13 Mar 2013, 16:46
ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އަމަލު ކުރަން ފެށި ފަހުން އެއްވެސް ސިޔާސީ ޕާޓީއެއް އަދި މިހާތަނަށް އުވާލާފައި ނޯންނާނެ ކަމަށާއި މިހާތަނަށް ފަސް ޕާޓީ ފިޔަވާ ދެން ހުރި ޕާޓީތައް ވަކިކޮށްފައި ވަނީ އިލެކްޝަން ކޮމިޝަންގެ ދަފްތަރުން ކަމަށް އިލެކްޝަން ކޮމިޝަނުން މިއަދު ބުނެފި އެވެ.
~
އިލެކްޝަންސް ކޮމިޝަނުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަހުމަދު ފަޔާޒް ހަސަން ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ބިލް ތަސްދީގުވުމާ ގުޅިގެން އެއްވެސް ސިޔާސީ ޕާޓިއެއް މިހާތަނަށް އިލެކްޝަން ކޮމިޝަނުން އުވާލާފައި ނުވާނެ ކަމަށާއި އެ ކޮމިޝަނުން މިހާތަނަށް ވާނީ 10،000 މެމްބަރުން ހަމަވާ ޕާޓީތައް ފިޔަވައި ދެން ހުރި 11 ޕާޓީތަށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އުނިކޮށްފައި ކަމަށެވެ. އަދި އެ ކޮމިޝަނުން މެމްބަރުން ހަމަނުވެގެން ސިޔާސީ ޕާޓީއެއް އުވާލާނީ މިހާރު ސުޕުރީމް ކޯޓަށް ހުށަހަޅާފައިވާ ސިޔާސީ ޕާޓީތަކުގެ ބިލްގެ މައްސަލާގައި އެ ކޯޓުން ވަކި ގޮތެއް ނިންމުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަލަށް ތަންފީޒު ވި ސިޔާސީ ޕާޓިތަކުގެ ގާނޫނުގެ ސަބަބުން އިލެކްޝަން ކޮމިޝަނަށް ވަރަށް ބޮޑަށް ބާރެއް ލިބިފައިއެބައޮތް ސިޔާސީ ޕާޓީތަށް އުވާލަން... ނަމަވެސް އިއްޔެ މި ގާނޫނު ތަންފީޒު ކުރާން ފެށިފަހުން އިލެކްޝަން ކޮމިޝަނަކުން އެއްވެސް ޕާޓީއެއް އުވައެއް ނުލައޭ، ސިޔާސީ ޕާޓީތަކުގެ ގާނޫނު ތަސްދީގު ވެގެން އައި ހިސާބުން ފަސް ޕާޓީއެކޭ މިހާތަނަށް ދަފްތަރުގައި އޮތީ،" ފަޔާޒު ވިދާޅުވި އެވެ.
ދެ ޕާޓީއަކުން 10000 މެމްބަރުން ހަމަކުރުމަށްފަހު އިލެކްޝަނަށް ހުށައަޅަފައިވަނިކޮށް އެ ދެ ޕާޓީ އިލެކްޝަންގެ ދަފްތަރުން އުނިކުރެވުނީ އިލެކްޝަނުގެ އިހުމާލަކުންތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ފަޔާޒް ވިދާޅުވީ އިލެކްޝަން ކޮމިޝަނުން މަސައްކަތް ކުރަމުންދިޔައީ ފޯމްތައް ހިމެނުމަށް ކަމަށާއި ހުށަހަޅާފައިވާ ފޯމްތަކުގެ ތެރެއިން ސައްހަ ނޫން ފޯމްތައް ވެސް ހިމެނޭ ކަމަށެވެ. އަދި ސިޔާސީ ޕާޓީތައް ދަފްތަރުން ވަކިކުރެވިފައިވާއިރު އެ ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޫކޮށްފައިވާ ފައިސާއަށް ހަދާނެ ގޮތަކާ މެދު މަޝްވަރާ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ސިޔާސީ ޕާޓީތައެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިނުވާ ޕާޓީއެއް ސިޔާސީ ޕާޓީގެ ނަމުގައި ހަރަކާތްތެރިވާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ފަޔާޒް ވިދާޅުވި އެވެ.
ސިޔާސީ ޕާޓީތަކަށް މެމްބަރުން ވެއްދުމުގައި އޮޅުވާލައިގެން ނޭނގި މީހުން ވައްދާ މައްސަލާގައި އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަލީ މުހައްމަދު މަނިކު ވިދާޅުވީ ނޭނގި ސިޔާސީ ޕާޓީތަކަށް މީހުން ވައްދާ މައްސަލަ ވަރަށް ބޮޑަށް ދިމާވާ ކަމަށާއި އެގޮތުން މަރުވެފައިވާ މީހުންވެސް ބައެއް ސިޔާސީ ޕާޓީތަކުގައި ރަޖިސްޓްރީ ކުރުމަށް ޕާޓީތަކުން ހުށަހަޅާއިރު ބޮޑެތި އޮޅުވާލުންތައް ވެސް ހިމެނޭ ކަމަށެވެ. އެއީ ކޮން ޕާޓީ ތަކެއްތޯ ސަން އިން ސުވާލުކުރުމުން އޭނާ ވިދާޅުވީ އެ މައްސަލަ މިހާރު ބަލަމުންދާތީ އެކަމުގެ އިތުރު ތަފްސީލެއް ދެވޭން ނެތް ކަމަށެވެ. އަދި ފިންގަޕްރިންޓް ޖެހި ދުވަސްވަރު އެމައްސަލަ ހައްލުވެފައިވާ ކަމަށާއި ސިޔާސީ ޕާޓީތަކުގެ ބިލް ތަސްދީގުވުމާ ގުޅިގެން ދެން އިލެކްޝަން ކޮމިޝަނުން ބަލައިގަންނަ ފޯމްތައް ބަލައި ގަންނާނީ އިނގިލީގެ ނިޝާނުގެ ކޮޕީއަކާއެކުގައި ކަމަށް އޭނާ ވިދާޅުވި އެވެ.