13 Mar 2013, 10:42
ވިލާތުގެ ޗެމްޕިއަންސްލީގުގެ ގަދަ 16 ޓީމު ހިމެނޭ ބުރުގެ ދެވަނަ ލެގުގައި އަމިއްލަ ދަނޑުގައި ހަތަރެއް ސުމަކުން އޭސީ މިލާން ބަލިކޮށް ބާސެލޯނާ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ބާސެލޯނާގެ ކޭމްޕް ނޫގައި ރޭ އެ ކުލަބުގެ އެތައް ހާސް ކުޅިބެލުންތެރިންގެ ތެރޭގައި ކުޅުނު ފޯރިގަދަ މެޗުގެ ފަސްވަނަ މިނިޓުގައި ބާސާއަށް ކުރިހޯދައި ދިނީ އެ ކުލަބުގެ އާޖެންޓީޏާގެ ހުނަރުވެރި ފޯވަޑް ލަޔަނަލް މެސީ އެވެ. އަދި މެސީ ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރު ލަނޑެއް ކާމިޔާބުކޮށްދީ ބާސާއަށް ދޭއް ސުމެއްގެ ލީޑެއް ހޯދައި ދީފަ އެވެ. ރޭގެ މެޗުގައި ބާސާއިން ކާމިޔާބު ކުރި ތިން ވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ 55 ވަނަ މިނިޓުގައި ޑޭވިޑް ވިޔާ އެވެ. އަދި މެޗުގެ އިތުރު ވަގުތުގައި 4 ވަނަ ލަނޑު އެ ކުލަބަށް ކާމިޔާބު ކޮށްދިނީ ޖޯޑީ އަލްބާ އެވެ. ފުރަތަމަ ލެގުގައި ދޭއްސުމަކުން މިލާންގެ ދަނޑުގައި ބާސާ ބަލިވި ނަމަވެސް ރޭގެ ނަތީޖާއާ އެކު ކުއާޓާ ފައިނަލުން ބާސާ ޖާގަ ހޯދާފައި ވަނީ 4-2ގެ އެގްރިގޭޓް ނަތީޖާއިން ނެވެ.
މެޗަށްފަހު ބާސާގެ އެސިސްޓެންޓް ކޯޗު ޖޯޑީ ރޫރާ ބުނީ މެސީގެ ކުޅުމާ ދޭތެރޭގައި ޝައްކު އުފައްދާ މީހަކަށް ވެއްޖިއްޔާ ރޭ އޮންނާނީ ރަނގަޅު ފިލާވަޅެއް ދީފައި ހަމަށެވެ. އެގޮތުން މެސީގެ އާދަޔާ ހިލާފު މޮޅު ކުޅުމަށް ތައުރީފް ކުރަމުން ރޫރާ ބުނީ، މެސީގެ ވަށައިގެން އޭނާ ހިފަހައްޓަން އިންތިހާއަށް މޮޅެތިކުޅުންތެރިން ތިބި އިރު ވެސް މެސީވަނީ "އޭނާ ބޭނުން އެއްޗެއް ހަދާލާފައި" ކަމަށެވެ.
ހަމަ އެހެންމެ ރޭގެ މެޗާ ބެހޭ ގޮތުން އޭސީ މިލާންގެ ކޯޗު މަސިމިލިއާނޯ އަލެގްރީ ބުނީ ބާސެލޯނާއަކީ އަދިވެސް ދުނިޔޭގެ އެންމެ މޮޅު ކުލަބު ކަމަށާއި އެހެން ކަމުން ފުރަތަމަ ލެގުގައި ދެލަނޑު ސުންލަނޑުން ސެންސީރޯގައި މޮޅުވި ނަމަވެސް އެ ނަތީޖާ އަކީ އެ ކުލަބު ތަފާތު ކުރެވޭނޭ ނަތީޖާއެއް ނޫން ކަމަށެވެ.
ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު ދެވަނަ މެޗުގައި ޝަލްކޭގެ މައްޗަށް ދެ ލަނޑު ތިން ލަނޑުން ކުރި ހޯދައިގެން ގަލަތަސަރޭ ވެސް ވަނީ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދާފަ އެވެ. ޗެމްޕިއަންސް ލީގުގައި މިރޭ ވެސް ދެމެޗެއް ކުޅެވޭނެ އެވެ. ރާއްޖޭގަޑިން މެންދަމު 12:45ގައި ކުޅޭ ދެމެޗުގެ ތެރެއިން އެއްމެޗުގައި ޖަރުމަނުގެ ބަޔާން މިޔުނިކާ ވާދަކުރާނީ އިނގިރޭސި ވިލާތުގެ އާސެނަލް އެވެ. އަނެއް މެޗުގައި ސްޕެއިންގެ މަލާގާއާ ވާދަކުރާނީ ޕޯޗުގީޒުގެ ޕޯޓޯ އެވެ.