13 Mar 2013, 13:53
މާލޭ ގެއަކުން ވައްކަން ކުރި މީހަކު ތިން އަހަރާއި ހަމަސް ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
ކްރިމިނަލް ކޯޓުން އެ ހުކުމް ކޮށްފައި ވަނީ މާލޭ މުނިސިޕަލްޓީގެ ޚާއްސަ ދަފްތަރު 1718 މުހައްމަދު މޫސާގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ މިދިޔަ އަހަރުގެ ޖެނުއަރީ 20 ވަނަ ދުވަހުގެ ދަންވަރު 3:15 ހާއިރު މއ. ރޯމިޔޯގެއަށް ވަދެ އެގެއިން ވައްކަންކޮށްފައިވާކަން މުހައްމަދު މޫސާގެ އަމިއްލަ އިއުތިރާފުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
މިއީ އޭނާގެ މައްޗަށް ވައްކަމުގެ ކުށެއް ސާބިތުވި ފުރަތަމަ ފަހަރު ކަމަށް ވެސް އެ ހުކުމުގައި ވެއެވެ. އަދި އޭނާ ވައްކަން ކުރުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދާން ދައުވާ ކުރުމުގެ ހައްގު ބަދަލުލިބޭ ފަރާތަށް ލިބިގެންވާ ކަމަށް ވެސް ކްރިމިނަލް ކޯޓުގެ ހުކުމުގައި ވަނީ ކަނޑައަޅާފަ އެވެ.