13 Mar 2013, 17:36
ރައްޔިތުންގެ މަޖިލީހުގެ ދެތިން މެމްބަރަކު މިހާރުވެސް ޕީޕީއެމްއަށް ސޮއި ކުރައްވާފައިވާ ކަމަށާއި، އެ ބޭފުޅުންގެ ފޯމްތައް މިހާރު އެ ޕާޓީގެ އޮފީހުގައި އެބަހުރި ކަމަށް ޕީޕީއެމްގެ ސްޕޯކްސް ޕާސަން އަހްމަދު މަހްލޫފު މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާ އަބްދުﷲ ޔާމިން ނިސްބަތްވެ ވަޑައިގަންނަވާ "ޔަގީން" ޓީމުގެ ކެމްޕެއިން އޮފީހުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މަހްލޫފް ވިދާޅުވީ މިހާތަނަށް ސޮއި ކުރައްވައިގެން ތިއްބެވި މެމްބަރުންގެ ނަންތައް ހާމަ ނުކުރައްވަނީ އެ ބޭފުޅުންގެ އެދިވަޑައިގަތުމުގެ މަތިން ކަމަށާއި، އެކަމަށް އެންމެ މުނާސަބް ވަގުތުގައި އެ ނަންތަށް އިއުލާން ކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ އޭގެ އިތުރުން ވެސް މަޖިލީހުގެ އިތުރު މެންބަރުންނާޢި މަޝްވަރާ ކުރައްވައި ޕީޕީއެމްއަށް ގުޅިވަޑައިގަތުމުގެ ދައުވަތު ދީފައި ވާނެ ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ދެތިން މެމްބަރަކު މިހާރުވެސް ތިއްބެވީ ޕީޕީއެމް އަށް ސޮއި ކޮށްގެން. އަޅުގަނޑުމެންގެ އަތުގައި އެ ފޯމްތަށް ވެސް އެބަހުރި. އެކަމަކު ވަގުތު ޖެހުނީމަ އަޅުގަނޑަށް ހީވަނީ އެ ބޭފުޅުން ވެސް ބޭނުންވާ ގަޑީގައި އެކަން ހާމަ ކުރުމަށް ކަންނޭނގެ އެހެރީ ބެހެއްޓިފައި. ދެން ޕީއޭގެ ނާޒިމް މެން މިހާރު ވެސް އަޅުގަނޑު މެންނާއި އެކީގައި އެ މަސައްކަތް ކުރައްވަނީ. ނޭނގެ މިހާރުވެސް ސޮއި ނުކުރައްވާ ކަމެއް،" މަހްލޫފް ވިދާޅުވި އެވެ.
ޔާމިން ގެ ކެމްޕެއިން ރަސްމީ ކޮށް ލޯންޗް ކުރުމަށް މާދަމާ ރޭ 8:45 ގައި ހެދި ގޮނޑުދޮށުގައި އެ އެ ޕާޓީން ބާއްވަން ތައްޔާރު ވަމުން އަންނަ ޖަލްސާ އާ ގުޅޭ ގޮތުން މަހްލޫފް ވިދާޅުވީ އެ ޖަލްސާ އަކީ މިހާތަނަށް "ޔަގީން" ޓީމުން ބާއްވާފައި ނުވާ ފެންވަރުގެ ވަރަށް ތަފާތު ކަންތައް ތަކެއް ފެނިގެންދާނެ ޖަލްސާ އަކަށް ވާނެ ކަމަށެވެ.
އެ ގޮތުން މުޅިން އާ މޫނު ތަކެއް މާދަމާ ރޭ އެ ޕާޓީ އާ ގުޅޭތަން ފެނުމަކީ ވެސް ވަރަށް އެކަށީގެންވާ ކަމެއް ކަމަށް މަހްލޫފް ވިދާޅުވި އެވެ.