12 Mar 2013, 23:08
މޯލްޑިވްސް ޑިވެލޮޕްމެންޓް އެލައެންސް (އެމްޑީއޭ) އުވުނު ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.
އެމްޑީއޭގެ ނައިބު ލީޑަރު އަދި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު މިރޭ ސަން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި އެމްޑީއޭ އުވޭނެ ކަމަށް މާނަ ކުރެވޭނެ އެއްވެސް ޖާގައެއް ނެތް ކަމަށެވެ.
އާމިރު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމަށް ލާޒިމުވާ ގޮތަށް މަޖިލީހުން ފާސް ކުރުމުގެ ކުރިން އެމްޑީއޭ އިން 10000 އަށް ވުރެ ގިނަ މެންބަރުން ހަމަކޮށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށާއި އެ ފޯމުތަކާ މެދު އިލެކްޝަނުން އަމަލު ކުރެއްވި ގޮތެއް މިހާ ހިސާބަށް އައި އިރު ވެސް އަންގަވާފައި ނުވާ ކަމަށެވެ. އެހެން ކަމުން އިލެކްޝަންސް ކޮމިޝަނަށް އެ ފޯމުތައް ސާފު ނުކުރެވިގެން ނުވަތަ ޕްރޮސެސް ނުކުރެވުމުގެ ސަބަބުން އެމްޑީއޭ އުވެން ޖެހޭނެ އެއްވެސް ސަބަބެއް އޮވެގެން ނުވާނެ ކަމަށް އާމިރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ޕާޓީން އޮންނާނީ މަޖިލީހުން ދެވަނަ ފަހަރަށް ބިލު ފާސް ކުރުމުގެ މާ ކުރިން 10000 އަށް ވުރެ ގިނަ މެންބަރުން ހަމަކޮށް އިލެކްޝަނަށް ވައްދާފައި. ދެން އެ ފޯމުތައް ވަގުތުގެ ތެރޭގައި ސާފު ކުރުން އެއީ އެ ކޮމިޝަނުގެ ޒިންމާއެއް. އެކަމާ ހެދި އެމްޑީއޭ އުވޭނެ އެއްވެސް ގޮތެއް އޮންނާނެ ކަމަށް ބުއްދީގެ ހަމަތަކުން ކަންކަން ވިސްނާ އެއްވެސް މީހަކު ގަބޫލެއް ނުކުރާނެ،" އެމްޑީއޭގެ ނައިބު ލީޑަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްޑީއޭގެ މެންބަރުން މާޔޫސް ވާން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި ޕާޓީގެ ހަރަކާތްތައް ވެސް ގަވައިދުން ކުރިޔަށް ގެންދަވާނެ ކަމަށެވެ. އަދި އަތޮޅުތަކުގެ ރަށްތަކުގައި ޕާޓީން ރާވައި ކުރިޔަށް ގެންދާ ހުރިހާ ކަންތައްތައް ވެސް ހުއްޓުމެއް ނެތި ކުރިޔަށް ގެންދެވުމަށް އެދިވަޑައިގަންނަވާ ކަމަށް އާމިރު ވިދާޅުވި އެވެ.
"މި ކަމުގައި އެމްޑީއޭގެ މެންބަރުން މާޔޫސްވެވަޑައި ނުގަތުމަށް އަޅުގަނޑު އެދެން. އެމްޑީއޭ އެއް ނުއުވޭ. އެމްޑީއޭ ވުޖޫދުގައި އެބަ އޮތް. އެމްޑީއޭގެ މުސްތަގުބަލު ވެސް އޮތީ އުޖާލާކޮށް،" އާމިރު އިތުރަށް ވިދާޅުވި އެވެ.
އެމްޑީއޭ އުވުނު ކަމަށް ގަބޫލު ނުކުރެއްވި ނަމަވެސް، އިލެކްޝަނުގައި އޮންނަ ޕާޓީތަކުގެ ދަފުތަރުން އެ ޕާޓީގެ ނަން އުނިކުރި މައްސަލަ ސުޕްރީމް ކޯޓަށް ވަރަށް އަވަހަށް ވައްދަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އެ މަސައްކަތް ޕާޓީގެ ފަރާތުން ގާނޫނީ ޓީމާ ހަވާލު ކުރައްވާފައިވާ ކަމަށް ވެސް އާމިރު ވިދާޅުވި އެވެ.