13 Mar 2013, 11:19
ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ރައްޔިތުންގެ މަޖލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގެ މައްސަލާގައި މަޖިލީސް ކުރިއަށް ނުގެންދެވިގެން ތިން ވަނަ ދުވަހު ވެސް މަޖިލީސް ހުއްޓާލައިފި އެވެ.
ވޭތުވެ ދިޔަ ދެ ދުވަހުގެ ޖަލްސާ ވެސް ހުއްޓާލާފައި ވަނީ މަޖިލީހުން ފާސް ކުރި އެ ދެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ނުކުރައްވާ ކަމަށް ބުނެ، މެންބަރުން ނިޒާމީ މައްސަލަ ނެންގެވުމުންނެވެ. އަދި އެ މައްސަލާގައި ސިޔާސީ ޕާޓީތަކާ މަޝްވަރާކޮށްގެން ހައްލެއް ނުލިބުނު އިރު، މިއަދުގެ ޖަލްސާ ހުއްޓާލާފައި ވަނީ ކުދި ޕާޓީތައް އުވުނީތޯ އާއި އެ ޕާޓީތައް އުވެއްޖެ ނަމަ މަޖިލީހުގެ ކޮމެޓީތަކުގެ ކޮމްޕޮސިޝަނަށް އަންނާނެ ބަދަލު ސާފުނުކޮށް ނޫނީ ނުނިންމައި ކުރިއަށް ނުގެންދެވޭނެ ކަމަށް މެންބަރުން ނެންގެވި ނިޒާމީ ނުކުތާތަކެއްގެ ތެރެއިންނެވެ.
އެ ވާހަކަ އެންމެ ބޮޑަށް ދެއްކެވީ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރާއި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދެވެ. އާމިރުގެ ވާހަކަފުޅުގައި ރައްޔިތުންގެ މަޖިލީހަކީ "ޖަރީމާ މަޖިލީސް"ކަމަށް ސިފަކުރައްވައި ވާހަކަ ދެއްކެވި އެވެ.
ރިޔާޒު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގާނޫނަކީ ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއީރާގެ މެންބަރު މުހައްމަދު ނަޝީދު "އަޑީގައި ހުންނަވައިގެން ގައުމީ ޕާޓީ އުވާލުމަށް ހިންގި އަމަލެއް" ކަމަށެވެ.
ނަޝީދުގެ މައްޗަށް ރިޔާޒު ކުރައްވާ ތުހުމަތާ ގުޅިގެން ނަޝީދުގެ ބަހެއް ހޯދުމަށް ފޯންކުރި އިރު އޭނާ ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ކޮމެންޓެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.
"މި ދެ ގާނޫނުގެ މައްސަލަ މިހާރު ވަނީ ބަންޑާރަ ނައިބް ސުޕްރީމް ކޯޓަށް ހުށަހަޅާފައި. ގައުމީ ޕާޓީގެ ފަރރާތުން ވެސް ވަނީ މި މައްސަލަ މިހާރު ސުޕްރީމް ކޯޓަށް ހުށަހަޅާފައި. މި ކަމަކީ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ މުގައްރިރު ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު އަޑީގައި ހުންނަވައިގެން ގަސްތުގައި ޑރ. ހަސަން ސައީދު ޕާޓީ އުވާލާނަމޭ ވިދާޅުވެ ޓުވިޓެއް ކުރައްވާފައި ހިންގެވި އަމަލެއް މި ކަމަކީ. އެހެން ވީމާ މިއާ ދޭތެރޭ ގޮތެއް ނުނިމޭހާ ހިދަކު ޖަލްސާ ކުރި އަށް ނުގެންދެވޭނެ،"
ރިޔާޒް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގާނޫނު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމުގެ ކުރިން އިލެކްޝަންސް ކޮމިޝަނަށް ޕާޓީތަކުން ހުށަހަޅާފައިވާ ފޯމްތައް ޕްރޮސެސް ކުރެވެން ޖެހޭނެ ކަމަށާއި ޕާޓީ ތަކުން ފޯމްތައް އިލެކްޝަން ކޮމިޝަން އަށް ފޯމް ހުށަހަޅާފައިވާ ކަމަށް ބުނާ ނަމަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީ އަށް އިލެކްޝަން ކޮމިޝަން ހާޒިރުކޮށް ސުވާލު ކުރެވެން ޖެހޭނެ ކަމަށެވެ.
އާމިރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގައި ގާނޫނު އަސާސީ އާއި ތައާރުޒްވާ މާއްދާ ތަކެއް އެބަ ހުރި ކަމަށެވެ. އަދި ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގާނޫނަކީ ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ބޮޑެތި ޕާޓީތަކާއި މިނިވަން މުއައްސަސާތަކުގެ މުގައްރިރު ގުޅިގެން ކުރެއްވި ކަމެއް ކަމަށެވެ.
"މިއަދު ރައްޔިތުންގެ މަޖިލީހުގައި ބޮޑެތި ޕާޓީތައް ގުޅިގެން ކޮންމެ ކަމެއް ވެސް ކުރެވިދާނެ. ސުޕްރީމް ކޯޓް ވެސް އުވާލެވި ދާނެ. ރައީސުލްޖުމްހޫރީއްޔާ ވެސް މަގާމުން ދުރު ކުރެވިދާނެ. މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ބިލްގައި ގާނޫނު އަސާސީ އާއި ތައާރުޒްވާ އެތައް މާއްދާ ތަކެއް އެބަހުރި. ސިޔާސީ ޕާޓީތަކުގެ ގާނޫނަކީ ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ބޮޑެތި ޕާޓީތަކާއި މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ މުގައްރިރު ގުޅިގެން ކުދި ސިޔާސީ ޕާޓީތައް ނައްތާ ލުމަށް ހިންގެވި ޖަރީމާ އެއް،" އާމިރު ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ މިއަދުގެ ޖަލްސާ ވެސް ހުއްޓާލައްވަނީ މެންބަރުންގެ އެދިލެއްވުމުގެ މަތިން ދިމާވެފައިވާ މައްސަލައަށް މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާކޮށްގެން މައްސަލައަށް ހައްލެއް ހޯދުމަށް ކަމަށެވެ.