12 Mar 2013, 18:12
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ ހިންގުމަށް ސަރުކާރުން އުފައްދާފައިވާ އާ ފުންފުނި، މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ލިމިޓެޑް (އެމްއައިއެލް)ގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް އައިލެންޑް އޭވިއޭޝަންގެ ޗެއާމަނަކަށް ހުންނެވި ބަންދު އިބްރާހިމް ސަލީމް ހަމަޖައްސަވައިފި އެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ވިދާޅުވީ އެމްޑީގެ މަގާމަށް ބަންދު ސަލީމް ހަމަޖެއްސެވި އިރު އެއާޕޯޓުގެ އިތުރު މުހިއްމު ދެ މަގާކަމަކަށް ބޭރުން ދެ ބޭފުޅަކު ގެންނަވަން ވެސް ހަމަޖައްސަވާފައިވާ ކަމަށެވެ. އެ ގޮތުން ވިދާޅުވީ އެއާޕޯޓުގެ ޗީފް އޮޕަރޭޝަންސް އޮފިސަރެއްގެ އިތުރުން ޗީފް ފައިނޭންސް އޮފިސަރެއް ބޭރުން ގެންނަން ހަމަޖައްސާފައިވާ ކަމަށެވެ.
"އަޅުގަނޑު ކަނޑައަޅާފައި މި ވަނީ އާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ބަންދު އިބްރާހިމް ސަލީމް. އަދި އެއާޕޯޓުގެ މުހިއްމު ދެ މަގާމަކަށް ބޭރުން އެކްސްޕާޓުން ވެސް ގެންނަން ހަމަޖެހިފައިވޭ. އެ ގޮތުން އެއާޕޯޓުގެ ޗީފް އޮޕަރޭޝަންސް އޮފިސަރެއްގެ އިތުރުން ޗީފް ފައިނޭންސް އޮފިސަރެއް ބޭރުން ގެންނަން ހަމަޖެހިފައިވޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އޭގެ އިތުރުން އެމްއައިއެލްގެ ބޯޑު ވެސް ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އެކުލަވާލައްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ އެއާޕޯޓު ތަރައްގީ ކުރުމަށް މިހާރުން މިހާރަށް ކުރަން ޖެހޭ ކަންކަމާއި މެދުރާސްތާގައި ކުރަން ޖެހޭ ކަންކަން ފާހަގަ ކުރައްވާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެކަންކަން ކުރިއަށް ގެންދުމަށް ޓަކައި ލަފާ ދެއްވާ ކޮމެޓީއެއް ވެސް މިހާރު އުފައްދަވާފައިވާ ކަމަށާއި އެ ކޮމެޓީގައި އިގްތިސޯދީގޮތުން އެންމެ ފުންނާބު އުސް ބޭފުޅުން ހިމެނިވަޑައިގަންނަވާ ކަމަށެވެ. އަދި އެ ބޭފުޅުންގެ ލަފާގެ މަތިން ގެންނަން ޖެހޭ ބަދަލްތައް މިހާރު ވެސް ގެންނަމުންދާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެއާޕޯޓުގައި ފްލައިޓް ޑިލޭ ވުމުގެ މައްސަލައަށް އަށް އަލި އަޅުއްވާ ލައްވަމުން ރައީސް ވިދާޅުވީ ފްލައިޓް ޑިލޭ ވުމުގެ މައްސަލަ ރެކޯޑް އަދަދަކަށް ކުޑަކުރެވިފައިވާ ކަމަށެވެ. އަދި އެއާޕޯޓުން ލިބޭ އާމްދަނީ އިތުރުވެ ޑޮލަރުގެ ދަތިކަން ވެސް ހައްލުވަމުން އަންނަ ކަމަށެވެ.