13 Mar 2013, 10:09
މާލޭ މަސް މާރުކޭޓުގައި ގިނައިރުވެ، ކުނިވެފައި ހުންނަ މަސް ބިދޭސީން ވިއްކަމުންދާ ކަމަށާއި އެކަމުގެ ބަދުނާމް ދިވެހި މަސްވެރިންގެ ބޮލުގައި އެޅެމުންދާތީ އެ ޝަކުވާ ވަރަށް ގިނައިން ލިބެމުންދާ ކަމަށް އިމިގްރޭޝަން ޑިޕާޓްމަންޓުން ބުނެފި އެވެ.
ކޮންޓްރޯލަރު ޑރ. މުހައްމަދު އަލީ "ސަން" އަށް މިއަދު ވިދާޅުވީ ގިނައިރުވެ ކުނިވާން ކައިރިވެފައި ހުންނަ މަސް އަގުހެޔޮކޮށް ބިދޭސީން ގަތުމަށް ފަހު އެ މަސް މާރުކޭޓުގައި ބަހައްޓައިގެން ދިވެހިންނަށް ވިއްކަމުންދާ ކަމުގެ ޝަކުވާ އިތުރު ވަމުން އަންނާތީ އެކަން ހައްލު ކުރެއްވުމުގެ މަސައްކަތް މިހާރު ކުރައްވަމުން އަންނަ ކަމަށެވެ. އަދި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އެކަން މުޅިން ހައްލު ކުރައްވާނެ ކަމަށް ވެސް ކޮންޓްރޯލަރު ވިދާޅުވި އެވެ.
"ބިދޭސީންގެ ތެރެއިން ވެސް ބަންގާޅިން މި ހަދާގޮތަކީ އެކި މީހުންގެ އަތުން މަސް ގަނެގެން މި ތިބެނީ ވިއްކަން. އެއީ ފިނި ކުރި މަހެއްވެސް ނޫން. ބަހައްޓައިގެން ތިބޭތާ އެތައް އިރެއްވެސް ވަނީ. ދެން އެމީހުންގެ އަތުން ގަނެގެން ގޮސް ބޭނުން ކުރަން ބަލާ އިރު މި އޮންނަނީ ވަރަށް ބޮޑަށް ހަލާކު ވެފައި. އެހެން ވީމާ އެކަމުގެ ހަޑި ނަން މި އެޅެނީ މަސްވެރިންގެ ބޮލުގައި. އެމީހުން ތާޒާ ނޫން މަސް ވިއްކާ ކަމަށް. އެ މައްސަލައިގައި އިއްޔެ ވެސް އެ ތަނުގައި ކިރިޔާ ތަޅާ ފޮޅުމެއް ވެސް ނުހިނގީ،" ކޮންޓްރޯލަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ތަނުގައި ތިބޭ ބިދޭސީންގެ ތެރޭގައި ދިވެއްސެއްގެ ހަވާލުގައި ހުރި މީހަކު ހުރި ނަމަ އެ މީހަކަށް އެ ނޫން ގޮތެއް ހޯދައި ދިނުމަށް މަހެއްހާ ދުވަސް އެބަ އޮތް ކަމަށާއި އެ މުއްދަތުގައި އެކަން ނުކޮށްފި ނަމަ ހޮވާލައިގެން ގެންގޮސް ރާއްޖެ އިން ބޭރު ކޮށްލާނެ ކަމަށެވެ.
މަހެއްހާ ދުވަސް ތެރޭގައި އެ މައްސަލަ ހައްލު ކުރައްވާނެ ކަމަށް ކޮންޓްރޯލަރު ވިދާޅުވި ނަމަވެސް އެކަން ކުރައްވާނެ ސީދާ ވަކި ތާރީޚެއް ވިދާޅެއް ނުވެ އެވެ.
މަސް މާރުކެޓުގެ އިތުރުން ލޯކަލް މާރުކޭޓުގެ ގޮޅިތަކާއި ހަވާލު ވެގެން ބިދޭސީން ވިޔަފާރި ކުރަން ތިބޭ މައްސަލަ ވެސް ކޮންޓްރޯލަރު ފާހަގަ ކުރެއްވި އެވެ. އޭނާ ވިދާޅުވީ އެކަން ކުރަނީ ދިވެހިން އަޑީގައި ތިބެގެން ގަސްތުގައި ކަމަށެވެ.
"ލޯކަލް މާރުކޭޓުގެ ގޮޅި ދީފައި ހުންނާނީ ގައިމު ވެސް ދިވެއްސަކަށް. އެތަނުގައި ގެންގުޅޭކަށް ގައިމު ވެސް މީހަކަށް ކޯޓާއެއް ނުދޭނަން. ދީފައެއް ވެސް ނޯންނާނެ. އެކަމަކު އެތަނުގައި އެ ތިބެނީ ބިދޭސީން ބައިތިއްބާފައި ވިޔަފާރި ކުރަން. ދިވެހިން މި ހަދާ ގޮތަކީ ގޮޅި ނަގާފައި ބިދޭސީންނަށް ވިއްކާލަނީ. ނޫނިއްޔާ ބިދޭސީންގެ ތެރެއިން ވެސް ބަންގާޅި އަކު އެ ތަނުގައި ބައިންދަނީ،" އޭނާ ވިދާޅުވި އެވެ.
މާލޭ ރޯމަސް މާރުކޭޓުން ތާޒާ މަހެއް ގަންނަން އުނދަގޫ ވާހަކަ އާއި ބައެއް ފަހަރު ނުބައިވެފައި ހުންނަ މަސް ވިއްކާ ވާހަކަ އަކީ މި ފަހަކަށް އައިސް ވަރަށް ގިނަ މީހުން ދައްކާ ވާހަކަ އެކެވެ. އަދި އެ ތަނުގައި ބިދޭސީން މަސް ވިއްކަން ތިބުމަކީ ކޮންމެ ދުވަހަކުމެ ފެންނަ ވަރަށް އާއްމު މަންޒަރެކެވެ.