ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނޫގައި ގާނޫނީގޮތުން ބޮޑެތި މައްސަލަތަކެއް ހުރިކަމަށް ފެންނާތީ ބަންޑާރަ ނާއިބްގެ އޮފީހުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

ބަންޑާރަ ނާއިބް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު އެ ދެ ބިލް ތަސްދީގު ކުރެއްވިފަހުން ކަމަށެވެ.

އޭނާ ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި އެގާނޫނަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 10،000 މެންބަރުން ހަމަނުވާ ޕާޓީތައް އުވޭނެކަމަށް ކަނޑައަޅާފައިވާއިރު، ޕާޓީތަކުން އެކިފަރާތްތަކާ އެކު ކޮށްފައިވާ ގާނޫނީ މުއާމަލާތްތަކާ މެދު އަމަލުކުރަން ޖެހޭ އިންތިގާލީ އުސޫލުތަކެއް ހިމަނާފައި ނުވާ ކަމަށެވެ. އެހެންކަމުން އޭގެ ސަބަބުން ގާނޫނީގޮތުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އިމްތިޔާޒުގެ ގާނޫނާ ގުޅޭގޮތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ އެ ގާނޫނުގެ ހަތަރު މާއްދާ އެއް ގާނޫނު އަސާސީއާ ޚިލާފުކަމަށް ކަނޑައަޅައި ދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އިމްތިޔާޒުގެ ގާނޫނުގެ 11 ވަނަ މާއްދާ އާއި 16 ވަނަ މާއްދާ އާ ބެހޭގޮތުން ފުލުހުންގެ ފަރާތުން ކަންބޮޑުވުންތަކެއް ފާޅުކޮށްފައިވާއިރު 17 ވަނަ މާއްދާ އާ 18 ވަނަ މާއްދާ އާ ގުޅޭގޮތުން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލުން ކަންބޮޑުވުންތަކެއް ފާޅުކޮށްފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވެފައި ވަނީ އިމްތިޔާޒުގެ ގާނޫނަށް އަމަލު ކުރަންފެށުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ކިތަންމެ ބޮޑު ޖިނާއީ ކުށެއް ކުރިޔަސް އެ މެންބަރަކު ހައްޔަރުކޮށްގެން ތަހުގީގު ނުކުރެވޭނެ ކަމަށެވެ.

އެމްޖޭއޭ އިން ބުނެފައި ވަނީ އިމްތިޔާޒުގެ ބިލުގެ 17 ވަނަ މާއްދާގެ (ހ) ގައި ނޫސްވެރިން އިސްތިސްނާ ކުރުމެއް ނެތި، ހަމަ ކޮންމެ މީހަކީ ވެސް ރައްޔިތުންގެ މަޖިލީހަށާއި މަޖިލީހުގެ ކޮމެޓީތަކަށް ހާޒިރުކޮށް ހެކިބަސް ހޯދުމަށާއި އެ މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ހުށަހަޅަން އެންގިދާނެ މީހެއް ކަމަށް ބުނުމަކީ ނޫސްވެރިކަމަށް ގާނޫނު އަސާސީން ދީފައިވާ ސޭފްގާޑްތައް ނައްތާލުން ކަމަށެވެ.