ސިޔާސީ ޕާޓީތަކުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމާ އެކު 10،000 މެންބަރުން ހަމަ ވަނީ ފަސް ޕާޓީ ކަމަށް ކަނޑައަޅައި ދެން ހުރި ޕާޓީތައް އުވާލައިފި އެވެ.

އިލެކްޝަންސްގެ ދަފުތަރުގައިވާ ގޮތުން، ރަޖިސްޓްރީވެފައިވާ ޕާޓީތަކަކީ، އެމްޑީޕީ، ޑީއާރުޕީ، އަދާލަތު ޕާޓީ، ޖުމްހޫރީ ޕާޓީ އަދި ޕީޕީއެމް އެވެ.

ސިޔާސީ ޕާޓީތަކުގެ ބިލް ރައީސް ތަސްދީގު ކުރެއްވުމުގެ ކުރިން އިލެކްޝަންސް ކޮމިޝަނަށް 10،000 މެންބަރުންގެ ނަން ހުށަހަޅާފައިވީ ނަމަވެސް އެމްޑީއޭގެ ނަން ވެސް ވަނީ އިލެކްޝަންސްގެ ދަފުތަރުން އުނިކޮށްފަ އެވެ.

ގާނޫނު ތަސްދީގު ކުރުމުގެ ކުރިން އެމްޑީއޭ އިން ވަނީ 10،000 އަށް ވުރެ ގިނަ ފޯމް އިލެކްޝަންސް ކޮމިޝަނަށް ވައްދާފައި ނޫންތޯ އާއި ފޯމްތައް ޕްރޮސެސް ކުރުމަކީ އިލެކްޝަންސްގެ ކަމެއް ނޫންތޯ ދެންނެވުމުން އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް ފަޔާސް ހަސަން ވިދާޅުވީ އެއީ ގާނޫނު އޮތް ގޮތް ކަމަށެވެ. އަދި ހައްގެއް ގެއްލިއްޖެ ނަމަ އެ ހައްގު ހޯދުމަށް ކޯޓަށް ދިއުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި، 9800 މެންބަރުންގެ ފޯމް ހުށަޅާފައިވާ، ރައީސް ޑރ. މުހައްމަދު ވަހީދުގެ ގައުމީ އިއްތިހާދު ޕާޓީ ވެސް މިއަދު ވަނީ އިލެކްޝަންސްގެ ދަފުތަރުން އުނިކޮށްފަ އެވެ. ނަމަވެސް ގައުމީ އިއްތިހާދުން ބުނީ، ޕާޓީތަކުގެ ބިލް ރައީސް ތަސްދީގު ކުރެއްވުމުގެ ކުރިން އެ ޕާޓީން އިލެކްޝަންސް ކޮމިޝަނަށް 11664 ފޯމް ހުށަހަޅާފައިވާނެ ކަމަށެވެ. އެއީ ފުރަތަމަ ޕާޓީގެ ރަޖިސްޓްރީގައި އޮތް 3929 މެންބަރުންގެ އިތުރުން 7736 ފޯމް ކަމަށެވެ.

ރާއްޖޭގައި ރަޖިސްޓްރީކޮށްފައި އޮތް 16 ސިޔާސީ ޕާޓީގެ ތެރެއިން ފަސް ޕާޓީ ފިޔަވައި އެހެން ހުރިހާ ޕާޓީތައް އުވުނީ ކަމަށް ކަނޑައަޅައި އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ އިއުލާނެއް ވެސް ނެރެފަ އެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ގައުމީ އިއްތިހާދު ޕާޓީގައި މިއަދު މެންދުރުފަހާ ހަމަޔަށް ހުށަހަޅާފައިވާ ފޯމްތަކުގެ އަދަދަކީ ގާތްގަނޑަކަށް 9800 މެންބާޝިޕް ފޯމް ކަމަށެވެ. އަދި އެމްޑީއޭ އިން ހުށަހަޅާފައި ވަނީ ގާތްގަނޑަކަށް 11،000 ފޯމް ކަމަށާއި ނަމަވެސް އެ ޕާޓީން ހުށަހަޅާފައިވާ ސައްހަ ފޯމްގެ އަދަދު އެނގިގެންދާނީ އެ ފޯމްތައް ޕްރޮސެސް ކުރުމަށްފަހުގައި ކަމަށެވެ.

