މަސްތުވާތަކެތީ މައްސަލަތަކުގައި ހިމެނޭ މީހުންގެ މައްސަލަތައް އަވަށް ޝަރުއީ މަރުހަލާއާ ހަމައަށް ގެންދިއުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ)އާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.


ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމަންޓް ހިންގެވުމާ ހަވާލުވެ ހުންނެވި ސަބް އިންސްޕެކްޓަރު މުހައްމަދު ދާވޫދު މިއަދު ވިދާޅުވީ  މަގުމައްޗަށް ދޫވެފައިވާ މަސްތުވާތަކެތީ މީހުންގެ މައްޗަށް އަވަހަށް ޝަރީއަތް ކުރުމަށް ޕީޖީ އޮފީހާ އެކު މަޝްވަރާތަކެއް ފައްޓަވާފައިވާ ކަމަށެވެ. އެ މަޝްވަރާތައް ފެށީ ތަހުގީގު ނިމި ޕީޖީއަށް ފޮނުވުމުން  އެފަދަ މައްސަލަތަކުގައި ހިމެނޭ މީހުންގެ ޝަރީއަތްތައް ލަސްވަމުންދާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


ދާވޫދު ވިދާޅުވީ މި މަޝްވަރާތަކުގެ މައިގަނޑު ބޭނުމަކީ މަގު މައްޗަށް ދޫވެގެން އުޅޭ މަސްތުވާތަކެތީ މީހުންގެ މައްސަލަތައް އަވަހަށް ޝަރުއީ މަރުހަލާއާ ހަމައަށް ގެންގޮސް ރައްޔިތުންނަށް އަމާން ވެއްޓެއް ގާއިމުކޮށް ދިނުނަ ކަމަށެވެ.


މި އޮކްޓޫބަރު މަހުގެ މިހާތަނަށް ވެސް މަސްތުވާތަކެތީގެ 64 މައްސަލައެއްގެ ތަހުގީގު ނިންމާ ޝަރީއަތަށް ފޮނުވައި ދިނުމަށް އެދި ޕީޖީ އޮފީހަށް ހުށަހަޅާފައިވާނެ ކަމަށް ވެސް ދާވޫދު ވިދާޅުވި އެވެ.