ނެތިިދިއުމުގެ ބިރު ހީވެފައިވާ ދިރޭތަކެތި އިމްޕޯޓް ކުރުމާއި އެކްސްޕޯޓްކޮށް، ވިޔަފާރި ކުރުން މަނާކުރާ މުއާހަދާ، ކޮންވެންޝަން އޮން އިންޓާނޭޝަނަލް ޓްރޭޑް އިން އެންޑޭންޖާޑް ސްޕީޝީޒް އޮފް ވައިލްޑް ފައުނާ އެންޑް ފްލޯރާ (ސައިޓީސް)ގެ މެންބަރުކަން ރާއްޖެ އަށް ލިބިއްޖެ އެވެ.

ސައިޓީސްގައި ރާއްޖެ ބައިވެރިވުމަށް ރައްޔިތުން މަޖިލީހުން ރުހުންދީފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. އެ މުއާހަދާގައި ވާގޮތުން 33،000 ވުރެ ގިނަ ދިރޭތަކެއްޗަކީ ދުނިޔެ އިން ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ ތަކެއްޗެވެ. އެ މުއާހަދާގައި ބައިވެރިވެ، މެންބަރު ގައުމަކަށް ރާއްޖެވުމުން ދުނިޔެއިން ނެތިގެންދާނެ ކަމުގެ ބިރު ހީވެފައިވާ ޖަނަވާރާއި ދޫނި ސޫފާސޫފީގެ އިތުރުން ގަސްގަހާ ގެހި ބައިނަލްއަގުވާމީ ވިޔަފާރީގައި ބޭނުން ކުރިއަސް އޭގެ ނަސްލަށް ގެއްލުން ނުވާނެ ގޮތަށް ރާއްޖެއިން އަމަލު ކުރަންޖެހޭނެ އެވެ.

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނާޖީ މިއަދު ބުނީ ސައިޓީސްގެ މެންބަރުކަން ރާއްޖެ އަށް ދިނުމަށް ސައިޓީސް ސެކްރެޓަރިއޭޓުން ކުޑަ ރަސްމިއްޔާތެއް ބާއްވާފައިވާ ކަމަށާއި އެ ކޮންފަރެންސް ބައްދަލުވުން ފެށުނީ ދިވެހިރާއްޖޭގެ ނަންބޯޑު އޮބްޒާވަރު ނަންބޯޑު މެންބަރު ގައުމެއްގެ ނަންބޯޑަށް ބަދަލު ކުރުމަށްފަހުގައި ކަމަށެވެ. އަދި އެ ކޮންފަރެންސްގައި ބައިވެރިވި 150 އަށް ވުރެ، ގިނަ ގައުމު ކުރިމަތީގައި މެންބަރެއްގެ ހައިސިއްޔަތުން ރާއްޖެ އިން ސްޓޭޓްމަންޓެއް ދީފައިވާ ކަމަށެވެ.

"ސައިޓީސްއަކީ، ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރޭތަކެތި އެއް ގައުމުން އަނެއް ގައުމަށް ގެންދިއުމުގައި އުސޫލްތަކެއް ގާއިމްކޮށް އެ އުސޫލްތަކަށް އަމަލު ކުރުމަށް މެންބަރު ގައުމުތަކަށް ލާޒިމް ކުރާ މުއާހަދާއެއް ކަމަށާއި މިވަގުތު ދިވެހިރާއްޖެ ސައިޓީސްގެ މެންބަރަކަށްވުމުން ސައިޓީސްގެ އެޕެންޑިކްސް I އަދި އެޕެންޑިކްސް II ގައިވާ ދިރޭތަކެތީގެ އިމްޕޯޓް ކޮންޓްރޯލް ކުރަންޖެހެ އެވެ،" އެންވަޔަރަމަންޓް މިނިސްޓްރީ އާންމު ކުރި ބަޔާނެއްގައިވެ އެވެ.

ސައިޓީސް މުއާހަދާއާ ހަވާލާދީ އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ ނެތިދިއުމުގެ ބިރު އެންމެބޮޑަށް ހީވެފައިވާ ދިރޭތަކެއްޗަކީ އެޕެންޑިކްސް އެކެއްގައިވާ ދިރޭތަކެތި ކަމަށެވެ. އަދި އެޕެންޑިކްސް ދޭއްގައިވާ ދިރޭ ތަކެއްޗަކީ ނެތިދިއުމުގެ ބިރު އަދި ހީވެފައި ނުވިނަމަވެސް އެތަކެތީގެ ފިޔަފާރި ކޮންޓްރޯލް ނުކޮށްފި ނަމަ ނެތިދިއުން ކައިރި ތަކެއްތި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

"މި އެޕެންޑިކްސްގައި ހިމެނިފައިވާ ދިރޭތަކެތީގައި އެކްސްޕޯޓް ކުރާ ގައުމުން ކަނޑައަޅާ ޝަރުތުތަކެއް ފުރިހަމަވާ ނަމަ، އަދި އެކްސްޕޯޓް ކުރުމުން އެތަކެތީގެ ދެމިހުރުމަށް ހުރަހަކަށް ނުވާ ނަމަ އެކްސްޕޯޓް ކުރުމުގެ ހުއްދަ ދެވިދާނެ އެވެ. ސައިޓީސްގެ ދަށުން މި ތަކެތި އިމްޕޯޓް ކުރުމަށް ހުއްދައެއް ނަގާކަށް ނުޖެހެ އެވެ. ނަމަވެސް ގައުމަކުން ބޭނުންވެއްޖެ ހިނދެއްގައި އިމްޕޯޓް ކުރުމަށާއި އެކްސްޕޯޓް ކުރުމަށް ސައިޓީސް އަށް ވުރެ، ހަރުކަށި ފިޔަވަޅު އެޅިދާނެ އެވެ،" އެ މިނިސްޓްރީން ބުންޏެވެ.

ސައިޓީސް ލިސްޓް ކުރެވިފައިވާ ދިރޭތަކެއްޗަށް ހުއްދަ ދިނުމަށް ކަނޑައެޅިފައިވާ ރާއްޖޭގެ މެނޭޖުމަންޓް އޮތޯރިޓީއަކީ މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނާޖީ އެވެ. އަދި ސައިންޓްފިކް އޮތޮރިޓީ އަކީ އެންވަރަޔަމަންޓަލް ޕްރޮޓެކްޝަން އެޖެންސީއާއި މެރިން ރިސާޗް ސެންޓަރެވެ.