13 Mar 2013, 11:45
ދައުލަތުން އުފުލާފައިވާ ރިޝްވަތު ހިފުމުގެ ދައުވާ އަށް އެސްޓީއޯގެ ކުރީގެ ޗެއާމަން ފާރޫގު އުމަރު އިންކާރު ކުރައްވައިފި އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ފާރޫގުގެ މައްޗަށް ދައުވާ އިއްވުމުން އޭނާ ދައުވާ އަށް އިންކާރު ކުރެއްވި ކަމަށެވެ. އަދި އޭނާ މިއަދު ޝަރީއަތަށް ހާޒިރުވެފައި ވަނީ ގާނޫނީ ވަކީލަކާ އެކު ކަމަށް ވެސް މަނިކު ވިދާޅުވި އެވެ.
ފާރޫގުގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ބުނަނީ 2010 ވަނަ އަހަރުގެ ތެރޭގައި އެސްޓީއޯގެ ޗެއާމަންގެ މަގާމުގައި އޭނާ ހުރި އިރު އެކުންފުންޏަށް ހަނޑޫ ސަޕްލައިކޮށްދިނުމަށް ހަވާލުކޮށްފައިވާ ސްރީލަންކާގެ ކުންފުންޏެއްކަމަށްވާ ރޯޔަލް އެޖެންސީގެ ވެރިފަރާތްކަމަށްވާ މަރިމުތު އުދަޔަސުންދަރުގެ ކިބައިން 100,000.00 ޑޮލަރު ދިނުމަށް އޭނާ ޑިމާންޑްކުރި ކަމަށެވެ.
ފާރޫގު އެގޮތަށް ޑިމާންޑުކުރުމުން އޭނާގެ ނަމުގައި ހޮންކޮން އެންޑް ޝަންގްހާއި ބޭންކިން ކޯޕަރޭޝަން މާލެ ބްރާންޗްގައި ހުޅުވާފައިވާ އެކައުންޓަށް 2010 ވަނަ އަހަރުގެ ޖޫން މަހުގެ ހަތް ވަނަ ދުވަހު ހެޓަން ނެޝަނަލް ބޭންކް ޕަބްލިކް ލިމިޓެޑްގައި ރޯޔަލް އެޖެންސީގެ ނަމުގައި ހުޅުވާފައިވާ އެކައުންޓުން، ޓެލެގްރާފް ޓްރާންސްފާ އެއް މެދުވެރިކޮށް 19,000.00 ޑޮލަރު ފޮނުވާފައި އޮތްކަން އެނގޭ ކަމަށް ވެސް ދައުލަތުން ކުރި ދައުވާގައި ބުނެފައި ވެއެވެ.
މަނިކު ވިދާޅުވީ ރިޝްވަތުގެ ގޮތުގައި ފާރޫގު ހޯދާފައިވާ ކަމަށް ތުހުމަތު ކުރެވޭ އެ ފައިސާ އޭނާގެ އަތުން ހޯދުމަށް ވެސް ދައުވާގައި ދައުލަތުން އެދިފައިވާ ކަމަށެވެ.
ދައުވާއަށް ފާރޫގު އިންކާރު ކުރެއްވުމުން އެ ދައުވާ އޭނާގެ މައްޗަށް ސާބިތުކުރުމަށް ދައުލަތުން ހެކި ހުށަހަޅާފައިވާ ކަމަށާއި ދެން އޮންނަ ޝަރީއަތުގެ މަޖިލީހެެއްގައި އޮންނާނީ ހެކީންގެ ހެކިބަސް ނެގުން ކަމަށް ވެސް މަނިކު ވިދާޅުވި އެވެ.
އޭނާގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެމާއްދާގެ (ށ) ގެ ދަށުންނެވެ.
ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ގާނޫނުގައި ބުނެފައި ވަނީ ރިޝްވަތު ހިފުމުގެ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ ގިނަވެގެން ހަތް އަހަރަށް ޖަލަށްލުން ނުވަތަ އަރުވާލުން ނުވަތަ ގޭބަންދު ކުރުން ކަމަށެވެ.
ފާރޫގުގެ މައްޗަށް ރިޝްވަތު ހިމުގެ ދައުވާ ކޮށްފައިވާއިރު، އެސްޓީއޯގެ މެނޭޖިން ޑައިރެކްޓާ ޝާހިދު އަލީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެކުންފުނީގެ ކްރެޑިޓް ކާޑެއް ބޭނުންކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އެންޓިކޮރަޕްޝަން ކޮމިޝަނުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފަ އެވެ.