12 Mar 2013, 15:22
އޭއެފްސީ ކަޕްގެ ގުރޫޕް އެފްގައި އިންޑޮނީޝިއާގެ ޕާސިބޯއާ ދޮޅަށް ރާއްޖޭގެ ނިއުރޭޑިއަންޓް މިއަދު ކުޅުނު މެޗް 7-0 ލަނޑުން ނިއު ކާމިޔާބު ކޮށްފި އެވެ.
ޕާސިބޯގެ ބްރޭވިޖާޔާ ސްޓޭޑިއަމުގައި ކުޅުނު އެ މެޗުގެ ފުރަތަމަ ލަނޑު ނިއުއިން ޖަހާ މެޗުގެ ލިޑް ފުރަތަމަ ހާފުގެ 10 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މުހައްމަދު އުމައިރެވެ. އެލަނޑު އުމައިރު ކާމިޔާބު ކުރީ ނިއުގެ ހުނަރުވެރި ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ދިން ރީތި ފާހަކުންނެވެ.
ޕާސިބޯ ކޮޅަށް ނިއުއިން މިއަދު ޖެހި އެޓީމުގެ ދެ ވަނަ ލަނޑު މެޗުގެ 31 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އަލީ އަޝްފާގް (ދަނގަޑޭ) އެވެ. އޭނާ އެލަނޑު ލަނޑު ޖެހީ ޕާސިބޯގެ ދެ ކުޅުންތެރިން ކައިރިން ނައްޓައި ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ އެވެ.
ދެ ލަނޑުގެ ލީޑަކާއެކު މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިއުއިން ނިއްމާލިއިރު، ދެ ވަނަ ހާފުގައި ނިއުއިން ވަނީ އިންޑޮނީޝިއާގެ ޕާސިބޯ ކޮޅަށް ފަސް ގޯލް ޖަހާފައެވެ.
ނިއުގެ ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ އެމެޗުގެ ތިން ވަނަ ލަނޑު ޕާސިބޯކޮޅަށް މެޗުގެ ދެ ވަނަ ހާފުގެ 50 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ވެސް އަލީ އަޝްފާގް (ދަނގަޑޭ) އެވެ. އެލަނޑު ދަނގަޑޭ ޖެހީ އަލީ ފާސިރު ސެންޓޭ ދިން ފާހަކުންނެވެ. އަދި މިއަދުގެ މެޗުގައި ދަނގަޑޭގެ ހެޓްރިކް ހެދި ލަނޑު އޭނާ ކާމިޔާބު ކުރީ 57 ވަނަ މިނެޓުގައި ލިބުނު ފުރީ ކިކަކުންނެވެ.
މިއަދުގެ މެޗުގައި ނިއުގެ ފަސް ވަނަ ލަނޑު މެޗުގެ 67 ވަނަ މިނެޓުގައި އަލީ އުމަރު ކާމިޔާބު ކޮށްދިން އިރު ހަ ވަނަ ލަނޑު ނިއުއަށް ކާމިޔާބު ކޮށްދިނީ އަލީ އަޝްފާގް (ދަނގަޑޭ) އެވެ. އަދި ނިއު ހަތް ވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށް ދިނީ ވެސް ދަނގަޑޭ އެވެ.
މިގުރޫޕްގައި ނިއުއިން މާލޭގައި ކުޅުނު ފުރަތަމަ މެޗުން ވަނީ ހޮންކޮންގުގެ ސަންރޭ ކޭވް ޖޭސީ ސަންހައި ޓީމް އަތުން 1-0 މޮޅުވެފަ އެވެ. އެމެޗުގެ ހަމައެކަނި ލަނޑު މެޗުގެ ދެ ވަނަ ހާފުގެ 67 ވަނަ މިނެޓުގައި ނިއުއަށް ކާމިޔާބު ކޮށްދިނީ މުހައްމަދު އުމެއިރެވެ.
މިފަހަރުގެ އޭފްސީ ކަޕުގައި ނިއު ވާދަކުރާ ގްރޫޕް އެފްގައި ހިމެނެނީ މިޔަންމާގެ ޔަންގޮން ޔުނައިޓެޑް އާއި އިންޑޮނީޝިއާގެ ޕަރްސީބޯގެ އިތުރުން ހޮންކޮންގެ ސަންހާއީ އެވެ.
އޭއެފްސީ ކަޕްގައި ރާއްޖޭން ދެން ވާދަކުރަނީ މާޒިޔާ އެވެ. މުބާރާތުގައި މާޒިޔާ ރަށުން ބޭރުގައި ކުޅުނު ފުރަތަމަ މެޗުގައި މެލޭޝިއާގެ ކެލަންޓަންއާ ބައްދަލުކޮށް މެޗް ނިމުނީ 1-1 ލަނޑުން ދެޓީމް އެއްވަރު ވެގެންނެވެ. މިމުބާރާތުގައި ފުރަތަމަ ފަހަރަށް ވާދަކުރާ މާޒިޔާ ހިމެނެނީ ގްރޫޕް ޖީ ފަލީގަ އެވެ. އެ ފަޅީގައި ހިމެނޭ ޓީމްތަކަކީ މެލޭޝިޔާގެ ކެލަންޓަން އާއި މިޔަންމާގެ އަޔޭޔަވަދޭ އާއި ވިއެޓްނާމްގެ އެސްއެޗްބީ ޑަ ނަންގު އެވެ. އަދި ގްރޫޕްގައި މާޒިޔާ ކުޅޭ ދެ ވަނަ މެޗުގައި މާދަމާ އަމިއްލަ ދަނޑުގައި ނުކުންނާނީ ވިއެޓްނާމްގެ ޑެނާގްއާ ދެކޮޅަށެވެ.
ގްރޫޕް ސްޓޭޖުގައި 32 ޓީމު ވާދަކުރާ މިމުބާރާތުގެ ގުރޫޕުތައް ބަހާލާފައި ވަނީ ދެ ބަޔަކަށެވެ. އެއީ ގްރޫޕް އޭ، ބީ، ސީ އަދި ޑީ ހިމެނޭ ހުޅަނގު އޭޝިޔާ ފަޅި އާއި ގްރޫޕް އީ، އެފް، ޖީ އަދި އެޗް ހިމެނޭ އިރުމަތީ އޭޝިޔާގެ ފަޅި އެވެ.
އެންމެ ފަހުން ބޭއްވި އޭއެފްސީ ކަޕްގައި ރާއްޖެ އިން ވާދަކުރީ ވީބީ އައްޑޫ އެފްސީ އާއި ވިކްޓަރީ ސްޕޯޓްސް ކުލަބެވެ. އެ މުބާރާތުގެ ޗެމްޕިއަނުންނަކީ ކުވެއިތުގެ ކުވެއިތު ސްޕޯޓްސް ކުލަބެވެ.