:15
ރައީސުލްޖުމްހޫރީއްޔާ އިއްޔެ ތަސްދީގު ކުރެއްވި ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ އަށް މާއްދާއެއް ބާތިލުކޮށްދިނުމަށް އެދި ދިވެހި ގައުމީ ޕާޓީގެ ފަރާތުން އެ ޕާޓީގެ ނައިބް ރައީސް އިމާދު ސޯލިހު ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
އިމާދު ސޯލިހު މިއަދު ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައި ވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ އަށް ވަނަ މާއްދާ އާއި 27 ވަނަ މާއްދާ އާއި 29 ވަނަ މާއްދާ އާއި 35 ވަނަ މާއްދާ އާއި 36 ވަނަ މާއްދާގެ އާއި އަދި އެ ގާނޫނުގެ 37 މާއްދާ އަކީ ގާނޫނު އަސާސީގެ ހަތަރު ވަނަ މާއްދާ އާއި 20 ވަނަ މާއްދާ އާއި 30 ވަނަ މާއްދާއާ ހިލާފް މާއްދާތަކެއް ކަމަށް ކަނޑައަޅައި އެ މާއްދާތައް ބާތިލުކޮށް ދިނުމަށެވެ.
ސުޕްރީމް ކޯޓަށް މިއަދު އިމާދު ހުށަހެޅުއްވި މައްސަލާގައި އިތުރަށް އެދިފައި ވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ އަށް ވަނަ މާއްދާ އާއި 11 ވަނަ މާއްދާގެ (ހ) އާއި، (ރ) އާއި، 12 ވަނަ މާއްދާގެ (ށ) އާއި 27 ވަނަ މާއްދާގެ (ނ) އާއި 35 ވަނަ މާއްދާގެ (ށ) އާއި 36 ހަވަނަ މާއްދާއާއި 37 ވަނަ މާއްދާ އަށް ޢަމަލުކުރުން ހުއްޓާލުމަށް ދައުލަތުގެ މުއައްސަސާތަކުގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް ވެސް އެދިފައިވެ އެވެ. މީގެ އިތުރުން ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅުއްވަންދެން ޤާނޫނު ނަންބަރު ސިޔާސީ ޕާޓީގެ ޤާނޫނުގެ އަށް ވަނަ މާއްދާއާއި 11 ވަނަ މާއްދާގެ (ހ) އާއި (ރ) އާއި 12 ވަނަ މާއްދާގެ (ށ) އާއި 27 ވަނަ މާއްދާގެ (ނ) އާއި، 35 ވަނަ މާއްދާގެ (ށ) އާއި 36 ހަވަނަ މާއްދާ އާއި 37 ވަނަ މާއްދާ އަމަލު ނުކުރަން ދައުލަތުގެ އެންމެހައި ފަރާތްތަކަށް އަންގާ ވަގުތީ އަމުރެއް ނެރެދެއްވުމަށް ވެސް ވަނީ އެދިފަ އެވެ.
އިމާދު ބާތިލް ކުރުމަށް އެދި ހުށަހެޅި ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ އަށް ވަނަ މާއްދާގައި ބުނަނީ އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓްރީކޮށްފައިވާ ޕާޓީތައް ކަމަށް ބެލެވޭނީ ގާނޫނު ތަސްދީގު ކުރާ އިރު 10،000 މެންބަރުން ހަމަވާ ޕާޓީތައް ކަމަށެވެ. އަދި އެ ގާނޫނުގެ 11 ވަނަ މާއްދާގައި ބުނަނީ ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރެވޭނީ 10،000 މެންބަރުންގެ ސޮޔާ އެކު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން ކަމަށެވެ. މީގެ އިތުރުން އެ ގާނޫނުގެ 35 ވަނަ މާއްދާގައި ބުނަނީ ދައުލަތުން ސިޔާސީ ޕާޓީތަކަށްދޭ ފައިސާ ދޫކުރާނީ އިލެކްޝަންސް ކޮމިޝަންގައި ރިޖިސްޓްރީކޮށްފައިވާ ޕާޓީތަކުގެ މެންބަރުންގެ އަދަދަށް ކަމަށެވެ. މީގެ އިތުރުން އެ ގާނޫނުގެ 36 ވަނަ މާއްދާގައި ބުނަނީ އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓްރީ ކޮށްފައިވާ ޕާޓީތަކުގެ ތެރެއިން 20،000 މެންބަރުން ހަމަވާ ޕާޓީތަކަށް މާލޭ ސިޓީ ކައުންސިލުން 1000 އަކަ ފޫޓުގެ ބިމެއް ދޭން ވާނެ ކަމަށެވެ.
ގައުމީ ޕާޓީގެ ފަރާތުން އިމާދު ހުށަހެޅި މައްސަލައާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ޓަކައި މިއަދު ގައުމީ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ސެކްޓްރީ ޖެނަރަލް އަބްދުﷲ އަމީން ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގާނޫނުން އެ މައްދާތައް ބާތިލްކޮށް ދިނުމަށް އެދި ހުށަހެޅި މައިގަނޑު ސަބަބަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބާތިލުކޮށްދިނުމަށް އެދި ހުށަހަޅާފައިވާ މާއްދާތަކަކީ ގާނޫނު އަސާސީގެ 30 ވަނަ މާއްދާގެ ދަށުން ލިބިދޭ ސިޔާސީ ޕާޓީއުފައްދައި ހިންގައި ޕާޓީތަކުގެ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ހަނިވެފައިވާ މާއްދާތައް ކަމަށް ވާތީ ކަމަށެވެ.
އަމީން އިތުރަށް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރެވޭނީ 10،000 މެންބަރުން ހަމަވުމުން ކަމަށް ކަނޑައަޅާފައި ވަނީ ދުނިޔޭގެ އެހެން ޑިމޮކުރެޓިކް ގައުމުތަކުގައި އެކަން ކަނޑައަޅާފައިވާ ގޮތާ ހިލާފަށް ކަމަށެވެ. އަދި މަޖިލީހުގައި ހިމެނޭ ބޮޑެތި ސިޔާސީ ޕާޓީތަކުން އެކަން އެގޮތަށް ކުރުމުގެ މައިގަނޑު މަގުސަދަކީ އެ މީހުންގެ އަމިއްލަ މަސްލަހަތު ހިމާޔަތް ކުރުމުގެ ބޭނުމުގައި ކޮށްފައިވާކަމެއް ކަމަށް ވެސް އަމީން ވިދާޅުވި އެވެ.