ކައުންސިލަރުންގެ ރަސްމީގަޑީގެ އިތުރުން ކައުންސިލް އިދާރާގެ މަސައްކަތްތަކުގައި އުޅުއްވާ ގަޑިތަކަށް އިތުރުގަޑީގެ ފައިސާ ކައުންސިލަރުންނަށް ދެވެން ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ނިންމައިފި އެވެ.

މާލިއްޔަތު ކޮމެޓީން އެގޮތަށް ނިންމާފައި ވަނީ ކައުންސިލަރުންގެ ތެރެއިން، ގަޑިޖެހިގެން ކައުންސިލުގެ އިދާރާއަށް ވަޑައިގަންނަވާ ކައުންސިލަރުންނާއި ކައުންސިލުގެ އިދާރާއަށް ވަޑައިނުގަންނަވާ ކައުންސިލަރުންގެ މުސާރައާއި ގަޑީލާރި ކަނޑާހިނދު، ކައުންސިލަރުންގެ ރަސްމީގަޑީގެ އިތުރުން ކައުންސިލުގެ މަސައްކަތްތަކުގައި އުޅުއްވާ ގަޑިތަކަށް އިތުރުގަޑީގެ ފައިސާ ވެސް ލިބިދޭން ޖެހޭ ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ލޯކަލް ގަވާމަންޓް އޮތޯރިޓީން ކޮމެޓީ އަށް ފޮނުއްވި ސިޓީއާމެދު މަޝްވަރާ ކުރެއްވުމަށް ފަހު އެވެ.

މާލިއްޔަތު ކޮމެޓީގެ އިއްޔެގެ ބައްދަލުވުމުގައި ނިންމާފައި ވަނީ ޤާނޫނުއަސާސީގެ 102 ވަނަ މާއްދާ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 100 ވަނަ މާއްދާގެ (ހ) ގެ 10ގެ ދަށުން ރައްޔިތުންގެ މަޖިލީހުން މުސާރަ ކަނޑައަޅުއްވާފައިވާ ފަރާތްތަކަށް އިތުރުގަޑީގެ ފައިސާ ލިބިދީފައި ނުވާތީ، އެ އުސޫލު ދެމެހެއްޓުމަށް ކައުންސިލަރުންނަށް ވެސް އިތުރުގަޑީގެ ފައިސާ ހަމަޖައްސައިދެވެން ނެތް ކަމަށެވެ.

މާލިއްޔަތު ކޮމެޓީއަށް އެންމެ ފުރަތަމަ އެ މައްސަލަ އެޖެންޑާކޮށްގެން ބަހުސް ކުރި ދުވަހު ކައުންސިލަރުންނަށް އިތުރު ގަޑީގެ ފައިސާ ދިނުމާ މެދު ކޮމެޓީގައި ހިމެނޭ މެންބަރުންގެ މެދުގައި ހިޔާލިތަފާތުވުންތައް އުފެދި ކޮމެޓީ ހުއްޓާލީ އެވެ. އެ ދުވަހުގެ ބައްދަލުވުމުގައި ކޮމެޓީގެ ހިމެނިވަޑައިގަންނަވާ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ވިދާޅޫވީ ކައުންސިލަރުންނަށް އިތުރު ގަޑީގެ ފައިސާ ދިނުމަށް ދައުލަތުގެ ބަޖެޓްގައި ފައިސާއެއް ނެތް ކަމަށެވެ.

އިއްޔެގެ ކޮމެޓީގެ ބައްދަލުވުމުގައި މަޖިލީހުގެ ޕެޓިޝަން ކޮމެޓީން ފޮނުއްވާފައިވާ މައްސަލައަކާމެދު މަޝްވަރާ ކުރެއްވި އެވެ. އެ މައްސަލައަކީ މާލޭގެ ހުޅަނގު ދެކުނު ހާބަރުން ދަތުރުވެރިންނަށް އާންމު ހިދުމަތް ދިނުމަށް އަމިއްލަ ފަރާތްތަކާއި ހަވާލުކުރެވިފައިވާ ބިންތަކަކީ ދައުލަތަށާއި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަށް ހަވާލު ކޮށްފައިވާ ތަންތަންކަން މާލިއްޔަތު ކޮމިޓީން ކަށަވަރުކޮށްދެއްވާ، މިކަމުގައި ކޮމެޓީގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް އަންގަވައިދެއްވުމަށް ފޮނުވާފައިވާ މައްސަލައެވެ.

އެ މައްސަލައާމެދު ކޮމެޓީން މަޝްވަރާ ކުރެއްވުމަށްފަހު ނިންމެވީ މާލޭގެ ހުޅަނގު ދެކުނު ހާބަރުގެ ބިންތަކުގެ ކަންތައްތައް މިހާތަނަށް ހިނގާފައިވާގޮތް މާލޭ ސިޓީ ކައުންސިލުންނާއި އަދި މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން މައުލޫމާތު ހޯއްދެއްވުމަށެވެ.