13 Mar 2013, 09:58
ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންގެ ތެރެރިން 18 އަހަރުން ދަށުގެ އަށް ކުއްޖަކު ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒަށް ގެންގޮސްފައިވާ ކަމަށާއި އޭގެ ތެރެއިން ދެ ކުއްޖަކު ގެންގޮސްފައި ވަނީ އެ ކުދިންނަކީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްތޯ ބެލުމަށް ހަދަން ޖެހޭ އެސެސްމެންޓުތަށް ނަހަދާ ކަމަށް އިންސާނީ ހައްގުތަކާއި ބެހޭ މިނިސްޓްރީން އެބަސްވެއްޖެ އެވެ.
ޑޮކްޓަރުގެ ލަފައެއް ނެތި ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ތިބި 18 އަހަރުގެ ދެ ކުއްޖަކު ގުރައިދުއަށް ގެންގޮސްފައިވާ ކަމަށް އެ ވުޒާރާއިން އެއްބަސްވެފައި ވަނީ ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންތަކެއް ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒަށް ގެންގޮސް އެ ކުދިންނަށް ނަފްސާނީ އެހީއަށް ބޭނުންވާ މީހުނަށް ދޭ ބޭސްދީފައިވާ ކަމަށް ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ބުނެފައި ވާތީ އެ މިނިސްޓްރީ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީގައި އިއްޔެ ހާޒިރުކޮށް ސުވާލުކުރުމުންނެވެ.
ހިއުމަން ރައިޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އާމިނަތު ރަމީލާ ކޮމެޓީގައި ވިދާޅުވީ ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންގެ ތެރެއިން ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒަށް ގެންގޮސްފައިވާ ކުދިންގެ ތެރެއިން "ނަފްސާނީ ޓެސްޓެއް" ނަހަދާ ގެންދިޔަ ކުދިންނަކީ ކުޑަކުދިންގެ ހިޔާގައި "އެއްގޮތަކަށް ވެސް ނުގެންގުޅެވިގެން ގެންދިޔަ،" ދެ ކުދިން ކަމަށެވެ.
"އެތަނަށް [ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒަށް] ސައިކޭޓްރިސްޓެއްގެ ރިކަމަންޑަކާ ނުލައި އެތަނަށް ގެންދެވިފައި ތިބި ކުދިން. އެއީ އެ ވަގުތުން ކުޑަކުދިންގެ ހިޔާގައި އެވަގުތު ބޭތިއްބުމަކީ ނުރައްކަލެއް ކަމަށް ފެންނާތީ ބަދަލު ކުރެއްވިފައިވާ ކުދިން،" ޑރ. ރަމީލާ ވިދާޅުވި އެވެ.
އެހެން ނަމަވެސް އެކުދިނަށް ނަފްސާނީ ބަލި ހުންނަ މީހުނަށް ދޭ ބޭސް ދިން ކަމަށް ދެކެވޭ ވާހަކަ ރަމްލާ ވަނީ ދޮއްގު ކުރައްވާފަ އެވެ. އަދި ނަފްސާނީ ނުކުޅުދެންތެރިކަން ހުރިތޯ ނުބަލާ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒަށް ގެންދިޔަ ދެ ކުދިންގެ ޓެސްޓްތައް މިހާރު ހަދަމުންދާ ކަމަށް އޭނާ ވިދާުވި އެވެ.
އަށާރަ އަހަރުން ދަށު ތިން ކުއްޖަކު މިހާރު ވެސް ގުރައިދޫގެ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ތިބިއިރު އެ ތިން ކުދިންނަކީ ސިކުނޑީގެ ނުކުޅެދުންތެރިކަން ހުރި ކަމަށް ޑޮކްޓަރުގެ ޓެސްޓުތަކުން ދައްކާފައި ވާތީ ފަރުވާ ދެމުންދާ ކުދިން ކަމަށް ހިއުމަން ރައިޓސް މިނިސްޓްރީން އިއްޔެ ވަނީ ބުނެފަ އެވެ.
ނަފްސާނީ އެހީތެރި ކަމަށް ބޭނުންވާ ކުދިންގެ ތެރެއިން ބައެއް ކުދިން، ހާލުގައި ޖެހި، ދައުލަތުގެ ހިމާޔަތަށް އެދޭ އަންހެނުންނަށް ހާއްސަކޮށްގެން ވިލިމާލޭގައި ހަދާފައި ހުރި ވިމެންސް ޝެލްޓާ އަށް ބަދަލުކޮށްފައިވާ ކަމަށް ވެސް ހިއުމަން ރައިޓްސް މިނިސްޓްރީން ބުންޏެވެ.