13 Mar 2013, 15:28
އާޓިފިޝަލް ބީޗް ސަރަހައްދުން ސައިކަލެއްގައި ދަނިކޮށް ދަނގަޑު ބުރިއަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ރާއްޖެ ޓީވީގެ ނޫސްވެރިޔާ އިބްރާހިމް ވަހީދު (އަސްވާޑް) އަށް ދިން ހަމަލާއަކީ ސީދާ ނޫސްވެރި ކަމަށް އަމާޒުކޮށްގެން ދިން ހަމަލާއެއް ނޫން ކަމަށް ފުލުހުން ބުނެފި އެވެ.
~
އިސްކަންދަރު ކޮށީގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޔުނިޓްގެ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ދާއޫދު މިއަދު ވިދާޅުވީ އަސްވާޑަށް ހަމަލާދިން ކަމުގެ ތުހުމަތުގައި 18 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ ހަމަލާއަކީ ބަޔަކު ދުރާލާ ރާވައިގެން ހިންގާފައިވާ ވަރަށް ބޮޑު ޒަރީމާއެއް ކަމަށް ތަހުގީގަށް މިހާތަނަށް ލިބިފައިވާ މައުލޫމާތުން އެނގިފައިވާ ކަމަށެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައިވާ ދެ މީހުންގެ ކިބައިން ތަހުގީގަށް އެއްބާރުލުން ލިބެމުން ނުދާ ކަމަށާއި އެ ދެމީހުންގެ މައްޗަށް ކުށް ސާބިތުކުރުމަށްޓަކައި ތަހުގީގަށް އެކާށީގެންވާ ކުރިއެރުމެއް ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެ މީހުންގެ މައްޗަށް އެކަށީގެންވާ ހެއްކާ ގަރީނާ ލިބިފައިވާ ކަމަށް ވެސް ދާއޫދު ވިދާޅުވި އެވެ.
އަސްވާޑަށް ދިން ހަމަލާގެ ބޭނުމަކީ ސީދާ ކޮބައިކަން އަދި މިހާތަނަށް އެނގިފައި ނުވާ ކަމަށާއި ނަމަވެސް އެ ކަމުގައި އެއްވެސް ސިޔާސީ ކުލަައެއް ޖެހިފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މައްސަލަ މިހާތަނަށް ތަހުގީގު ކުރިކުރުމުން އެ އަނިޔާވެރި ހަމަލާއަކީ ބަޔަކު ދުރާލާ ރޭވިގެން ހިންގާފައިވާ ވަރަށް ބޮޑު ޖަރީމާއެއް، މިކަމުގެ އަޑީގައި ސިޔާސީ އެއްވެސް ކަމެއް އޮތް ކަމަކަށް އަދި އަޅުގަނޑުމެންނަށް ފާހަގަ ކުރެވިފައެއް ނުވޭ، މި މައްސަލާގައި ހައްޔަރުކޮށްފައިވާ ދެމީހުންނަކީ ސިޔާސީ އެކިއެކި މުޒާހަރާތަކާއި އެއްްވުންތަކަށް ގޮސް އުޅޭ މީހުން، އެހެންނަމަވެސް މިކަންތައް އަދި މިދާ ގޮތުން މިކަމަކީ އެއްވެސް ވަރަކަށް ފައިސާ ދީގެން ކުރުވި ކަމެކޭ ބުނެވޭކަށް ނެތް، މިއީ ނޫސްވެރި ކަމަށް ސީދާ ދިން ހަމަލާއެކޭ ވެސް ބުނެވޭކަށް ނެތް،" ދާއުދޫ ވިދާޅުވި އެވެ.
އެ ހަމަލާ ދިނުމުގައި ބައިވެރިކަމަށް ތުހުމަތުރެވޭ އިތުރު ބަޔަކު ހޯދަމުން ގެންދާ ކަމަށް ވެސް ފުލުހުން މިއަދު ވަނީ ބުނެފަ އެވެ.
އަސްވާޑަށް ހަމަލާދިން ކަމުގެ ތުހުމަތުގައި މިހާތަނަށް ހައްޔަރުކޮށްފައިވާ ދެ މީހުންނަކީ ވެސް މާލެ ތެރޭގައި ގްރޫޕް ހަދައިގެން ހަރަކާތްތެރިވަމުން ދިޔަ ދެމީހުން ކަމަށާއި އެ ދެ މީހުންގެ ތެރެއިން 21 އަަހަރުގެ މީހާއަކީ މަސްތުވާތަކެއްޗާއި ވައްކަމު ކުށުގެ ރެކޯޑް އޮތް މީހެއް ކަމަށް ފުލުހުން ބުންޏެވެ. އަދި ދެވަނަ މީހާއަކީ މަސްތުވާތަކެއްޗާ މާރާމާރީގެ ކުށުގެ ރެކޯޑް އޮތް މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަސްވާޑަށް ދިން ހަމަލާއާ ގުޅިގެން އޭނާގެ ބޮލުގެ ހަތަރު ތަނަކުން ފަޅައިގެން ގޮސް، ސިނކުޑިއަށް ލޭ އަރައި އޭނާގެ މޫނު މައްޗަށް ބޮޑެތި ތަނިޔާތަކެއް ލިބުމާ ގުޅިގެން އިތުރަށް ފަރުވާދިނުމަށް ވަނީ ލަންކާއަށް ގެންގޮސްފަ އެވެ. އަދި ލަންކާގައި ކުރި އޮޕަރޭޝަނަކަށް ފަހު އޭނާގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުންނެވެ.
ރާއްޖެ ޓީވީގެ ނޫސްވެރިޔާއަށް މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ ބަޔަކު ހަމަލާދިފައި ވަނީ އެރޭ އެމްޑީޕީން މާލޭ ތެރޭގައި ބޭއްވި މުޒާހަރާއެއްގެ ތެރެއިން ޓީވީ މޯލްޑިވްސްގެ ދެ ނޫސްވެރިއެއްގެ ގަޔަށް ތިނަރު ކެމިކަލް ޖަހައިފައި ވަނިކޮށެވެ. އެރޭ ނޫސްވެެރިންނަށް ދިން އެ ހަމަލާތައް ސަރުކާރާއި ސިޔާސީ ޕާޓީތަކުން ކުށްވެރިކޮށްފައިވާއިރު ރާއްޖޭގެ މީޑިއާތަކުން ވަނީ އެ ހަމަލާއާ ގުޅިގެން މަގުތަކަށް ނުކުމެ، އިހުތިޖާޖްކޮށްފަ އެވެ.