މީގެ ހަތް އަހަރު ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގާނޫނުލް އުގޫބާތުގެ ބިލަށް، ހިޔާލު ހުށަހެޅުމުގެ މުއްދަތު ބަންދު ކުރުމަށްފަހު އަނެއްކާވެސް އެ ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައި، މި މަހުގެ ނިޔަލަށް އެ ބިލުގެ މަސައްކަތް ނިންމުމަށް ގާނޫނުލް އުގޫބާތުގެ ބިލް ދިރާސާ ކުރާ ކޮމެޓީން މަސައްކަތް ފަށައިފި އެވެ. އާ ގާނޫނުލް އުގޫބާތުގެ ބިލުގެ 600އަށް ވުރެ ގިނަ މާއްދާތަކަށް ހިޔާލު ހުށަހެޅުމުގެ މުއްދަތައް ބަންދު ކުރުމާ ގުޅިގެން ގިނަ ޝަކުވާތަކެއް މަޖިލީހަށް ހުށަހަޅަމުންދާތީ އެ ބިލް ދިރާސާ ކުރާ ކޮމެޓީން ނިންމާފައި ވަނީ އާ ގާނޫނުލް އުގޫބާތަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 25 ނިޔަލަށް ހުޅުވާލުމަށެވެ. އިއްޔެ ބޭއްވި ގާނޫނުލް އުގޫބާތުގެ ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ކޮމެޓީގެ ނައިބު މުގައްރިރު ނައިފަރު ދާއިރާގެ މެންބަރު އަހުމަދު މުހައްމަދު ވިދާޅުވީ އާންމު ފަރާތްތަކުންނާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުން ބިލަށް ހުށަހަޅާ ހިޔާލުތަކަށް ބެލުމަށްފަހު މިހާރު ތައްޔާރުކޮށްފައިވާ ގާނޫނުލް އުގޫބާތަށް އިސްލާހުތަކެއް ގެންނަވާނެ ކަމަށެވެ. ކޮމެޓީގެ މެންބަރުން ނިންމަވާ ގޮތެއްގެ މަތިން އެ ބިލަށް އިސްލާހުތަކެއް ގެންނެވުމަށްފަހު ބިލުގެ މަސައްކަތް މިމަހުގެ 31 ނިޔަލަށް ނިންމުމަށް ކޮމެޓީން އަމާޒު ހިފާފައިވާ ކަމަށް ވެސް އަހުމަދު ވިދާޅުވި އެވެ. ސޯޅަ ވަނަ ރައްޔިތުންގެ މަޖިލީހަށް 2006 ވަނަ އަހަރު ހުށަހެޅި ގާނޫނުލް އުގޫބާތުގެ ބިލް، ދިރާސާކޮށް ނިންމައި، މިދިޔަ މަހުގެ 14 ވަނަ ދުވަހު އާންމުންގެ ހިޔާލަށް ހުށަހެޅުމަށްފަހު، ހިޔާލު ހުށަހެޅުމުގެ މުއްދަތު ބަންދުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި އެއްވެސް ފަރާތަކުން އެ ބިލަށް ހިޔާލު ހުށަހަޅުއްވާފައި ނުވާ ކަމަށް އަހުމަދު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ބިލަށް ހިޔާލު ހުށަހެޅުމުގެ މުއްދަތު މިމަހުގެ 31 ނިޔަލަށް ހަމަވާގޮތަށް ކުރިން މަޖިލީހުން އާންމު ކުރެވުނީ މަޖިލީހުގެ އިދާރީ މައްސަލައަކުން ކަމަށެވެ. ގާނޫނުލް އުގޫބާތުގެ ބިލް ދިރާސާ ކުރާ ކޮމެޓީ އެކުލެވިގެން ވަނީ އެމްޑީޕީގެ ތިން މެންބަރުންނާއި ޕީޕީއެމްގެ ދެ މެންބަރުންނާއި ޑީއާރްޕީގެ މެންބަރަކާއެކު ޖުމްލަ ހަ މެންބަރުންގެ މައްޗަށެވެ. އެ މެންބަރުންނަކީ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަމްޒާއާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީއާއި ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު މުހައްމަދާއި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲގެ އިތުރުން މާވަށު ދާއިރާގެ މެންބަރު އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރެވެ.