14 Oct 2010, 09:45
ރިސޯޓްތައް ކުއްޔަށް ދީފައިވާ މުއްދަތު 50 އަހަރަށް އިތުރުކުރުމަށް ޓޫރިޒަމްގެ ޤާނޫނަށް އިސްލާހް ގެނައި ފަހުން ހަ ރިސޯޓެއްގެ މުއްދަތު އިތުރު ކުރުމަށް އެދި ހުށަހަޅައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ލީގަލް އޮފިސާ ފަސީހު ޒާހިރު މިއަދު ވިދާޅުވީ ރިސޯޓް ހެދުމަށް ކުއްޔަށްދީފައިވާ ރަށްރަށް ކުއްޔަށް ދީފައިވާ މުއްދަތު މިދިޔަ މަހުގެ 8 ވަނަ ދުވަހު އަމަލު ކުރަން ފަށާފައިވާ ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ޤާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ޤާނޫނުގެ ދަށުން 50 އަހަރަށް އިތުރު ކުރެވޭ ގޮތަށް ހަމަޖެހިފައިވާ އިރު މިހާތަނަށް މުއްދަތު އިތުރުކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ހަ ރިސޯޓަކީ ރާއްޖޭގެ ކުންފުނިތަކުން ހިންގަމުން އަންނަ ރިސޯޓްތައް ކަމަށެވެ.
މުއްދަތު އިތުރުކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ހަ ރިސޯޓަކީ ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑާއި މީރު އައިލެންޑް ރިޒޯޓާއި ވެލިގަނޑު އައިލެންޑް ރިޒޯޓާއި ރިހި ވެލި ބީޗް ރިޒޯޓާއި ވިލަމެންދޫ އައިލެންޑް ރިސޯޓް އަދި މިރިހި އައިލެންޑް ރިސޯޓް ކަމަށް އެމިނިސްޓްރީން ބުންޏެވެ.
ފަސީހް ވިދާޅުވީ ޓޫރިޒަމްގެ ޤާނޫނު ނަމްބަރު 99/2 އަށް ދެވަނަ އިސްލާހް ގެނައުމުގެ ކުރިން އޮންނަ ޤާނޫނުގެ ދަށުން އެންމެ ގިނަ ވެގެން ރިސޯޓެއްގެ މުއްދަތު އިތުރުކޮށްދެވެނީ 35 އަހަރު ކަމަށާއި މުއްދަތް އިތުރުކޮށްދިނުމުގައި އޭރު ބަލަނީ އިންވެސްޓްމަންޓަށް ކަމަށެވެ.
"ކުރިން އޮންނަ ގޮތުން ނަމަ 10 މިލިއަން ރުފިޔާގެ އިންވެސްޓް މަންޓެއް ނުވަތަ އެއަށްވުރެ ބޮޑު އިންވެސްޓްމަންޓެއް ނަމަ އެކަން ވެރިފައި ކުރުމަށް ފަހު 25 އަހަރަށް ފީ އަކާ ނުލައި މުއްދަތު އިތުރުކޮށްދެނީ،" ފަސީހް ވިދާޅުވި އެވެ.
ނަމަވެސް މިދިޔަ މަހުގެ 8 ވަނަ ދުވަހު އަމަލު ކުރަން ފަށާފައިވާ ދިވެހި ރާއްޖޭގެ ޓޫރިޒަމްގެ ޤާނޫނަށް ދެ ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުން ރިސޯޓްތައް ކުއްޔަށް ދިނުމަށް ފީ ނެގުމާ ބެހޭ ގަވާއިދުގެ ދަށުން އިތުރުކޮށްދިނުމަށް އެދިފައިވާ މުއްދަތުގެ ކޮންމެ އަހަރަކަށް އެއްލައްކަ އެމެރިކާ ޑޮލަރު ދައްކަން ޖެހޭނެ ކަމަށާއި އަދި އެފައިސާ ދައްކަން ޖެހޭނީ އެއްފަހަރާ ކަމަށްވެސް ފަސީހް ވިދާޅުވި އެވެ.
"މިހާރު ހުށަހަޅާފައިވާ ރިސޯޓްތަކުގެ ތެރެއިން 35 އަހަރަށް ކުއްޔަށް ދީފައިވާ ރިސޯޓެއް ނަމަ 50 އަހަރަށް މުއްދަތު އިތުރުކޮށްދިނުމަށް އެދި ހުށަހަޅާ ފަރާތަކަށް މުއްދަތު އިތުރުކޮށްދެވޭނީ އިތުރު ކޮށްދިނުމަށް އެދި ހުށަހަޅާފައިވާ 15 އަހަރަށް 1.5 މިލިއަން އެމެރިކާ ޑޮލަރު ދެއްކުމުން." ކަމަށް ފަސީހް ވިދާޅުވި އެވެ.
ފަސީހް ވިދާޅުވީ މުއްދަތު އިތުރުކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ހަ ރިސޯޓާއެކު އަދި އެއްވެސް އެގްރީމަންޓެއް ކުރެވިފައިނުވާ ކަމަށާއި ނަމަވެސް ރިސޯޓްތައް ކުއްޔަށް ދީފައިވާ މުއްދަތު އިތުރުކުރުމަށް ފީ ނެގުމާ ބެހޭ ގައިވާދުގެ ދަށުން އެކަންތައްތައް ކުރިއަށްދާނެ ކަމަށެވެ.