12 Mar 2013, 15:31
ސުޕިރިއާ ކޯޓުތައް ހިންގުމަށް އިމާރަތްކުރުމަށް ނިންމާފައިވާ 14 ބުރީގެ އިމާރަތުގެ ކުރެހުން ފަރުމާ ކުރުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.
ޖުޑީޝަރީގެ މީޑިއާ ޔުނިޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ 14 ބުރީގެ އިމާރާތުގެ ކުރެހުން ފަރުމާ ކުރުމަށް 470،000ރ. އަށް ހަވާލުކޮށްފައި ވަނީ ރިޔާން ޕްރައިވެޓް ލިމިޓެޑާ ކަމަށެވެ. އަދި އެ މަސައްކަތް ހަވާލުކޮށްފައި ވަނީ 62 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ މަސައްކަތް ހަވާލުކުރުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޑިޕާޓްމަންޓްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް އިބްރާހީމް ވަހީދު އަލީ އެވެ. އަދި ރިޔާން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އިބްރާހީމް ހަމީޒް އެވެ.
ސާދަ ބުރީގެ އިމާރާތުގެ ކުރެހުން ފަރުމާ ކުރާނެ ފަރާތެއް ހޯދުމަށް ތިން ފަހަރެއްގެ މަތިން ޑިޕާޓްމަންޓުން ވަނީ އިއުލާންކޮށްފަ އެވެ. އެންމެ ފަހުން އެކަމަށް ކުރި އިއުލާނާ ގުޅިގެން ހަތަރު ފަރާތަކުން އެސްޓިމޭޓް ހުށަހެޅި އެވެ. އެ ހަތަރު ފަރާތުގެ ތެރެއިން އެންމެ މަތީ މާކްސް ހޯދާފައި ވަނީ ރިޔާން ޕްރައިވެޓް ލިމިޓެޑް ކަމަށް ޖުޑީޝަރީގެ މީޑިއާ ޔުނިޓުން ބުންޏެވެ.
ސުޕީރިއާ ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން އަޅަން ހަމަޖެހިފައިވާ އެ އިމާރާތް ކުރުމަށް ހަމަޖެހިފައި ވަނީ އާސަހަރާ ކައިރީ އޮންނަ 378 ނަންބަރު ކޮށީގައި ކަމަށެވެ.
އެތަނަކީ އެސްޓީއޯގެ ގުދަނެއްގެ ގޮތުގައި މިހާރު ބޭނުންކުރަމުން އަންނަ ތަނެކެވެ.
އެ އިމާރާތް ނިމުމުން ކްރިމިނަލް ކޯޓާއި ސިވިލް ކޯޓާއި ފެމެލީ ކޯޓުގެ އިތުރުން ޖުވެނައިލް ކޯޓާއި ޑްރަގް ކޯޓު އެ އިމާރާތަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ޖުޑީޝަރީގެ މީޑިއާ ޔުނިޓުން މައުލޫމާތުދެ އެވެ.