ކުއާލަލަންޕޫރު (މާޗް 13): ޔުނައިޓެޑް އަރަބް އިމަރޭޓްސް (ޔޫއޭއީ) އިން މެލޭޝިޔާގައި އެތަށް ބިލިޔަން ޑޮލަރެއް އިންވެސްޓް ކުރުމުގެ އެއްބަސްވުމެއްގައި ދެގައުމުން އިއްޔެ ސޮއިކޮށްފި އެވެ.

މިއެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މެލޭޝިޔާގެ ބޮޑުވަޒީރު ނަޖީބު ރައްޒާޤް ވިދާޅުވީ މިއީ ތެލުގެ ސިނާޢަތާ ބެހޭ އިންވެސްޓްމަންޓެއް ކަމަށާއި މިއިންވެސްޓްމަންޓްގެ ސަބަބުން މެލޭޝިޔާގައި އެތައް ހާސް ވަޒީފާއެއް ސިދާގޮތުންނާއި ނުސީދާގޮތުން އުފެދިގެންދާނެ ކަމުގަ އެވެ. އަދި މިއީ ދެކުނު އިރުމަތީ އޭޝިޔާގެ ތެލާއި ގޭހުގެ މައި ހަބަކަށް މެލޭޝިޔާ ހެދުމަށް މެލޭޝިޔާއިން އެކުލަވާލާފައިވާ ދިގުމުއްދަތުގެ އިޤްތިސާދީ ޕްލޭން ކާމިޔާބު ކުރުމަށް އެޅުނު ވަރަށް މުހިއްމު ފިޔަވަޅެއްކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޔޫއޭއީ އާއި މެލޭޝިޔާ އާ ދެމެދު ސޮއިކުރި މިއެއްބަސްވުމަކީ 6.8 ބިލިޔަން އެމެރިކާ ޑޮލަރު (21 ބިލިޔަން މެލޭޝިޔަން ރިންގެޓް)ގެ އެއްބަސް ވުމެކެވެ.

މިއެއްބަސްވުމުގެ ދަށުން 60 މިލިޔަން ފީފާގެ ތެޔޮ ރައްކާކުރާނެ ތެލުގެ ސިނާޢީ މަރުކަޒުތަކެއް ޔޫއޭއީ ން މެލޭޝިޔާގެ ޖަވްހަރު ސްޓޭޓްގައި ޤާއިމްކުރާނެ އެވެ. މިއެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތަށް އަބޫދާބީގެ ވަލީއުލްޢަހްދު އައްޝައިޚް މުޙައްމަދު ބިން ޒާޔިދު އާލް ނިހްޔާން ޙާޒިރުވެޑައިގެންނެވި އެވެ. މީގެއިތުރުން އަބޫދަބީގެ ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ އާބާރު ކުންފުނިން ވެސް ވަނީ މެލޭޝިޔާގައި 5.8 ބިލިޔަން އެމެރިކާ ޑޮލަރު (18 ބިލިޔަން ރިންގެޓް) އިންވެސްޓް ކުރުމުގެ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގް އެއްގައި އިއްޔެ ސޮއިކޮށްފަ އެވެ. މި އެމްއޯޔޫގެ ދަށުން އިޤްތިސާދާއި ވިޔަފާރީގެ ދާއިރާގައި އަބޫދަބީގެ ކުންފުނިން ކުރިޔަށްއޮތް ފަސް އަހަރު ތެރޭގައި 5.8 ބިލިޔަން އެމެރިކާ ޑޮލަރު އިންވެސްޓް ކުރާނެ ކަމަށް ޚަބަރު ލިބެ އެވެ. (އަލްޖަޒީރާ)