ސަރުކާރާ މާލޭ ސިޓީ ކައުންސިލާ ދެމެދު ހުރި މައްސަލަތައް ހައްލުކުރުމަށް ޓަކައި ސަރުކާރާ މުއާމަލާތްކުރާނެ ކޮމިޓީއެއް ކަނޑައަޅައި އެ ކޮމެޓީގެ އިސް ވެރިޔަކަށް ސިޓީ ކައުންސިލްގެ މެންބަރު އަދި ރައީސުލްޖުމްހޫރިއްޔާގެ ސްޕެސެޝަލް އެންވޯއީ އާދަމް މަނިކު (ސަރަނގު އާދަމް މަނިކު) ހަމަޖައްސައިފި އެވެ.

ސަރުކާރާ ވާހަކަ ދައްކައިގެން މައްސަލަތައް ހައްލުކުރަން އުފެއްދި ކޮމިޓީގައި ހިމެނެނީ އެމްޑީޕީ އަށް ނިސްބަތްވާ ކައުންސިލަރުން ކަމަށްވާ އާދަމް މަނިކާއި ސަމާހު ރަޝީދާއި ޖުމްހޫރީ ޕާޓީ އަށް ނިސްބަތްވާ ކައުންސިލަރު އަހުމަދު ހަމީދު (ފްލައި) އާއި ޑީއާރުޕީ އަށް ނިސްބަތްވާ އިބުރާހިމް ޝުޖާއު އެވެ.

ކޮމިޓީ އުފެއްދުމަށް ފަހު ސިޓީ ހޯލްގައި މިއަދު ބޭއްވި ނޫސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އާދަމް މަނިކު ވިދާޅުވީ ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތް ރައްޔިތުންނަށް ނުދެވޭ މައްސަލައަކީ ހުރިހާ ކައުންސިލަރުން ވެސް ކަންބޮޑުވާ ކަމެއް ކަމަށާއި ކޮމިޓީ އެކުލަވާލީ ވާހަކަ ދައްކައިގެން މައްސަލަތައް ހައްލުކޮށްގެން ހިދުމަތްދޭން ހުރިހާ ކައުންސިލަރުން ވެސް ބޭނުންވާތީ ކަމަށެވެ.

އަދި ވިދާޅުވީ މަޝްވަރާކޮށްގެން ކަންތައްތައް ފިނިކޮށްގެން ކަންތައްތައް ކުރަން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށާއި ގޮންޖެހުންތައް ނައްތާލެވޭނެ ކަން ޔަގީން ކަމަށެވެ.

"އަޅުގަނޑަށް ދެވެން އޮތް ޔަގީންކަމަކީ އަޅުގަނޑު މިކޮމިޓީއާ އެކީގައި މަސައްކަތް ކުރާނަމޭ ސަރުކާރާ ވާހަކަ ދައްކައިގެން ގޮންޖެހުންތައް ނައްތާލުމަށް. އަޅުގަނޑަށް ޔަގީން ގޮންޖެހުންތައް ނައްތާލެވޭނެކަން،" އާދަމް މަނިކު ވިދާޅުވި އެވެ.

ސަރުކާރާއި ސިޓީ ކައުންސިލާ ދެމެދު ހިޔާލުތަފާތުވުން އުފެދިފައި ހުރި މައްސަލަތަކުގެ ތެރޭގައި ބަޖެޓްގެ މައްސަލަ އާއި ކުނިކޮށީގެ މައްސަލަ އާއި މާލޭގައި ހިންގާ ވޯކްޝޮޕްތަކުގެ މައްސަލައާއި ކައުންސިލްގެ އިހުތިޞާސްގެ ތެރޭގައި ހިމެނޭ ބިންތަކުގެ މައްސަލަ ހިމެނޭ ކަމަށް އާދަމް މަނިކު ވިދާޅުވި އެވެ.

އަދި ވިދާޅުވީ ސަރުކާރާ ދެމެދު ހުރި މައްސަލަތައް ދެ ހަފުތާ ނުވަތަ މަހެއްހާ ދުވަސް ތެރޭގައި ހައްލުކުރެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

"މައްސަލަތައް ވަރަށް ގިނަ އިނގޭތޯ. އެހެން ނަމަވެސް އެއީ އަޅުގަނޑުމެންނަށް މޭޒެއް ކައިރިއަށް ޖެހިލައިގެން ވާހަކަ ދެއްކިއްޖެއްޔާ ހައްލުކުރެވޭނެ މައްސަލަތައް. މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދަކީ ވެސް އަޅުގަނޑު ދަންނަ ބޭފުޅެއް. އަޅުގަނޑަށް އިނގޭ ރައީސް ވަހީދަކީ މަޝްވަރާ އުސޫލުން ކަންތައްތައް ނިންމަވަން ބޭނުންފުޅުވާ ބޭފުޅެއް ކަން. އެހެންވީމާ އަޅުގަނޑަށް ވަރަށް ޔަގީންކަން އެބަ އޮތް އަޅުގަނޑުމެންގެ ކޮމިޓީ ގޮސް ރައީސާ ވާހަކަ ދައްކައިގެން މިކަންކަމުގައި އަޅުގަނޑުމެންނަށް ކުރިމަގު ފެންނާނެކަން. އަދި އެކަމެއް ވާން އޮތް ކަމެއް ވެއްޖެއްޔާ މާގިނަ ދުވަހެއް ނުނަގާނެ." އާދަމް މަނިކު ވިދާޅުވި އެވެ.

ސަރުކާރާއި ސިޓީ ކައުންސިލާ ދެމެދު ހުރި މައްސަލަތަކުގެ ތެރޭގައި އެޓާނީ ޖެނެރަލްއާއި ބައެއް މިނިސްޓްރީތަކާ ދެކޮޅަށް ސިޓީކައުންސިލުން އުފުލާފައި ހުރި ދައުވާތަކާއި ސަރުކާރުން އުފުލާފައި ބައެއް ދައުވާ ވެސް ހިމެނެ ކަމަށާއި އެދައުވާތައް ވެސް އަނބުރާ ގެންނަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރާއްޖޭގެ ވެރިކަން ބަދަލުވި ފަހުން ސަރުކާރާ މާލޭ ސިޓީ ކައުންސިލާ ދެމެދު ބޮޑެތި އަރާރުންތަކެއް އުފެދި ސިޓީ ކައުންސިލުން ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ވަނީ ނުވެ އެވެ.