ރާއްޖޭގެ ޒަކާތު ފަންޑަށް ފައިސާގެ އެހީދޭނެ ކަމަށް އިޢުލާންކޮށްފައިވާ ދުބާއީގެ ވިޔަފާރިވެރިއަކާ އެކު އިސްލާމިކް މިނިސްޓަރު އައްސައިހު ޝަހީމް އަލީ ސައީދުގެ އަނބިކަނބަލުން ވިޔަފާރި ކުންފުންޏެއް ހެދި ކަމަށް ބުނާ މައްސަލަ އޭސީސީ އިން ބަލަން ފަށައިފި އެވެ.

އޭސީސީގެ ނައިބް ރައީސް މުއައްވިޒު މިއަދު ސަން އަށް މިއަދު ވިދާޅުވީ ޝަހީމްގެ އަނބިކަނބަލުންގެ ހިއްސާއެއް އޮންނަ ބޭރުގެ ކުންފުންޏެއްގެ މައްސަލަ އަމިއްލަ ފަރާތަކުން އޭސީސީ އަށް އިއްޔެ ހުށަހަޅާފައިވާ ކަމަށާއި އެކަން ހިނގާފައި އޮތް ގޮތެއް އޭސީސީން ބަލަމުން އަންނަ ކަމަށެވެ.

"އެ މައްސަލަ އަޅުގަނޑުމެންގެ ސަމާލު ކަމަށް ވެސް އައިސްފައި ވަނިކޮށް، އިއްުޔެ އާއްމު ފަރާތަކުން ވެސް އެ މައްސަލަ ހުށަހަޅައިގެން ބަލަން މިގެންދަނީ، އެއީ ކިހިނެއް ހިނގާފައިވާ ކަމެއްތޯ،" މުއިއްޒު ވިދާޅުވި އެވެ.

ރާއްޖޭގެ ޒަކާތު ފަންޑަށް ކޮންމެ މަހަކު 10000 ޑޮލަރު (154200 ރުފިޔާ) ދޭނެ ކަމަށް ވިދާޅުވެފައިވާ ދުބާޢީގެ ވިޔަފާރިވެރިޔާ ފީރޯޒް ގުލާމް ހުސެއިން އާ އެކު ޝަހީމްގެ އަނބިކަނބަލުން އާފިޔާ ވަހީދުގެ ހިއްސާ އޮންނަ ކުންފުންޏެއްގެ ގޮތުގައި "ޕިއޯ ގޯލްޑް ޖުވެލާސް މޯލްޑިވްސް" ވަނީ ރަޖިސްޓްރީކޮށްފަ އެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި މިހާރު ވެސް 125 އަށް ވުރެ ގިނަ ފިހާރަ ހިންގަމުން ގެންދާ "ޕިއޯ ގޯލްޑް ޖުވެލާސް"ގެ ޗޭއާމަން ފީރޯޒް އެކުންފުނީގެ ވެބްސައިޓުގައި ވިދާޅުވެފައި ވަނީ އެ ކުންފުނީގެ އަމާޒަކީ ދުނިޔޭގެ 25 އެއާޕޯޓެއްގައި ޑިއުޓީ ފްރީ ފިހާރަތައް ހުޅުވުން ކަމަށެވެ. އެގޮތުން މިހާރު ވެސް އިންޑޮނޭޝިއާ އާއި މެލޭޝިއާ އީޖިޕްޓް އަދި ދިވެހި ރާއްޖޭގެ ޑިއުޓީ ފިހާރަތަކުގައި އެ ކުންފުނީގެ ފިހާރަތައް ހުޅުވުމަށް މަޝްވަރާތައް ކުރައްވަމުން ގެންދަވާ ކަމަށް ވެސް އެނާ ވަނީ ވިދާޅުވެފަ އެވެ.

މިކަމާ ގުޅިގެން ޝަހީމްގެ ބަހެއް ހޯދުމަށް ސަން އިން ކުރި މަސައްކަތުން ފޯން ނިއްވާލައްވާފައި އޮތުމުން އަދި ވަނީ ބަހެއް ލިބޭ ގޮތް ނުވެފަ އެވެ.

ކޮރޮޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި އުއްތަމަ ފަނޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ވަޒީރުންގެ މަޖިލީހުގެ މެމްބަރަކު ނުވަތަ ދައުލަތުގެ ވަޒީރަކު ނުވަތަ އެ ފެންވަރުގެ އެެހެން މީހަކު ނުވަތަ އޮޑިޓާ ޖެނެރަލާއި ކޮމިޝަނާ އޮފް އިލެކްޝަނާއި ދިވެހި ރާއްޖޭގެ ހައި ކޯޓެއްގެ ފަނޑިޔާރަކު ނުވަތަ އަތޮޅު ވެރިއަކު ނުވަތަ އެއިން މީހެއްގެ އަންބަކު ނުވަތަ ފިރިއަކު އެއްވެސް ބިދޭސީއަކާ ބައިވެރިވެގެން ވިޔަފާރިއެއް ހިންގުމަކީ މަނާ ކަމެކެވެ. އަދި ސަރުކާރުން ކަމަކަށް އެދިގެން އުޅޭ ބިދޭސީއަކު ނުވަތަ ސަރުކާރާ ގުޅިގެން ނުވަތަ ބައިވެރިވެގެން އެކި ކަންކަން ކުރާ ނުވަތަ ކުރަން އުޅޭ ބިދޭސީއަކާ ބައިވެރިވެގެން ނުވަތަ ގުޅިގެން، އެއިން ފަރާތަކާ އެކު ކަމާ ބެހޭ ސަރުކާރުގެ މުވައްޒަފަކު ނުވަތަ އެއިން މުވައްޒަފެއްގެ އަންބަކު ނުވަތަ ފިރިއަކު އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް ކުރުމަކީ ކުށެއް ކަމަށް ވެސް އެމާއްދާގެ ދަށުން ބުނެފައިވެ އެވެ.

ގާނޫނުގެ އެމާއްދާގެ ބަޔާންކޮށްފައިވާ ކުށެއް ކޮށްފި މީހެއް އަދި އެ މާއްދާގައި ބުނެފައިވާ ގޮތާއި ހިލާފަށް އަމަލްކޮށްފި މީހެއްގެ އަދަބަކީ ތިން އަަހަރު ދުވަހަށް ޖަލަށް ލުން ނުވަތަ އަރުވާލުން ނޫނީ ގޭގައި ބަންދުކުރުމެވެ.