ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ އެފްއޭއެމް އެވޯޑްސް 2012ގެ އިވެންޓް އޯގަނައިޒަރަކަށް ވޭތުވެ ދިޔަ ދެއަހަރެކޭ އެއްގޮތަށް މިފަހަރުވެސް "ތިންކް އެޑްވަޓައިޒިން" ހަމަޖައްސައިފި އެވެ.

މިމަހުގެ 28 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާއިންދޭ ފުޓްބޯޅައިގެ އެންމެ ޝަރަފްވެރި އިނާމްތައް ދިނުމަށް ބާއްވާ އެފްއޭއެމް އެވޯޑްސް 2012ގެ އިވެންޓް އޯގަނައިޒަރަކަށް ތިންކު ހަމަޖެއްސި އިރު ތިންކުގެ ފަރާތުން އިވެންޓްގެ މެއިން ސްޕޮންސަރަކަށް ހަމަޖައްސާފައިވަނީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އެވެ.

މިއަދު ނަސަންދުރަ ޕެލަސް ހޮޓެލްގައި ބޭއްވި "އެފްއޭއެމް އެވޯޑްސް 2012 ސައިނިން ސެރަމަނީ"ގައި އެފްއޭއެމްގެ ފަރާތުން ތިންކާ އެކުވި އެއްބަސް ވުމުގައި ސޮއިކުރެއްވީ އެ އިދާރާގެ ރައީސް އިލްހާމް އަހްމަދު އެވެ. އަދި "ތިންކް"ގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދީލް އިސްމާއީލް އެވެ. މީގެ އިތުރުން ތިންކާ އެކު ވެވުނު އެއްބަސް ވުމުގައި އެސްޓީއޯގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރު ސޭލްސް އެންޑް މާކެޓިން އާދަމް އާޒިމް އެވެ.

ސްޕޮންސަރުންނާ އެކު ސޮއިކުރުމަށް މިއަދު ނަސަންދުރައިގަ ބޭއްވި ހަފްލާގައި ތިންކު އެޑްވަޓައިޒިންގެ ފަރާތުން ވަނީ އެސްޓީއޯގެ އިތުރުން އެވޯޑްސްގެ އޮފިޝަލް ފޮޓޯގްރަފީ ޕާޓްނަރަކަށް ޑިޖިޓަލް ސްޓޫޑިއޯ ހަމަޖައްސާފަ އެވެ. އަދި ޕްރިންޓިން ޕާޓްނަރަކަށް ދި ޕްރިންޓް ހަމަޖައްސާފައި ވާއިރު ސައުންޑް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ހަބް އެވެ.

އިވެންޓަށް ދާނޭ ހަރަދުތަކާ ބެހޭގޮތުން އިވެންޓް އޯގަނައިޒާ "ތިންކް އެޑްވަޓައިޒިން"ގެ ސީއީއޯ އަދީލް އިސްމާއީލް ވިދާޅުވީ ގާތްގަނޑަކަށް 250 ހާސް ނުވަތަ ތިންލައްކަ ވަރަކަށް ރުފިޔާ މިވަރުގެ އިވެންޓެއް އިންތިޒާމްކުރުމަށް ހަރަދުވެގެން ދާނޭ ކަމަށެވެ. އެހެން ކަމުން އިވެންޓަށްދާ ހަރަދު ސަލާމަތްކުރުމުގެ ގޮތުން އެސްޓީއޯ މެއިން ސްޕޮންސަރަކަށް ހަމަޖެއްސީ ކަމަށެވެ.

އެސްޓީއޯގެ ޖެނެރަލް މެނޭޖަރު ސޭލްސް އެންޑް މާކެޓިން އާދަމް އާޒިމް ވިދާޅުވީ އެކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް އެކުންފުނިން އަބަދުވެސް ހޭދަތަކެއް ކުރަށްވާނޭ ކަމަށާއި މިފަހަރުގެ އެއްބަސް ވުމުގެ ދަށުން އެކުންފުނިން އިޝްތިހާރު ކުރުމަށް ހަމަޖެހިފައިވަނީ އެކުންފުނިން ރާއްޖެ އެތެރެކޮށް ވިއްކާ ޖަރުމަނު ވިލާތުގެ މަޝްހޫރު މަރުކާއެއް ކަމަށްވާ "ކްރޫގާ" މަރުކާގެ ރަހަމީރު ކޮފީ ކަމަށެވެ.