މ. ޗަންޕާހެވަންގެ ކައިރީގައި ޕާކްކޮށްފައި ހުރި ސައިކަލެއްގެ މަޑިދަށުން ދެ ލައްކަ ރުފިޔާ ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކުރި ތިން މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މ. ޗަންޕާހެވަން ގޭގެ ކައިރީ ޕާކްކޮށްފައި ހުރި ސައިކަލެއްގެ މަޑިދަށުން 200460ރ. ވަގަށް ނެގި ކަމުގެ ކުށް ސާބިތުވެފައި ނުވަނީ މ ގުލްސަންޕާގޭ އަހްމަދު އަރީޝް އާއި ގދ. ރަތަފަންދޫ އައްސޭރިވިލާ އާފިރު މުހައްމަދާއި ހަމައެގޭ ވާފިރު މުހައްމަދުގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ އެ ތިން މީހުން ދައުވާ އަށް އިންކާރުކުރުމުން ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ސީސީޓީވީ ފުޓޭޖަށް ބެލުމުން ތިން މީހަކު ސައިކަލެއްގެ ކައިރީ މަޑުކޮށްލައިގެންތިބެ އެ ސައިކަލުގެ މަޑިއާ ދިމާލަށް ތިރިވެ އެއްޗެއް ނަގައިގެން ދާތަން ފެންނަ ކަމަށެވެ. ނަމަވެސް އެ މީހުން ސައިކަލްގެ މަޑިދަށުން ނަގާފައި ވަނީ ކޮން އެއްޗެއްކަމެއް ސާފުކޮށް އެނގެން ނެތް ކަމަށާއި ސައިކަލުގެ މަޑިދަށަކީ އަގު ބޮޑެތި މުދާ ރައްކާތެރިކަމާ އެކު ބެހެއްޓުމަށް ހަމަޖެހިފައިވާ ތަނެއް ކަމަށް ބެލެވޭނެ ހަމައެއް ނެތް ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.

ދައުވާގައި ބުނެފައިވާ ގޮތުގައި 200460ރ. ސައިކަލުގެ މަޑިދަށުގައި ހުރި ކަމަށް ދައުލަތުން ބުނާ ބުނުން ފިޔަވައި އެ ފައިސާ އޭގައި ހުރި ކަމަށް އިތުރު ހެއްކެއް ގަރީނާއެއް ހުށަހަޅާފައި ނުވުމުން އެ މީހުން އެ ވައްކަން ކޮށްފައިވާކަން ޝަރީއަތަށް ސާބިތުކުރެވޭ ވަރުގެ ކާފީ ހެކި ލިބިފައި ނުވާ ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.

".... އަހްމަދު އަރީޝް އާއި އާފިރު މުހައްމަދާއި ވާފިރު މުހައްމަދުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ވައްކަންކުރުމުގެ ކުށް ޝަރީއަތަށް ސާބިތުކުރެވޭވަރުގެ ކާފީ ހެކި ލިބިފައި ނުވާތީ ދައުލަތުން ކުޅަ ވައްކަން ކުރުމުގެ ކުށް ޝަރީއަތަށް ސާބިތުނުވާ ކަމަށް ކަނޑައަޅައި މައްސަލަ ނިންމީމެވެ،" ކްރިމިނަލް ކޯޓުގެ ހުކުމްގައިވެ އެވެ.