ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގެ ދެވަނަ ލެގުގައި ޖަރުމަނުގެ ބަޔާން މިޔުނިކާ ދެކޮޅަށް މިޔުނިކުގައި މިރޭ ކުޅޭ މެޗުން އިނގިރޭސި އާސެނަލް އަށް މޮޅުވުމަކީ ނުކުރެވޭވަރު ކަމެއް ނޫން ކަމަށް އާސެނަލްގެ ކޯޗު އާސީން ވެންގާ ބުނެފި އެވެ.

ވެންގާ ބުނީ އެކުލަބްގެ އެމިރޭޓްސް ސްޓޭޑިއަމްގައި އެކެއް ތިނަކުން ބަޔާން އަތުން ބަލިވި ކަމުގައިވީ ނަމަވެސް މިރޭ މިޔުނިކުގައި ކުޅޭ މެޗުގައި ބާޔާން ބަލިކޮށް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ދިއުމުގެ ފުރުސަތު އާސެނަލްއަށް ވެސް އަދި އެބަ އޮތްކަމަށެވެ.

"އަހަރެމެން އެންމެނަށް ވެސް އެނގޭ އެއީ އުނދަގޫ ކަމެއްކަން. އެކަމަކު އެއީ ނުވާވަރުގެ ކަމެއް ނޫން. މޮޅު ނުވާނޭ ކަމަށް ގަބޫލުކޮށް މޫނު އަނބުރާލާފައި ދިއުމަކީ ގަބޫލު ކުރެވޭނޭ ކަމެއް ނޫން. އަހަރެމެން ޖެހޭނީ ފުރިހަމައަށް ތައްޔާރުވެގެން އެކަމާ ކުރިމަތިލާން. އަދި އަހަރެމެން ކުރަން މިއުޅެނީ އެކަންތައް،" ވެންގާ ބުންޏެވެ.

ފުރަތަމަ ލެގުގައި މިދެ ކުލަބުގެ ކުރިމަތި ލުމުގެ ނަތީޖާ އާއި އަދި ބަޔާން މިއުނިކް އެ ކުލަބުގެ ދަނޑުގައި ހޯދާފައިވާ ކާމިޔާބުތަކަކީ އާސެނަލްގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ކުރިމަތިވާނޭ ބޮޑު ގޮންޖެހުމަކަށް ވާނެ އެވެ. އެގޮތުން މީގެ ދެ އަހަރު ކުރިން ޗެމްޕިއަންސްލީގުގައި އިންޓަމިލާން އަތުން ބަލިވި ފަހުން މިޔުނިކުގައި ބަޔާން އެއްވެސް މެޗަކުން ތިންލަނޑުގެ ތަފާތަކުން ބަލިވެފައެއް ނުވެއެވެ. އަދި ޖަރުމަނު ލީގުގައި ބަޔާން 25 މެޗު މިހާތަނަށް ކުޅެފައިވާ އިރު އެ ކުލަބުގެ ގޯލަށް މި ސީޒަންގައި ވަދެފައި ވަނީ އެންމެ 10 ލަނޑެވެ.

އެހެން ނަމަވެސް ވެންގާ ބުނެފައި ވަނީ އާސެނަލްއާއި އަދި ހުދު އޭނާގެ ކިބައިގައި ޗެމްޕިއަންސް ލީގުގެ ތަޖްރިބާ އެބަ ހުރިކަމަށާއި އަދި ވިލާތުގެ ލީގުގައި އެކުލަބު މިހާތަނަށް ވާނީ ހުރިހާ ތަނެއްގައި ވެސް މެޗުތައް ކާމިޔާބު ކޮށްފައި ކަމުން މިފަހަރުވެސް އެގޮތަށް މޮޅު ވެވިދާނޭ ކަމަށް އުއްމީދު ކުރުމަކީ ނުކުރެވެންވީ ކަމެއް ނޫން ކަމަށެވެ.

ވެންގާ އިތުރަށް ބުނީ އާސެނަލްއާ ދޭތެރޭގައި އޭނާގެ އުންމީދުތައް ވަރަށް ބޮޑު ކަމަށާއި އެހެން ނަމަވެސް އަދި އޭނާ ބޭނުންވާ ފަދަ ކާމިޔާބެއް ނުލިބޭ ކަމަށެވެ. އެހެން ކަމުން މިސީޒަންގައި ރަނގަޅު ނަތީޖާއެއް ހޯދުމަށް މިރޭގެ މެޗަކީ ވަރަށް މުހިއްމު މެޗެއް ކަމަށާއި ހުރިހާ ކުޅުންތެރިން ވެސް މިރޭގެ މެޗަށް ނުކުންނާނީ އެކަން ދަނެ ތިބެގެން ކަމަށެވެ.

ޗެމްޕިއަންސް ލީގުން ކެޓި ނަމަވެސް އަދި މިފަހަރުގެ ސީޒަންގައި ކާމިޔާބެއް ނުލިބުނު ނަމަވެސް ވެންގާގެ މަގާމު ގެއްލިދާނޭ ކަމުގެ އެއްވެސް ބިރެއް އޭނާއަކަށް ނެތެވެ. އާސެނަލްއަށް 2005 ވަނަ އަހަރުގެ އެފްއޭކަޕް ކާމިޔާބު ކުރެވުނު ފަހުން މިހާތަނަށް އަދިވެސް މަސައްކަތް ކުރަމުން އެގެންދަނީ އިތުރު ތައްޓެއް އަތުގައި ޖެހޭތޯ އެވެ.