ލ. ގަމުގެ ގެއެއްގެ ތެރޭގައި ނިދާފައި އޮތް މީހެއްގެ ބޮލުގައި ތޫނު އެއްޗަކުން ޖަހައި ބޯ ފަޅާލުމުން އޭނާއަށް ސީރިއަސް ޒަހަމްތަކެއް ލިބި ގަމު ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.

ގަމު ތުނޑީ އަވަށުގައި ރޭ ދަންވަރު ހިނގި އެ ހާދިސާގައި ނިދާފައި އޮއްވައި ޒަޚަމްކޮށްލި 51 އަހަރުގެ މީހާއަށް ފަރުވާ ދެމުން އަންނަ ގަމު ރީޖަނަލް ހޮސްޕިޓަލުން ބުނީ އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށާއި އަދިވެސް ހޭނަރާ ކަމަށެވެ. އަދި ލޭ މަނާނުވެ ހާލު ދަށްވަމުންދާ ކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި މުހައްމަދު އަބުދުއް ސަމަދު މިއަދު ވިދާޅުވީ 51 އަހަރުގެ މީހާގެ ބޮލުގެ ކަނާތްފަރާތުގައި އެއްޗަކުން ވަރަށް ބާރަށް ޖެހުމުގެ ސަބަބުން ބޮލުގެ ނާށި ގަނޑުން ހަތަރު ތަނެއް ފަޅައިގެން ގޮސް ރެނދުލާފައިވާ ކަމަށެވެ. އަދި ކަންފަތާ ނޭފަތުން ލޭ ފައިބާއިރު ބްލަޑް ޕްރެޝަރު (ބީޕީ) ހުރީ ވަރަށް ދަށުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަމަދު ވިދާޅުވީ ވެންޓިލޭޓާގެ އެހީގައި އޭނާއަށް ފަރުވާދެމުން އަންނައިރު އަދިވެސް ހޭނަރާ ކަމަށެވެ.

ސީރިއަސް ހާލަތުގައި އޮތް އެމީހާ ވީހާ ވެސް އަވަހަށް މާލެ ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާއިރު، އެންމެ އަވަހަށް ވެސް އެމީހާ ފޮނުވާލެވެން އޮތީ މިއަދު ހަވީރު ކަމަށް ވެސް ސަމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރޭ ދަންވަރު ވެސް އޭނާގެ ހާލު ސީރިއަސްކަމުން މާލެ ފޮނުވާލަން މަސައްކަތް ކުރި ކަމަށާއި ނަމަވެސް އައިލެންޑް އޭވިއޭޝަނާ ނުގުޅިގެންނާއި، ފަހުން ގުޅުނުއިރު ޖާގަ ހަމަޖެހުނީ މިއަދު ހަވީރަށް ކަމަށެވެ. އަދި އެމްއެންޑީއެފްގެ ހެލިކޮޕްޓަރުގައި ގެންދަން ބެލިއިރު، ހެލިކޮޕްޓަރު މައްސަލައެއް ޖެހިގެން އޮތީ ގްރައުންޑްކޮށްފައި ކަމަށް ވެސް ސަމަދު ވިދާޅުވި އެވެ.

ފުލުހުން ބުނީ ރޭ 12:00 ހާއިރު ހިނގި އެހާދިސާއާ ގުޅިގެން 28 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް އެ މާރާމާރީ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ގަމުން ވާހަކަ ދެއްކި މީހަކު ބުނީ ރޭ ދަންވަރު އެމާރާމާރީ ހިނގަން ދިމާވީ އަންހެނެއްގެ މައްސަލައާ ގުޅިގެން ކަމަށެވެ.