ނޫސްވެރިކަމަށް ފުޅާ ދާއިރާއެއްގައި މިނިވަންކަން ދެއްވަން މަސައްކަތް ކުރައްވަމުން ގެންދާވާ ކަމަށާއި ގާނޫނު އަސާސީން ނޫސްވެރިނަށް ލިބިދޭ މަސްދަރު ހިމާޔަތްކޮށްދޭން ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން ވިދާޅުވެެއްޖެ އެވެ.

ސިޔާސީ ޕާޓީގެ ބިލާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުގެ ބިލު ތަސްދީގު ކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން ހިންގާ ނޫހެއް، މަޖައްލާއެއް ނުވަތަ ޓީވީ، ރޭޑިއޯ ސްޓޭޝަނެއް ނެތި ސަރުކާރެއް ހިންގުމަކީ ތަރައްގީ ވަމުން އަންނަ އެއްވެސް ގައުމެއްގައި މިހާތަނަށް ކޮށްފައި އޮތް ކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގައި ވެސް ފަހުގެ ތާރިޚުތަކުގައި ކޮށްފައިވާ އެއްވެސް ވެރިކަމެއްގައި އެކަން އެ ގޮތަށް ކޮށްފައި ނެތް ކަމަށެވެ.

"އެނގިވަޑައި ގަންނަވާނެ އަޅުގަނޑު މި މަގާމާ ހަވާލުވި ފަހުން ނޫސްވެރިކަމަށް ވީހާވެސް ފުޅާ ދާއިރާއެއްގައި މިނިވަންކަން ދެވޭތޯ މަސައްކަތް ކުރަމުން މި ގެންދަނީ. އެ ގޮތުން ވިސްނާ ވަޑައިގަންނަވައިފިއްޔާ އެނގިވަޑައިގަންނަވާނެ މި ވޭތުވެ ދިޔަ އަހަރު ދުވަސް މި ދިޔައީ ސަރުކާރުން ހިންގާ ނޫހެއް މަޖައްލާ އެއް، ޓީވީ، ރޭޑިއޯ ސްޓޭޝަނެއް ނެތި. މިއީ ބައްލަވާ ލައްވައިފިއްޔާ އެނގި ވަޑައިގަންނަވާނެ، ތަރައްގީ ވަމުން އަންނަ އެއްވެސް ގައުމެއްގައި، އަދި މިހާ ތަނަށް ކޮށްފައި ވެސް އޮތް ކަމެއް ނޫން. އަދި ރާއްޖޭގެ ފަހުގެ ތާރީޚުގައި ވެސް ކޮށްފައި އޮތް ކަމެއް ވެސް ނޫން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސަރުކާރުން އެ ގޮތަށް ކަންތައް ކުރައްވަމުން ގެންދަވަނީ ނޫސްވެރިކަމުގެ މިނިވަންކަން ޔަގީން ކުރަން ބޭނުންވާތީ ކަމަށެވެ. އަދި ގާނޫނު އަސާސީން ނޫސްވެރިންނަށް ދީފައިވާ މިނިވަންކަމެއް ހަނިކޮށް އުނި ކުރުމަކަށް ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުގެ ބިލާ ބެހޭ ގޮތުން މިއަދު ވެސް އެމަނިކުފާނު ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. އެ ގޮތުން އެ ގާނޫނުން ދީފައިވާ އިނާޔަތްތަކުގެ ތެރޭގައި އެ ބޭފުޅުންގެ އަނބިންނާއި ފިރިންނާއި އަދި ދަރިންނަށް ކަނޑަ އަޅާފައިވާ އިނާޔަތް ތަކާއި މެމްބަރު ކަން ކުރައްވާފައި ބޭފުޅުންނަށް މެމްބަރުކަން ނިމުމަށް ފަހު ލިބޭ އިނާޔަތްތަކާއި އެ މަޖިލީހުގެ އަމީން އާއްމު އަށް ލިބިދޭ އިނާޔަތްތައް ހިމެނޭ އިރު އެފަދަ އިނާޔަތްތަކަކީ އޭގެ ޒާތުގައި ގާނޫނެއްގައި ކަނޑަ އެޅޭ ކަމެއް ކަމުގައިވީ ނަމަވެސް އެ ކަމަކީ އެ ބިލްގައި ކަނޑައަޅާފައިވާ އިންތަކުން ބޭރު ކަންތައް ކަމުގައި އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަދި އެ ބިލްގައިވާ ގޮތުން ރައްޔިތުން މަޖިލީހަށް ކޮންމެ މީހަކުމެ ހާޒިރުވާން ޖެހޭ ކަމަށާއި އަދި އެ ތަނުގައި އެ މީހަކަށް އެނގޭ އެންމެ ތެދު ބަހުން ޖަވާބު ނުދީފި ނަމަ ކުށްވެރިވާ ކަމަށް އޮތް އޮތުމާއި މެދުވެސް ވަރަށް ކަންބޮޑުވެ ލައްވާ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހަށް ހަމަ ކޮންމެ މީހަކުމެ ހާޒިރުވާން ޖެހޭ ކަމަށާއި އެ މަޖިލީހަށް ހާޒިރުވާ މީހަކަށް އެ މީހަކަށް އެނގޭ އެންމެ ތެދުބަހުން ޖަވާބު ނުދީފި ނަމަ، "މިއީ ވަރަށް ސަބްޖެކްޓިވް އެއްޗެއް،" ކާކުތޯ ކަނޑަ އަޅަނީ އެ މީހަކަށް އެނގޭ އެންމެ ރަނގަޅަށް ތެދު ބަހުން ޖަވާބު ދިނުމާއި ނުދިނުން. އެހެން ނަމަވެސް އެ ގޮތަށް ފެނިވަޑައިގެންފި ނަމަ އެއީ ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅާ އެ މީހަކު ޖޫރިމަނާކޮށް އެ މީހަކަށް ތިން މަސް ދުވަހާއި ހަ މަސް ދުވަހާއި ދެމެދުގެ މުއްދަތުގެ ޖަލު ހުކުމެއް ކަނޑައަޅާފައިވޭ،" ރައީސް ވިދާޅުވި އެވެ.

ެރައީސް ވިދާޅުވީ އެ ގާނޫނުގެ ސަބަބުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ދައުލަތުގެ އެހެން ބާރުތަކާއި މުއައްސަސާތަކަށް ލިބިދީފައިވާ ހައްގުތަކެއް ގެއްލިދާނެ ކަމަށް ދެކެވަޑައި ގަންނަވާ ކަމަށެވެ.