"އަޅުގަނޑުމެން ސިޔާސީ ޕާޓީތަކުގެ ބިލް މަޖިލީހުން ދެ ވަނަ ފަހަރަށް ފާސް ކުރުމުން ބިލް އެއްކޮޅުން އަނެއް ކޮޅަށް ކިޔާލި އިރު އަޅުގަނޑުމެން ގަބޫލު ކުރަނީ ރައްޔިތުންގެ މަޖިލީހުން ބިލް ދެވަނަ ފަހަރަށް ފާސް ކުރުމުން 10،000 މެންބަރުން ހަމަނުވާ ޕާޓީތައް އުވޭނެ ކަމަށް. އަޅުގަނޑުމެން ގަބޫލު ކުރަނީ ދެމި އޮންނާނީ 10،000 މެންބަރުން ހަމަވެފައިވާ ޕާޓީތައް ކަމަށް،" ފުއާދު ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުގެ ދަފުތަރުން ގައުމީ އިއްތިހާދު ޕާޓީގެ ޕާޓީގެ ނަން އުނިކުރުމުން އެ ޕާޓީން ކުރިއަށް އޮތް ތަނުގައި އަމަލުކުރާނެ ގޮތަކީ ކޮބައިތޯ ސާފު ކުރުމަށް އެ ޕާޓީ އަށް ގުޅި އިރު ފޯނަށް ޖަވާބު ނުދެއްވާތީ އެ ފަރާތުގެ ކޮމެންޓެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ. އެމްޑީއޭގެ ފަރާތުން ވިދާޅުވީ މި މައްސަލައިގައި ކުރިޔަށް ދެން ދާނެ ގޮތެއް ވަރަށް އަވަހަށް ނިންމަވާނެ ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން އެމްޑީއޭ އިން ވައްދާފައި ހުރީ 11000 ފޯމު ކަމަށް ވިދާޅުވި ނަމަވެސް 12000 އަށް ވުރެ ގިނަ ފޯމު އިލްކެޝަންސް އަށް ހުށަހަޅާފައި ވާނެ ކަމަށް އެމްޑީއޭގެ އޮފިޝަލް ވިދާޅުވި އެވެ. އަދި މީގެ ތެރެއިން 11000 އާއި ގާތް ކުރާ އަދަދެއްގެ ފޯމު ތައް ހުށަހެޅީ ދެވަނަ ފަހަރަށް ބިލު ފާސް ކުރުމުގެ ވެސް ކުރިން ކަމަށް އޭނާ ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުގެ ތަފްތަރުން ފަސް ސިޔާސީ ޕާޓީ ފިޔަވައި އުވާލި ސިޔާސީ ޕާޓީތަކަކީ އައިޑީޕީއާއި އެސްއެލްޕީއާއި ޕީޕަލްސް ޕާޓީ އާއި އާއި އެމްއެންސީ އާއި ޕީއޭއާއި ގައުމީ އިއްތިހާދު ޕާޓީ އާއި އެމްއެލްޕީ އާއި ޑީކިއުޕީ އާއި އެމްއާރްއެމްގެ އިތުރުން އެމްޑީއޭ އެވެ.

ސިޔާސީ ޕާޓީތަކުގެ ބިލާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ބިލްގައި މައްސަލަތަކެއް ހުރި ކަމަށް ވިދާޅުވެ ދައުލަތުގެ ބަންޑާރަ ނައިބު ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ވައްދައިފަ އެވެ.