13 Mar 2013, 14:55
މާލޭގައި ބޯހިޔާވަހިކަމުގެ ދަތިކަން ދިމާވެފައިވާ ފަރާތްތަކަށް ތަނަވަސް ބޯހިޔާވަހިކަމެއް ހޯދައިދިނުމުގެ މަގުސަދުގައި ސަރުކާރުން އަލަށް ފެށުމަށް ހަމަޖެހިފައިވާ އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ފްލެޓް ލިބޭނޭ ފަރާތްތައް ކަނޑައެޅުމުގައި ބަލާނޭ މިންގަނޑުތައް ކަނޑައެޅުމަށް އާންމުންގެ ހިޔާލު ހޯދަން ސަރުކާރުން ނިންމަވައިފި އެވެ.
މިއަދު ވެލާނާގޭ ދެ ވަނަ ފަންގިފިލާގައި ހުންނަ ޕްރެސް ރޫމްގައި ނޫސްވެރިންނަށް އުލޫމާތު ދެއްވަމުން ބޯހިޔާވަހިކަމާ ބެހޭ ވަޒީރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަކީ އެތައް އަހަރެއް ކުރީއްސުރެން ބޮޑުވަމުން އަންނަ މުޅި ރާއްޖޭގެ ތައްގީ އާއި ގުޅިފައިވާ ވަރަށް ވެސް ސީރިއަސް މައްސަލައެއް ކަމަށެވެ.
"މާލޭ ބޯހިޔާވަހިކަމުގެ މައްސަލައަކީ ވަރަށް ސީރިއަސް ބޮޑު މައްސަލައެއް. މި މައްސަލައަކީ އެތައް އަހަރެއް ކުރީއްސުރެ ބޮޑުވަމުން އަންނަ މުހިއްމު މައްސަލައެއް. މިކަން ހައްލުކުރުމަކީ ކޮންމެ ސަރުކާރަކުން ވެސް ވަރަށް އިސްކަން ދޭންޖެހޭނޭ މުހިއްމު ކަމެއް. މިއީކީ އެންމެ ކަމެއް ކޮށްގެން ހައްލުވާނޭ ކަމެއް ވެސް ނޫން. މިއީ މުޅިރާއްޖޭގެ ތަރައްގީއާ ވެސް ގުޅިފައި އޮތް ކަމެއް،" ވަޒީރު ވިދާޅުވި އެވެ.
އެހެންކަމުން މާލޭގައި ދިރިއުޅުމުގެ ހާލަތަށް ރަނގަޅު ދާއިމީ ހައްލެއް ހޯދޭނީ މާލެ އަށް މީހުން ހިޖްރަކުރަން ޖެހޭ ސަބަބާއި އެކަންކަން ހައްލުކުރެވޭނޭ ގޮތްތައް ވެސް ބަލައި ހޯދިގެން ކަމަށާއި އަދި އާބާދީ ތަރައްގީ އާއި އެއްފަސް ކުރުމުގެ ރަނގަޅު ސިޔާސަތެއް ތަންފީޒު ކުރެވިގެންނާއި ސަރަހައްދީ ތަރައްގީގެ ވިސްނުމުން ރާއްޖޭގެ އުތުރާއި ދެކުނު ތަރައްގީ ކުރެވިގެން ކަމަށް ގޯތިގެދޮރާ ބެހޭ ވަޒީރު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މިހާރުން މިހާރަށް ވެސް އިޖްމާއީ ގޮތުން ދަތިހާލުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ރަނގަޅު ގޮތްތަކެއް ރަނގަޅު ގޮތްތަކެއް ހޯދައިދެވޭނޭ ގޮތްތަކެއް ހޯދުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އެހެންކަމުން މުޅި މައްސަލައިގެ ހައްލުގެ ތެރެއިން އެއްބަޔަކީ އިޖްތިމާއީ ހައުސިން ސުކީމެއް ތައާރަފް ކުރުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ކުރީގެ ސަރުކާރުން ފައްޓަވާފައިވާ ވެށިފަހި ޕްރޮޖެކްޓް ނިމެންދެން މިހާރު ވެސް ކުރިއަށް ގެންދަވާ ގޮތަށް ގެންސްގޮސް ނިންމަވާނެ ކަމަށާއި އެހެން ނަމަވެސް އެ ޕްރޮޖެކްޓްގައި ސޯޝަލް ކްރައިޓޭރިޔާ އަށް ބެލުމުގެ ބަދަލުގައި އާމްދަނީ އަށް މާބޮޑަށް އިސްކަންދީފައިވާ ކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި އެ މަޝްރޫއު އިޖްތިމާއީ ބޯހިޔާވަހި ކަމުގެ މަޝަރޫއެއްގެ ގޮތުގައި އިޝްތިހާރު ކުރެވިފައި ވީނަމަވެސް އެ މަޝްރޫއު ބޮޑަށް ބައްޓަން ކުރެވިފައި ވަނީ އެންމެ ބޮޑަށް އާމްދަނީ ލިބޭ މީހުންނަށް އިސްކަން ދީގެން ކަމަށެވެ.
