13 Mar 2013, 09:10
ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ މަޖިލީހުގެ އިމްތިޔާޒާއި ބާރުތަކުގެ ބިލަށް ޕީޕީއެމް އިން ތާއީދު ނުކުރައްވާ ކަމަށާއި އެ ބިލަށް ވޯޓް ނުދެއްވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވަކި ހާއްސަ ބާރުތަކެއް ލިބެން ޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާތީ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.
މާފަންނު ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ގޮތުން ހިރިޔާ ސްކޫލުގައި ރޭ ބޭއްވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ މަޖިލީހުން ދެ ވަނަ ފަހަރަށް ފާސްކޮށް ރައީސްޖުމްހޫރިއްޔާ ތަސްދީގު ކުރައްވާފައިވާ މަޖިލީހުގެ އިމްތިޔާޒުގެ ބިލަކީ ޕީޕީއެމް އިން ތާއީދު ކުރާ ބިލެއް ނޫން ކަމަށެވެ.
"އިމްތިޔާޒާ ބެހޭ ބިލަކީ ރައްޔިތުންގެ މަޖިލީހަށް ނިސްބަތްވާ ޕީޕީއެމްގެ އެއްވެސް މެމްބަރަކު ތާއީދު ކުރައްވާ ބިލެއްނޫން. އަޅުގަނޑުމެން ގަބޫލެއް ނުކުރަން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުނަށް ހާއްސަ އިމްތިޔާޒްތަކެއް ލިބެން ޖެހޭނެ ކަމަކަށް،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ އިއްޔެ ދެ ބިލެއް ރައީސްޖުމްހޫރިއްޔާ ތަސްދީގު ނުކުރައްވައި ލަސްކުރެއްވި މައްސަލާގައި ހުރިހާ ޕާޓީތަކެއް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވީ އެއީ އެމްޑީޕީއާ ގުޅިގެން މަސައްކަތްކުރުމަށް ކުރިކަމެއް ނޫން ކަމަށާއި އެ ޕާޓީ އިން ގަބޫލުކުރަނީ ދެ ވަނަ ފަހަރަށް ރައްޔިތުންގެ މަޖިލީހުން އެ ދެ ބިލް ފާސްކުރެއްވުމުން ރައީސް އެ ބިލްތައް ވީހާ ވެސް އަވަހަކަށް ތަސްދީގް ކުރައްވަން ޖެހޭނެ ކަމަށެވެ.
ޔާމީން އިތުރަށް ވިދާޅުވީ އޭނާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް މަސައްކަތް ކުރައްވަނީ ވައުދުތަކަކާ އެކު ރައްޔިތުނަށް ހިދުމަތްކޮށް ދިނުމަށް ކަމަށާއި އޭނާ އަށް ލިބޭ ރިޔާސީ ޓިކެޓަކީ ވިޔަފާރި އުސޫލުން ދޫކުރައްވާނެ ޓިކެޓެއް ނޫން ކަމަށެވެ.
އިމްތިޔާޒް ބިލަކީ ޕީޕީއެމް އިން ތާއީދު ކުރާ ބިލެއް ނޫން ކަމަށް ޕީޕީއެމް އިން ބުނެފައިވާ އިރު އެބިލްގެ ބައެއް މާއްދާތަކުގެ ސަބަބުން ނޫސްވެރިންގެ ހައްގުގައި މަސައްކަތްކުރާ ފަރާތްތަކުންނާއި ސަރުކާރުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ބަންޑާރަ ނާއިބްގެ އޮފީހުން މިއަދު ވަނީ އެ ބިލްގެ މައްސަލަ ސުޕުރީމް ކޯޓަށް ވެސް ހުސައަޅައިފަ އެވެ.
އިމްތިޔާޒުގެ ގާނޫނުގައި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅޭ މާއްދާތައް ހުރި ކަމަށް ގާނޫނީ ވަކީލުން ވިދާޅުވެފައިވާ އިރު، ރައްޔިތުންގެ މަޖިލީހާއި އެ މަޖިލީހުގެ ކޮމެޓީތަކަށް ހާޒިރުކޮށް ތަހުގީގު ހިންގައި ބަޔާން ނެގުމުގެ ބާރު އެ ގާނޫނުން އެ ފަރާތަށް ލިބިދީފައިވާ އިރު، އެ މަޖީލީހަށް ހާޒިރު ކުރާ ފަރުދުންނަށް ގާނޫނީ ވަކީލުންނާއި ހަނުހުރުމުގެ ހައްގު ދީފައި ނުވާ ކަމަށް ބައެއް ވަކީލުން ފާހަގަކުރައްވަ އެވެ.
އިމްތިޔާޒު ބިލް ފާސްކުރީ އެމްޑީޕީގެ އިތުރުން ޑީއާރުޕީން ވޯޓުދީގެންނެވެ.