ސިޔާސީ ޕާޓީތަކުގެ ބިލު މަޖިލީހުން ދެވަނަ ފަހަރަށް ފާސްކުރި ފަހުން 10،000 މެންބަރުން ހަމަކުރުމަށް ގައުމީ އިއްތިހާދު ޕާޓީ އާއި އެމްޑީއޭ އިން ފޯމް ހުށަހަޅާފައި ވާތީ، ގާނޫނީ ގޮތުން އެ ދެ ޕާޓީއަކީ ވެސް އުވިފައިވާ ޕާޓީއެއްތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ އުވޭ ޕާޓީތައް ކަނޑައަޅުމުގައި ދެ ގޮތަކަށް އިލެކްޝަންސްގެ މެންބަރުންގެ ވިސްނުންފުޅު ގެންގުޅުއްވާ ކަމަށެވެ. އެގޮތުން މިދިޔަ އަންގާރަ ދުވަހުގެ މެންދުރު ފަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ތަސްދީގު ކުރަން ލާޒިމްވާ ގޮތަށް ޕާޓީތަކުގެ ބިލް ފާސް ކުރުރުމުގެ ކުރިން 10،000 ހަމަވާ ވަރަށް ފޯމް ހުށަހަޅާފައިވާ ނަމަ އެ ޕާޓީއަކީ ނުއުވޭނެ ޕާޓީއެއް ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް އެ ބިލް މަޖިލީހުން ފާސް ކުރުމަށް ފަހު 10،000 މެންބަރުން ހަމަކުރުމަށް ހުށަހެޅުމަކީ ގާނޫނުގައި ބުނާ ގޮތުން 10،000 ހަމަވީ ކަމަށް ނުބެލެވޭނެ ކަމަށް ވެސް މެންބަރުން ވިސްނުންފުޅު ގެންގުޅުއްވާ ކަމަމަށް ފުއާދު ވިދާޅުވި އެވެ.

މިއަދާ ހަމަޔަށް 10،000 ހަމަވާ ވަރަށް ވެސް ފޯމް ހުށަހަޅާފައި ނުވާ ނުވަ ޕާޓީގެ ތެރޭގައި އެ ދެ ޕާޓީ ހިމެނޭތޯ ބެލުމަށް ބައްދަލުވުމެއް ބާއްވައި، ގޮތެއް ނިންމަވާނެ ކަމަށް ފުއާދު ވިދާޅުވި އެވެ.

ފުއާދު ވިދާޅުވީ ޕާޓީތަކުގެ ބިލް މަޖިލީހުން ދެވަނަ ފަހަރަށް ފާސް ކުރުމުގެ ކުރިން އެމްޑީއޭ އިން 10،000 މެންބަރުން ހަމަ ކުރުމަށް ފޯމްތަކެއް ހުށަހަޅާފައިވާ ކަމަށާއި އެ ފޯމްތައް ގުނާލުމުން 10،000 މެންބަރުން އެ ޕާޓީއަށް ހަމަވާ ކަމަށެވެ. ނަމަވެސް އިތުރަށް ޔަގީން ކުރެވޭނީ ހުރިހާ ފޯމްތަކެއް ވެސް ބަލައި ޗެކް ކުރުމުން ކަމަށެވެ.

ޕާޓީތަކުގެ ގާނޫނު ތަސްދީގުވުމާ އެކު 10،000 މެންބަރުން ހަމަނުވާ ޕާޓީތައް އުވުނީ ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ. އެހެންކަމުން 10،000 ހަމަވާ މެންބަރުނަށް ވުރެ ގިނައިން މެންބަރުން ތިބީ އެމްޑީޕީ އާއި ޕީޕީއެމް އާއި ޑީއާރްޕީ އާއި ޖުމްހޫރީ ޕާޓީގެ އިތުރުން އަދާލަތު ޕާޓީ އެވެ. ދިހަހާސް މެންބަރުން ހަމަވާވަރަށް އިލެކްޝަންސްއަށް ފޯމް ހުށަހަޅާފައި ވަނީ އެމްޑީއޭއާއި ގައުމީ އިއްތިހާދު ޕާޓީ އެވެ.

ގައުމީ އިއްތިހާދު ޕާޓީއާ ގުޅޭ ގޮތުން ފުއާދު ވިދާޅުވީ އެ ޕާޓީން 10000 މެންބަރުން ހަމަކުރުމަށް ހުށަހެޅި ހުރިހާ ފޯމްތަކެއް ވެސް ހުށަހަޅާފައި ވަނީ ރައްޔިތުންގެ މަޖިލީހުން ދެވަނަ ފަހަރަށް އެ ބިލް ފާސް ކުރުމަށްފަހުގައި ކަމަށެވެ.

ޕާޓީތަކުގެ ގާނޫނު ތަސްދީގު ކުރުމާއެކު ރާއްޖޭގައި މިހާރު އޮތް 16 ޕާޓީތަކުގެ ތެރެއިން ނުވަ ޕާޓީއެއް އުވުނީ އެވެ.