"ވެށިފަހި ޕްރޮޖެކްޓް މިހާރު މިވަނީ އިރާދަކުރެއްވިއްޔާ ނިމުމަކާހަމަ އަށް ގޮސްފައި. އެ ސުކީމްގައި އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ފާހަގަކޮށްލެވޭ އެންމެ ބޮޑު އެއް މައްސަލައަކީ ސޯޝަލް ކްރައިޓީރިޔާތަކަށް މާބޮޑަށް ބަލާފައި ނެތްކަން. ބޮޑަށް އެ ބޯހިޔާވަހިކަމަށް ކުރެވިފައިވާ ހަރަދަތައް އަނބުރާ ސަރުކާރަށް އެންމެ ފަސޭހައިން ލިބޭނޭ ގޮތަކަށް ވިސްނައިގެން އާމްދަނީ އަށް ވިސްނައިގެން އެ ސުކީމް ބައްޓަންކޮށްފައި އޮތީ،" ވަޒީރު ވިދާޅުވި އެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ ހުރިހާ ކަމަކަށް ބައްލަވާފައި އެންމެ ރަނގަޅު ގޮތެއް ކަމުގައި އެބޭފުޅުން ނިންމީ އިޖްތިމާއީ މިންގަނޑުތަކުން ބެލިގެން ކުރިއަށް ގެންދެވޭ ބޯހިޔާވަހިކަމުގެ އާ ސުކީމެއް ތައާރަފް ކުރުން ކަމަށެވެ. އެގޮތުން އަލަށް ފެށުމަށް ހަމަޖެހިފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ފްލެޓް ލިބޭނޭ ފަރާތްތައް ކަނޑައެޅުމުގައި ބަލާނޭ މިންގަނޑުތަކެއް އެކަށަ އެޅުމަށް ކަމާ ބެހޭ އިދާރާތަކާއި އަމިއްލަ ޖަމިއްޔާއެއް އަދި އާންމު ފަރުދަކު ހިމެނޭ ގޮތަށް "ސޯޝަލް ހައުސިން ކޮމިޓީއެއް" އެކުލަވާލައި އެކޮމިޓީން އެކުލަވާލި މިންގަޑުތަކުގެ ޑްރާފްޓަށް އާންމުންގެ ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެއްވީ ކަމަށެވެ.
ސޯޝަލް ހައުސިން ކޮމިޓީން އެކުލަވާލައި އެ ކޮމިޓީން އެކުލަވާލި މިންގަޑުތަކުގެ ޑްރާފްޓަށް ހިޔާލު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެ ވުޒާރާ އަށް ހިޔާލު ފޮނުއްވުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ. އެގޮތުން ސިޓީ އިންނާއި، އީމެއިލްގެ ޒަރީއާއިންނާއި ފެކްސްގެ ޒަރީއާއިން އަދި އެ ވުޒާރާގެ ވެބްސައިޓު މެދުވެރިކޮށްގެންވެސް ހިޔާލު ހުށަހެޅޭނޭގޮތް ހަމަޖައްސަވާފައި ވާކަމަށް އެ ވުޒާރާއިން ބުނެފައި ވެއެވެ.