އޭފްއެފްސީ ކަޕްގައި މާދަމާ ހަވީރު އަމިއްލަ ދަނޑުގައި އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ވިއެޓްނާމްގެ އެސްއެޗްބީ ޑަ ނަންގާ ދެކޮޅަށް ކުޅޭ މެޗުގައި ރަނގަޅު ނަތީޖާއެއް ނެރެވޭނޭ ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗް އިސްމާއީލް މަހެފޫޒް (އިންމަ) ބުނެފި އެވެ.

މާޒިޔާގެ ކޯޗު ބުނީ އެ ޓީމު އޭއެފްސީކަޕްގައި ވާދަކުރާ ގްރޫޕް ޖީގައި ހިމެނޭ އެންމެ ވަރުގަދަ ޓީމަކީ ވިއެޓްނާމްގެ ޓީމު ކަމުގައި ވިޔަސް އަމިއްލަ ދަނޑުގައި އިދިކޮޅު ޓީމާ ދޭތެރޭގައި ސަމާލުވެގެން ކުޅެފި ނަމަ ރަނގަޅު ކާމިޔާބެއް ހޯދޭނޭ ކަމަށެވެ.

"އަޅުގަނޑު ބުނާނީ ވިއެޓްނާމް ޓީމަކީ މިބުރުގައި ވާދަކުރަން ޖެހޭ އެންމެ ވަރުގަދަ ޓީމޭ. އަޅުގަނޑުމެން ވަރަށް ވިސްނަން ޖެހޭނެ މި ޓީމާ އިދިކޮޅަށް މާދަމާ ނިކުންނަ އިރު. އެގޮތުން އެމީހުންގެ އަވޭގައި ކުޅެން ޖެހުނަސް އެމީހުންގެ ސްކޯތައް ބަލާފައި އަޅުގަނޑުމެން ވިސްނަންޖެހޭ ވަރަށް ބައިވަރު ކަންތައްތަކެއް އެބަހުރި. ހާއްސަކޮށް އެމީހުންގެ ބޭރު ޕްލޭޔަރުން. އެހެން ނަމަވެސް އަޅުގަނޑު ބުނާނީ އަޅުގަނޑުމެންގެ އަމިއްލަ ދަނޑުގައި އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެގެން މި ޓީމު ކިތަންމެ ވަރުގަދަވިޔަސް ރަނގަޅު ނަތީޖާއެއް އަޅުގަނޑުމެންނަށް ނެރެވޭނޭ ކަމުގެ ވަރަށްބޮޑު އުއްމީދެއް އެބައޮތް،" އިންމަ ބުންޏެވެ.

އޭގެ އިތުރުން އިންމަ ބުނީ އެ ޓީމު މި މުބާރަތުގައި ފުރަތަމަ ކުޅުނު މެޗުން މެލޭޝިޔާގެ ކެލަންޓަންއާ ދެކޮޅަށް ކުޅެ ރަށުން ބޭރުގައި އެއްވަރުކޮށް ޕޮއިންޓެއް ލިބުމަކީ މާޒިޔާއަށް ލިބިގެންދިޔަ އިތުރު ހިތްވަރެއް ކަމަށެވެ. އެހެން ކަމުން މާދަމާގެ މެޗުގައި ވެސް މާޒިޔާ ނުކުންނާނީ ހަމަ މޮޅުވުމުގެ ވިސްނުމުގައި އިދިކޮޅުޓީމަކީ ވަރުގަދަ ޓީމެއްގެ ގޮތުގައި ދެކިގެން ރަނގަޅު ރައްދެއްދީ އިދިކޮޅު ޓީމުގެ ކިބައިން މޮޅުވެގެން ދަނޑުން ފޭބުމުގެ އުއްމީދުގައި ކަމަށެވެ.

އިންމަ ފާހަގަ ކުރިގޮތުގައި މެލޭޝިޔާގައި ކުޅުނު މެޗުގައި އެޓީމަށް އެންމެ ބޮޑު ޕްރެޝަރެއް ކުރިމަތިވީ ދަނޑަށް ވަދެތިބި އިދިކޮޅުޓީމުގެ އެތައް ހާސް ސަޕޯޓަރުންގެ ކިބައިން ނެވެ. އެހެންކަމުން މާދަމާގެ މެޗުގައި މާޒިޔާއަށް ސަޕޯޓުކުރުމަށް ދިވެހި ގިނައަދަދެއްގެ ސަޕޯޓަރުން ދަނޑަށް ވަނުމަކީ އެޓީމަށް ލިބިގެންދާނޭ އިތުރު ހިތްވަރެއް ކަމަށާއި އެގޮތުން 30،000 ސަޕޯޓަރުން ދަނޑަށް ނުވަނަސް ގިނައަދައްގެ ދިވެހި ސަޕޯޓަރުން ދަނޑަށް ވަނުމަކީ މާޒިޔާގެ ވަރަށް ބޮޑު އެދުމެއްކަން އިންމަ ފާހަގަ ކުރި އެވެ.

އޭއެފްސީ ކަޕް 2013ގެ ގްރޫޕް ޖީގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާއި އެސްއެޗްބީ ޑަ ނަންގް ވާދަކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ ގަލޮޅު ދަނޑުގައި މާދަމާ ހަވީރު 4:00ގަ އެވެ. އެމެޗުގެ ކުޅިބަލަން ދަނޑަށް ވަނުމުގެ ޓިކެޓްގެ އަގު އުޅެނީ ގޮނޑިބަރިން 30 ރުފިޔާ އަދި ސިޑިބަރިން 10 ރުފިޔާ އަށެވެ. އެ މެޗުގެ ޓިކެޓް މިއަދު ވަނީ ގަލޮޅު ދަނޑުން ވިއްކަން ފަށާފަ އެވެ.