މި އަހަރުގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، ގައުމީ އިނާމާ ބެހޭ ކޮމިޓީން މިއަދު ހުޅުއްވާލައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ ގައުމީ އިނާމަށް އެދި ހުށަހަޅާ ފޯމްތައް ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މެއި މަހުގެ 12 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފައިވާ ކަމަށެވެ. އަދި މިފަހަރު އިނާމު ދިނުމުގައި އިނާމު ދޭ ދާއިރާތަކަށާއި ރޮނގުތަކުން އިނާމު ދިނުގައި މިހާތަނަށް ބަލަމުން ގެންދިޔަ ކަންކަމަށް އެއްވެސް ބަދަލެއް ގައުމީ އިނާމާ ބެހޭ ކޮމިޓީން ގެނެސްފައެއް ނުވެ އެވެ.

ގައުމީ އިނާމު ދެމުން ގެންދިޔަ އުސޫލަށް މި ފަހަރު އެއްވެސް ބަދަލެއް ގެނެސްފައި ނުވަނީ އިނާމު ދިނުމުގެ އުސޫލުތަކަށާއި ކަންކަމަށް މިދިޔަ އަހަރު މުހިންމު ބަދަލުތަކެއް ގެންނަވާފައިވުމާ އެކު އެ ބަދަލުތަކުން ލިބުނު ތަޖުރިބާތަކަށް ބަލާ އިރު މިއަހަރު އިތުރު ބަދަލެއް ގެންނަން ޖެހޭ ނުފެންނާތީ ކަމަށާއި ނަމަވެސް އިނާމަށް އެދި ހުށަހަޅާ ފޯމަށް ބައެއް ބަދަލުވަނީ ގެނެސްފައިވާ ކަމަށް ވެސް ގައުމި އިނާމާ ބެހޭ ކޮމިޓީން ބުންޏެވެ.

ކުރީ އަހަރުތަކެކޭ އެއްގޮތަށް މި އަހަރު ވެސް ސަރުކާރުގެ އިދާރާތަކުންނާއި މިނިވަން މުއައްސަސާތަކުން ގައުމީ އިނާމަށް ނަން ހުށަހެޅޭ ގޮތަށް ވަނީ ހަމަޖައްސަވާފަ އެވެ. އަދި ގައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި ގައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުންނާއި ކުންފުނި ޖަމްއިއްޔާ ޖަމާއަތް ފަދަ ތަންތަނުން ވެސް ސަރުކާރުގެ އިދާރާއެއް މެދުވެރި ނުކޮށް ނަން ހުށަހެޅޭ ގޮތަށް ވަނީ ހަމަޖައްސަވާފަ އެވެ.

ގައުމީ އިނާމަށް ވަކިވަކި ފަރުދުންގެ ނަން ހުށަހެޅުމަށް ހަމަޖައްސާފައި ވަނީ އެކަމަށް ކަނޑައެޅިފައިވާ ފޯމުގަ އެވެ. އަދި ކުންފުނި ޖަމްއިއްޔާ ޖަމާއަތް ފަދަ ތަންތަން ގައުމީ އިނާމަށް ހުށަހެޅުމަށް ވެސް ހަމަޖެހިފައި ވަނީ އެކަމަށް ކަނޑައެޅިފައިވާ ފޯމުގަ އެވެ.

ގައުމީ އިނާމާބެހޭ މައުލޫމާތުދީ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ހަބަރުފަތުރާ ވަސީލަތްތައް މެދުވެރިކޮށް ހާއްސަ ޕްރޮގްރާމްތަކެއް މިއަހަރު ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ގައުމީ އިނާމާ ބެހޭ ކޮމިޓީން ބުންޏެވެ.

ގައުމީ އިނާމާ ބެހޭގޮތުން ގައުމީ އިނާމު ކޮމިޓީން ނެރެފައިވާ ބަޔާން ދިވެހި ސަރުކާރުގެ ގެޒެޓްގައި މިއަދު ވަނީ ޝާއިއުކޮށްފަ އެވެ. ގައުމީ އިނާމަށް އެދި ހުށަހަޅާ ފޯމްތައް ފޮނުއްވަންޖެހެނީ "ގައުމީ އިނާމާބެހޭ ކޮމިޓީ" އަށް އެޑްރެސްކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. އަދި "ގައުމީ އިނާމަށް ނަން ހުށަހަޅާ ފޯމް" ރަސްމީ ގަޑީގައި ރައީސް އޮފީހުން ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މިއަހަރުގެ ގައުމީ އިނާމު ދެއްވުމަށް ހަމަޖައްސަވާފައި ވަނީ، މިއަހަރުގެ މިނިވަންދުވަހާ ގުޅިގެންނެވެ.