އިސްލާމް ދީނުގެ ހައްދަކަށް ދުވަހަކު ވެސް އިންކާރު ނުކުރައްވާނެ ކަމަށާއި 15 އަހަރުގެ ކުޑަ ކުއްޖާގެ ގައިގައި ހައްދު ޖަހާން ކުރި ހުކުމާ ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅުގެ މާނަ ކޮންމެ ވެސް ވަރަކަށް އޮޅިފައި ވާތީ އެކަމާ، ހިތާމަ ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މިއަދު ވިދާޅުވެފައި ވާތީ އެކަމަށް މަރުހަބާ ދަންނަވާ ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.

ރައީސް އޮފީހުގައި އިއްޔެ ހުންނަވައިގެން ބައެއް ނޫސްވެރީން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން އަދާލަތު ޕާޓީގެ ތަރުޖަމާނު އަދި އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ކުޑަ ކުއްޖާގެ ގައިގައި ހައްދު ޖެހުމާ، ގުޅޭ ގޮތުން ރައީސް ދެއްކެވި ވާހަކަފުޅާ، ގުޅިގެން އެކި ރައްޔިތުންނަށް އެކި ވިސްނުން މެދުވެރިވީ ކަމަށެވެ. ނަމަވެސް އެކަން ރައްޔިތުންނަށް ސާފުކޮށްދެއްވުމުގެ ގޮތުން އެމަނިކުފާނު މިއަދު ދެއްކެވި ވާހަކަފުޅާ މެދު އިސްލާމިކް މިނިސްޓަރުގެ ހައިސިއްޔަތުން ވެސް ވަރަށް ބޮޑަށް މަރުހަބާ ދަންނަވާ ކަމަށެވެ.

"އެމަނިކުފާނު ހައްދާ ބެހޭ ގޮތުން ދެންކެވި ވާހަކަފުޅާ ގުޅިގެން އެކި ރައްޔިތުންނަށް އެކި ވިސްނުން މެދުވެރިވީ. ދެން އެކަމުގައި އެމަނިކުފާނު ދެކެލައްވާ ގޮތް މިއަދު އެ ހާމަ ކުރެއްވީ. އެހެންވީމާ އެކަމަށް އަދާލަތު ޕާޓީން ވަރަށް ބޮޑަށް މަރުހަބާ ދަންނަވަން. އަދި އިސްލާމިކް މިނިސްޓަރުގެ ހައިސިއްޔަތުން ވެސް އެމަނިކުފާނަށް މަރުހަބާ ދަންނަވަން،" ޝަހީމް ވިދާޅުވި އެވެ.

ކުޑަ ކުއްޖާގެ ގައިގައި ހައްދު ޖަހާން ކުރި ހުކުމާ ގުޅޭ ގޮތުން އެމަނިކުފާނު ދެއްކެވި ވާހަކަފުޅު ބައެއް ފަރާތްތަކަށް ފަހުމް ނުވާ ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން މިއަދު ރައީސް ވިދާޅުވީ އެ މަނިކުފާނު އަކީ އިސްލާމް ދީނުގެ ހައްދަކަށް ދުވަހަކު ވެސް އިންކާރު ކުރައްވާނެ ބޭފުޅެއް ނޫން ކަމަށާއި އަދި މިހާ ތަނަށް ވެސް އެފަދަ ކަމެއް ކުރައްވާފައި ނޯންނާނެ ކަމަށެވެ. ރައީސް ވިދާޅުވީ އެ އެމައްސަލަ ހިނގާ ދިޔަ ގޮތުން ކޮންމެ ވެސް ބައެއްގެ އިހްމާލެއް އެކަމުގައިވާ ކަމަށް ގަބޫލުފުޅު ކުރެއްވޭތީ އެކަމާ ހިތާމަ ކުރައްވާ ކަމަށް ވިދާޅުވީ ކަމަށެވެ. އަދި އެކަން އަލުން ދިރާސާ ކުރާން އަންގަވާނެ ކަމަށް ވެސް ވިދާޅުވީ އެކަމުގައި އިހުމާލެއްވާ ކަމަށް ގަބޫލު ކުރެއްވޭތީ ކަމަށެވެ.

ޝަހީމް ވިދާޅުވީ ރައީސް ކަމުގެ މަގާމުގައި ހުންނެވިހާ ދުވަހަކު ގާނޫނު އަސާސީ ނަގަހައްޓައި، އަދި އިސްލާމް ދީން ހިމާޔަތްކޮށް ދެއްވާނެ ކަމަށް ރައީސް ވިދާޅުވިކަމީ ރާއްޖޭގެ ރައްޔިތުންނަށް ވެސް ލިބިގެން ދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމަކާއި ޔަގީން ކަމެއް ކަމަށެވެ.