12 Mar 2013, 18:21
މީހެއް ދުއްވި ޕިކަޕެއް ގާނޫނީ އިމުން ބޭރުން ހިފެހެއްޓުމުގެ ސަބަބުން އެމީހާ އަށް ލިބިފައިވާ ގެއްލުމުގެ ގޮތުގައި 170930 ރުފިޔާ ކަނޑައަޅައި އެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި އޭނާ އަށް ދެއްކުމަށް، ސިވިލް ކޯޓަށް ދެއްކުމަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
މ. މުރައިދޫ، ފިނިހިޔާގެ، އާދަމް ސައީދުގެ ދުއްވި ޕިކަޕެއް 20 މާޗް 2012 ވަނަ ދުވަހު ފުލުހުން ހިފެހެއްޓުމާ ގުޅިގެން އޭނާ އަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ކުރި ދައުވާއާ ގުޅިގެން ސިވިލް ކޯޓުން އިއްޔެ ކޮށްފައިވާ ހުކުމްގައި ބުނެފައި ވަނީ އެޕިކަޕް ފުލުހުން ހިފަހައްޓާފައި ވަނީ ގާނޫނީ އިމުން ބޭރުން ކަމަށެވެ. ނަމަވެސް ދައުލަތުގެ ފަރާތުން ކޯޓުގައި ވަނީ އެ ދައުވާ އަށް އިންކާރުކޮށްފަ އެވެ. އެ ދައުވާއާ ގުޅިގެން ފުލުހުންގެ ފަރާތުން ޝަރީޢަތުގައި ބުނެފައި ވަނީ އެޕިކަޕް ހިފެހެއްޓީ ފުލުހުންނަށް ގާނޫނުން ލިބިދޭ ބާރުގެ ދަށުން ކަމަށެވެ.
އެމައްސަލާގައި ދައުވާ ލިބޭ ފަރާތް ކަމުގައިވާ ފުލުހުންގެ އިދާރާގެ ފަރާތުން އެގޮތަށް އަމަލްކުރުމުގެ ސަަބަބުން އާދަމް ސައީދު އާއްމުދަނީ ހޯދުމަށް ކުރަމުން ގެންދިޔަ މަސައްކަތް ބުރޫ އަރައި އެ މުއްދަތުގެ ތެރޭގައި އެ މަސައްކަތް ހުއްޓިފައިވާ ކަމަށާއި އެކަމުގެ ޒިންމާ ފުލުހުންގެ އިދާރާއިން އުފުލަން ޖެހޭ ކަމަށް ވެސް އެހުކުމްގައި ބުނެފައިވެ އެވެ.
ޕިކަޕް ހިފެހެއްޓުމުގެ ސަބަބުން އެ ފިކަޕް ކުއްޔަށް ނަގައިގެން އުޅޭ ފަރާތަށް އާދަމް ސައީދު ދައްކަން ޖެހޭ ކަމަށް ބުނެ ހޯދުމަށް ދައުވާގައި ބުނެފައިވާ ކުލީގެ ފައިސާ ވަކިން ނަގައިދެވޭނެ ކަމަށް ޝަރީއަތުން ނުދެކޭ ކަމަށް ހުކުމުގައިވެ އެވެ. ނަމަވެސް ދައުލަތުގެ ފަރާތުން އެޕިކަޕް ހިފަހައްޓާފައިވާ 102 ދުވަހުގެ މުއްދަތުގެ ތެރޭގައި އޭނާ އަށް ލިބެން ޖެހޭ އާމްދަނީގެ ބަދަލުގައާއި އާމްދަނީ ހޯދުމަށް އޮތް ފުރުސަތު ގެއްލުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލުގެ ދައުވާލިބޭ ފަރާތުން ދޭން ޖެހޭ ކަމަށް ހުކުމްގައި ކަނޑައަޅާފައިވެ އެވެ.
އެގޮތުން ޕިކަޕް ހިފަހައްޓާފައިވާ ކޮންމެ ދުވަހެއްގެ އަށް ގަޑިއިރުގެ ގޮތުގައި ކޮންމެ ދުހަކަށް 180ރ. މަގުން 146880ރ. އާއި އެ ޕިކަޕް ހިފެހެއްޓުމަށް ފަހު ފުލުހުން އަނބުރާ އާދަމް ސައީދާ އޭތި ހަވާލުކުރި އިރު ލިބިފައިވާ ގެއްލުންތަކުގެ ތެރޭގައި ހިމެނޭ ފިކަޕުގެ އެއާކޮންޑިޝަން ފިނިވުމުގެ މައްސަަލަ އާއި ޕިކަޕްގެ ފިއުޒް ބޮކްސް ކަވަރުގެ ވައާތްފަރާތު ލޮކް ބިންދައިގެން ގޮސްފައިވުމުގެ ސަބަބުން ކުރަންޖެހުނު ހަރަދަަށްވާ 4050 ރުފިޔާ އާއި ދައުވާކުރާ ފަރާތުން ގާނޫނީ ވަކީލަށް ދައްކަން ޖެހުނު 20،000 ރުފިޔާ ފުލުހުންގެ އިދާރާ އިން އާދަމް ސަޢީދަށް ދަައްކަން ޖެހޭ ކަމަށް އެހުމްގައި ކަނޑައަޅައިފައިވެ އެވެ.
އެ މައްސަލާގައި އެމީހާ ދުއްވި ޕިކަޕް ފުލުހުން ހަވާލުކޮށްފައިވަނީ ސިވިލް ކޯޓުގެ ވަގުތީ އަމުރެއްގެ ދަށުންނެވެ.