13 Mar 2013, 17:10
ރައީސުލްޖުމްހޫރިއްޔާ އިއްޔެ ތަސްދީގު ކުރެއްވި ސިޔާސީ ޕާޓީތަކުގެ ގާނޫނާ އެކު އެމްޑީއޭ އުވިގެންދާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި އެ ގާނޫނު އައުމުގެ ކުރިން އެމްޑީއޭ އިން 10000 އަށް ވުރެ ގިނަ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާނެ ކަމަށް އެ ޕާޓީގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނު އައުމުން 10000 މެންބަރުން ހަމަނުވާ ޕާޓީތަކާ އެކު އެމްޑީއޭ އިލެކްޝަންސްގެ ދަފުތަރުން އުނިކުރި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނުމާ ގުޅިގެން އެމްޑީއޭ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިޔާމް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްތީގު ކުރެއްވުމުގެ ކުރިން 12700 ފޯމް އެ ޕާޓީން އިލެކްޝަނަށް ހުށަހަޅާފައިވާނެ ކަމަށެވެ.
"ސިޔާސީ ޕާޓީތަކުގެ ގާނޫނު އުފެދިގެން އައި އިރު އޮންނަނީ 1000 މީހުން [ޕާޓީއެއްގައި ތިބެން ޖެހޭނެ ކަމަށް]. އަޅުގަނޑުމެން ރައްޔިތުން މަޖިލީހުން ވޯޓުލުމުގެ އެތައް ދުވަހެއް ކުރިން ވާނީ 10000 އަށް ވުރެ ގިނަ މީހުންގެ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި. އަދި އެންމެ ފަހުން ރައީސުލްޖުމްހޫރިއްޔާ އެ ބިލް ތަސްދީގު ކުރުމަށް މަޖުބޫރުކުރި ހާލަތުގައި އެ ގާނޫނު ފާސްކުރުމުގެ ކުރިން އަޅުގަނޑުމެން ވާނީ 12700 ފޯމް އިލެކްޝަންސް ކޮމިޝަނަށް ހަވާލުކޮށްފައި. އެހެންވީމާ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މި ޕާޓީއަކީ އުވިގެންދާން ޖެހޭނެ ޕާޓީއެއް ނޫން. ގާނޫނު އަސާސީ އާއި ހެދިފައި ހުރި ހުރިހާ ގާނޫނުތަކަށް ރިއާޔަތް ކުރި ނަމަވެސް މި ޕާޓީއަކީ އުވިގެން ދާނެ ޕާޓީއެއް ނޫން،" ސިޔާމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ ވެސް މެންބަރު ޝިޔާމް ވިދާޅުވީ މަޖިލީހުގައި ތަމްސީލު ކުރަމުންދާ ބޮޑު ހަތަރު ޕާޓީން ސިޔާސީ ޕާޓީތަކުގެ ބިލް ފާސްކޮށްފައިވާ ގޮތުން ސިޔާސީ ހައްގެއް ނިގުޅައިގަނެފައިވާ ކަމަށާއި އެއީ މަޖިލީހުން ރައްޔިތުންނަށް ދީފައިވާ ބޮޑު އަނިޔާއެއް ކަމަށެވެ.
"މި ކަމަކީ މަޖިލީހުން ގަސްތުގައި އަނިޔާވެރިކަން ދިނުމުގެ ގޮތުން ކުރަމުންދާ ކަމެއްގެ ގޮތުގައި އަޅުގަނޑަށް ދެންނެވިދާނެ. މިއީ ރައްޔިތުންގެ އަޑު ރައްޔިތުން ބޭނުންވާ ގޮތަށް، ރައްޔިތުން އިހްސާސްތައް ރައްޔިތުންނަށް އިވިގެން ނުދާނެ ގޮތް ހެދުމަށް ކުރެވޭ މަސައްކަތެއް،" ސިޔާމް ވިދާޅުވި އެވެ.
ދިހަ ހާހަށް ވުރެ ގިނަ ފޯމް އިލެކްޝަނަށް ހުށަހަޅާފައިވަނިކޮށް އެމްޑީއޭ އިލެކްޝަންސްގެ ދަފުތަރުން އުނިކުރި ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވާ މައްސަލަ ކޯޓަށް ހުށަހަޅުއްވާނެ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިކަން ދިފާއު ކުރުމަށް ޓަކައި ދިވެހި ރާއްޖޭގެ ޝަރުއީ މަރުހަލާގައި ކުރަން ޖެހޭ ހުރިހާ މަސައްކަތެއް އިރާދަކުރެއްވިއްޔާ މާދަމައިން ފެށިގެން ކުރާނަން،" ސިޔާމް ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަދި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު ވިދާޅުވީ އެމްޑީއޭ އޮތް ހާލަތުގައި ޕާޓީ އުވިގެންދާނެ ކަމަށް ބުނެފައިވާ އެއްވެސް މާއްދާއެއް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ނެތް ކަމަށާއި އެމްޑީއޭ އުވިގެންގޮސްފައިވާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ އިއުލާނަކީ ޒިންމާ ދާރުކަން ކުޑަ ގޮތެއްގައި ކޮށްފައިވާ ކަމެއް ކަމަށެވެ.
އަދި އެމްޑީއޭ އުވިގެން ނުދާނެ ކަމުގެ ޔަގީންކަން އެ ޕާޓީގެ މެންބަރުނަށް އަރުވާ ކަމަށާއި އެ ޕާޓީ އަށް އަލަށް މެންބަރުން ގުޅެމުންދާ ކަމަށް ވެސް އާމިރު ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީ ކޮށްފައިވާ ޕާޓީއެއް އުވާލެވިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކޮށްފައިވާ އިރު އެކަމުގެ އެއްވެސް މުއާމަލާތެއް އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީއާ ކޮށްފައިނުވާ ކަމަށް ވެސް އާމިރު ވިދާޅުވި އެވެ.
"އަޅުގަނޑުމެނަކަށް މި ޕާޓީއަކަށް އެއްވެސް ލިޔުމަކުން ވެސް އަންގާފައެއް ނުވޭ ޕާޓީ އުވުނު ކަމަކަށް. އެއްވެސް މުއާމަލާތެއް އެކަމާ ގުޅޭ ގޮތުން ހިނގާފައެއް ނުވޭ އިލެކްޝަންސް ކޮމިޝަނާ ދެމެދު. އަޅުގަނޑުމެން މި ވާހަކަ މި ދައްކަނީ މީޑިޔާ މެދުވެރިކޮށް އިލެކްޝަނުން ކުރި އިއުލާނަކާ ގުޅިގެން. އެއީކީ ޒިންމާދާރު ގޮތެއްނޫން،" އާމިރު ވިދާޅުވި އެވެ.
ދިހާ ހާސް ހަމަނުވާ ކަމަށް ބުނެ ބައެއް ޕާޓީތައް އުވާލާފައިވާ އިރު ސިޔާސީ ޕާޓީތަކުގެ ގާނޫނު އައުމުގެ ކުރިން ޕާޓީތަކުން ހުށަހަޅާފައިވާ ފޯމްތައް ނުބަލާ ހުރި ކަމަށް އިލެކްޝަންސް އެކޮމިޝަނުން ވެސް ވަނީ ބުނެފަ އެވެ.
އެމްޑީއޭގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީއޭގެ ނައިބު ލީޑަރުން ކަމަށްވާ ޢަލީ މައުރޫފާއި ޢާއިޝަތު ރަފިއްޔާ ވެސް ބައިވެރިވެވަޑައިގަތެވެ.