14 Oct 2010, 09:46
ސިވިލްސާވިސް މުވައްޒަފުންގެ ވަޒީފާތައް އިވެލުއޭޓްކުރުމަށް ފަހު، އޭގެ ނަތީޖާއަށް ބަލައި މުވައްޒަފުންގެ މުސާރައަށް ބަދަލު ގެންނާނެ ކަމަށް ސިވިލް ސަވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުހައްމަދު ފަހުމީ ހަސަން ވިދާޅުވެއްޖެ އެވެ.
ފަހުމީ ވިދާޅުވީ ޔޫއެންޑީޕީ ގުޅިގެން ވަޒީފާތައް މުރާޖައާ ކުރަމުން އަންނަ ކަމަށައި "ބިލްޑިން އެން އެފިޝެންޓް ސާވިސް އޮރިއެންޓެޑް އެންޑް ޓްރާންސްޕޭރެންޓް އެޑްމިނިސްޓްރޭޝަން (ބެސްޓް)"ގެ ނަމުން ކުރިއަށްގެންދާ މި ޕްރޮޖެކްޓުގެ ދަށުން، އަންނަ މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް ސިވިލް ސާވިސްގެ މަގާމުތައް ހަމަތަކަކަށް ފައްތައި ސިވިލް ސާވަންޓުންގެ މަސައްކަތަށް މުސާރަ ކަނޑައެޅުމަށާއި، އޮނިގަނޑު އަލުން ރުކުރުވައިލާނެ ކަމަށެވެ.
ފަހުމީ ވިދާޅުވީ، ބެސްޓް ޕްރޮޖެކްޓުގެ ދަށުން މުވައްޒަފުންގެ މަސައްކަތްތަކަކީ ކޮބައިކަން ކަނޑައަޅައި މުވައްޒަފެއްގެ ދައުރާއި ނިންމުންތައް މިނާނެ ކަމަށެވެ. އަދި އެ މުވައްޒަފެއްގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާނެ ގޮތްތައް ބަޔާންކުރާ އުސޫލެއް ގާއިމްކުރާނެ ކަމަށެވެ.
އެގޮތުން ސިވިލް ސާވިސްގެ މަގާމުތަކުގެ މަސައްކަތްތަކާއި އެ މަސައްކަތުގައި މުވައްޒަފުން ނަގައި ރިސްކާއި އެ މަސައްކަތާ ގުޅުވައިގެން މުސާރަ އާއި އިނާޔަތްތައް ހަމަޖެއްސުމަކީ މި ޕްރޮޖެކްޓުގެ މައިގަނޑު އެއް މަގުސަދު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، މުސާރަތަކަށް ބަދަލު ގެންނާނެ އިރެއް ފަހުމީ ވިދާޅެއް ނުވެ އެވެ.
"މި މަސައްކަތް (ޖޮބް އިވެލުއޭޝަން) ފުރިހަމަ ވެގެންދާ އިރު އެ ކަންތައްތައް (މުސާރަ ބަދަލުކުރުން) ވެސް ފުރިހަމަވެގެންދާނެ. އެހެންނަމަވެސް، އެގޮތުން މުސާރަތަކަށް ބަދަލު ގެނެވޭނީ ވަކި މިވެނި ތާރީޚެއްގައޭ އަޅުގަނޑަކަށް ދަންނަވާކަށް ނޭނގޭ" ފަހުމީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި މަސައްކަތުގެ ހަމައެކަނި ބޭނުމަކީ މުސާރަ ބޮޑުކުރުން ނޫން ކަމަށާއި މުވައްޒަފުންގެ މަސްއޫލިއްޔަތުތައް ދަނެގެނެ ހުރިހާ ހައިސިއްޔަތަކުން ދޭން ޖެހޭ މަގާމުތައް ވަޒަން ކުރެވިގެން ދިއުމަކީ ވެސް މި މަސައްކަތުގެ އެއް ބައި ކަމަށެވެ.
ފަހުމީ ވިދާޅުވީ، މިހާރު ވެސް ހީވާގި މަސައްކަތްތަކެއް ކުރާ މުވައްޒަފުން ތަންތަނުގެ އާދައިގެ ފެންވަރުގައި އުޅޭއިރު، އެހާ ބޮޑު މަސްއޫލިއްޔަތެއް ނެތް ބަޔަކު މަތީ މަގާމުތަކުގައި އެބަތިބިކަމަށެވެ. އެހެންނަމަވެސް، އެތައް ޒަމާނެއް ވަންދެން ހިނގަމުން އަންނަ މިފަދަ ސިސްޓަމެއް ބަދަލުކުރުމަށް ވަރަށް ގިނަ ދުވަސް ނަގާނެ ކަމަށެވެ.
"އެތައް ޒަމާނެއްވަންދެން މިގޮތަށް ހިނގަމުން އަންނަ ސިސްޓަމެއް މިއީ ކުއްލިއަކަށް އަޅުގަނޑުމެންނަކަށް އައިޑިއަލް ބެސްޓް ޕްރެކްޓިސްތަކާ އެއްގޮތް ކުރެވޭނެ ކަންތައްތަކެއް ނޫން. އެކަންކަމަށް ވަގުތު ނަގާނެ. އެހެންވީމާ މީގެ އާހިރު ނަތީޖާއަކަށް ވާނީ ދުނިޔޭގެ އެހެނިހެން ގައުމުތަކުގައި ވެސް މުސާރަ ކަނޑައަޅައި އުސޫލުތަކާއި މިންގަނޑުތަކާ ފައިހަމަ ކުރެވޭނެ ގޮތަކަށް އަޅުގަނޑުމެންގެ ވެސް އެ ކަންތައް ރޭވި ތަރުތީބުކުރެވި، ލިޔެވި ރާއްޖޭގައި ހުރިހާ އެންމެންނަށް ފެންނަ ގޮތަކަށް ހުރުން،" ފަހުމީ ވިދާޅުވި އެވެ.
ސިވިލް ސާވިސް ކޮމިޝަނުން އިއްޔެ ނެރުނު ނޫސް ބަޔަނެއްގައި ބުނަނީ، ވަޒީފާތައް އިވެލިއޭޓް ކުރުމުގެ މަސައްކަތް ނިމޭއިރު "ސިވިލް ސާވިސްގެ ކޮންމެ މަގާމަކަށް މުސާރަ އާއި އެހެނިހެން އިނާޔަތްތައް ކަނޑައެޅިގެންދާނީ އެ މަޤާމުގެ ކުޑަބޮ މިން ވަޒަން ކުރެވި މަގާމުގައި މަސައްކަތް ކުރާ މިހާއަށް ބެލުމެއް ނެތި" ކަމަށެވެ.
އަދި މި ޕްރޮޖެކްޓް ނިމުމުން، ޔޫއެންޑީޕީގެ ކޮންސަލްޓަންޓެއް ކަމަށްވާ ކެނެޑާގެ އަންދްރޭ ކޯޓޭ، ކުރެވުނު ހުރިހާ މަސައްކަތްތަކަށް ބިނާކޮށް އަންނަ އަހަރުގެ މާޗް އެއް ވަނަ ދުވަހުގެ ނިޔަލަށް ރިޕޯޓެއް ތައްޔާރުކޮށް ސިވިލް ސާވިސް ކޮމިޝަނަށް ހުށަހަޅާނެ އެވެ.