13 Mar 2013, 10:24
ކާބުލް (މާޗް 13): އަފްޣާނިސްތާނުގައި ހަނގުރާމަކުރާ ނޭޓޯގެ ހެލިކޮޕްޓަރެއް ވެއްޓި އެއިން ދަތުރުކުރި ފަސް މީހުން މަރުވެއްޖެ ކަމަށް ކާބުލްގައި ހުންނަ ނޭޓޯގެ ޢަސްކަރީ ކޮމާންޑުން ކަށަވަރުކޮށްދީފި އެވެ.
ނޭޓޯ އިން މިކަން ކަށަވަރުކޮށްދީފައި މި ވަނީ އަފްޣާނިސްތާނުގެ ދެކުނުގެ ހިސާބަކަށް އެމެރިކާގެ ޢަސްކަރީ ހެލިކޮޕްޓަރެއް ވެއްޓި އެއިން ދަތުރުކުރި އެމެރިކާ ސިފައިންގެ ފަސް މީހުން މަރުވެފައިވާ ކަމުގެ ޚަބަރުތަކެއް އިއްޔެ ފެތުރިފައިވަނިކޮށެވެ. ކާބުލްގައި ހުންނަ ނޭޓޯގެ ޢަސްކަރީ ކޮމާންޑުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އަފްޣާނިސްތާނުގެ ދެކުނަށް ނޭޓޯގެ ހެލިކޮޕްޓަރެއް ވެއްޓި ފަސް މީހަކު މަރުވި ކަމުގަ އެވެ. މަރުވީ ނޭޓޯގެ ކޮން ގައުމަކަށް ނިސްބަތްވާ ބައެއްކަން ހާމަކޮށްފައެއް ނުވެ އެވެ. މިބަޔާނުގައި މިއީ ދުޝްމަނުންގެ (ތާލިބާނުންގެ) ޙަމަލާއެއްގައި ވެއްޓުނު ހެލިކޮޕްޓަރެއް ނޫން ކަމާއި މިހާދިސާ ތަހުގީގު ކުރަމުންގެންދާ ކަމަށް ވެސް ބުނެފައިވެ އެވެ. މިދިޔަ އޮގަސްޓް މަހު ވެސް އެމެރިކާގެ ޢަސްކަރީ ހެލިކޮޕްޓަރެއް އަފްޣާނިސްތާނަށް ވެއްޓި އެމެރިކާ ސިފައިންގެ 11 މީހަކު މަރުވެފައިވެ އެވެ.
މި ހެލިކޮޕްޓަރު ވެއްޓިފައި މިވަނީ އެގައުމުގެ ވުރްދަކް ސްޓޭޓްގައި ޙަރަކާތްތެރި ވަމުންދިޔަ އެމެރިކާ ޚާއްސަ ފައުޖަކަށް އަފްޣާން ފުލުހުންގެ މީހަކު ދިން ބަޑީގެ ޙަމަލާތަކެއްގައި އެމެރިކާ ސިފައިންގެ ދެމީހަކު މަރުވެފައި ވަނިކޮށެވެ. މިޙާދިސާގައި އެމެރިކާ ސިފައިން ދިން ޙަމަލާތަކުގައި އަފްޣާން ފުލުހުންގެ ތިން މީހަކު ވެސް ވަނީ މަރުވެފަ އެވެ. އަފްޣާން ދާޚިލީ ވުޒާރާ އިން ބުނެފައި ވަނީ އެމެރިކާ ޚާއްސަ ފައުޖަށް ޙަމަލާދިނީ އަފްޣާން ފުލުހުންގެ ހެދުމުގައިހުރި ތާލިބާން ހަނގުރާމަވެރިއެއް ކަމުގަ އެވެ.
އަނެއްކޮޅުން އަފްޣާން ސަލާމަތީ ބާރުތަކާއި ނޭޓޯ ސިފައިން ގުޅިގެން އަފްޣާނިސްތާނުގައި އިއްޔެ ހިންގި ޢަސްކަރީ އޮޕަރޭޝަނެއްގައި ތާލިބާން ހަނގުރާމަވެރިންގެ ހަ މީހަކު މަރާލެވިފައިވާ ކަމަށް އަފްޣާން ދާޚިލީ ވުޒާރާ އިން ބުނެފައިވެ އެވެ. (ނޫސްއެޖެންސީތައް)