13 Mar 2013, 14:59
ކާރެއްގެ އިންޖީނުތެރޭ ފޮރުވައިގެން ކިލޯ އަކަށް ވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރަން އުޅެނިކޮށް އަތުލައިގަތްފި އެވެ.
ކަސްޓަމްސް އިން މިއަދު ބުނީ މާލޭ ކޮމާޝަލް ހާބަރުގައި ރޭ ހިންގި އޮޕަރޭޝަނެއްގައި 1.8 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތްފައިވާ ކަމަށެވެ. އަދި އެ ތަކެތި ތަހުލީލުކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން އަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.
އާންމު ފަރާތަކުން ދިން މައުލޫމާތަކާ ގުޅިގެން ކަސްޓަމްސް އިން ފުލުހުންނާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި އެތަކެތި އަތުލައިގަނެވިފައި ވަނީ، ސްރީލަންކާ އިން ކަނޑުގެ މަގުން ރާއްޖެ އަށް އެތެރެކުރި މުދާ ޝިޕްމަންޓެއްގައި ހިމެނޭ ކާރެއްގެ އިންޖީނު ތެރޭގައި ފޮރުވައިގެން ރާއްޖެ އެތެރެކުރަން އުޅެނިކޮށް ކަމަށް ކަސްޓަމްސްއިން ބުނެ އެވެ.
ފުލުހުން އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ އިރު، އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކުރި ކަމެއް ނުވަތަ ނޫން ކަމެއް ސާފެއްނުވެ އެވެ. އެ މައްސަލައާ ގުޅިގެން ސްރީލަންކާގެ ކަސްޓަމްސްގެ ކަމާބެހޭ ފަރާތްތަކާއި އެމަޢުލޫމާތު ހިއްސާކޮށް، އެކަމާ ގުޅިގެން އިތުރަށް ހޯދަން ޖެހޭ މައުލޫމާތުތައް އެއްކުރުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފަ އެވެ.