ފުޓްބޯޅަ އެސޯސިއޭޝަނުން ކޮންމެ އަހަރަކުވެސް ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް ވާދަކުރާ ފަސްކުޅުންތެރިންގެ ނަންތައް އިއުލާނު ކޮށްފިއެވެ.

އެފްއޭއެމް އިންހޮވާ ވޭތުވެ ދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ އެންމެ މޮޅު ފަސްކުޅުންތެރިންގެ ތެރޭގައި ހިމެނެނީ، މަޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ޖާޒީ ނަންބަރު 12، އަހްމަދު ރަޝީދު އާއި، ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބުގެ ޖާޒީ ނަންބަރު 7، އަލީ އަޝްފާގު (ދަގަނޑޭ) އާއި މާޒިޔާގެ ޖާޒީ ނަންބަރު 32، އަސަދުﷲ ޢަބްދުﷲ އާއި ކުލަބް އީގަލްސްގެ ޖާޒީ ނަންބަރު 6، މުހަންމަދު އާރިފު (ބަކާ)އާއި ވިކްޓަރީ ސްޕޯޓްސްކުލަބުގެ ހުސްވި އަހަރުގެ ޖާޒީ ނަންބަރު 10، މުހައްމަދު އުމެއިރު އެވެ.

ނަސަންދުރަ ޕެލަސް ހޮޓެލްގައި މިއަދު އޮތް "އެފްއޭއެމް އެވާޑްސް 2012ގެ ސައިނިން ސެރަމަނީ"ގައި އެ ފަސް ކުޅުންތެރިންގެ ނަންތައް އިއުލާނު ކޮށްދެއްވީ އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ހާނިމް އެވެ.

ހާނިމް ވިދާޅުވީ "ފުޓްބޯޅަ އެސޯސިއޭޝަންގެ 2012 ވަނަ އަހަރުގެ އެންމެ މޮޅު ފަސް ކުޅުންތެރިން ހޮވުމުގައި ބޭނުން ކޮށްފައި ވާ މިންގަނޑަކީ ކޮންމެ ދުވަހެއްގައި ކުޅޭ މެޗުން އެންމެ މޮޅު ތިންކުޅުންތެރިން ހޮވައި، 2012 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަނުގައި މިދެންނެވި ކުޅުންތެރިންނަށް ލިބޭ ޖުމުލަ މާކްސް ބަލައި، މުޅި ސީޒަންގައި އެންމެ ގިނަ މާކްސް ލިބުނު ފަސް ކުޅުންތެރިން ކަނޑައެޅުން،" ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެފްއޭއެމްގެ ރައީސް އިލްހާމް އަހްމަދު ވިދާޅުވީ މިފަހަރުގެ އެފްއޭއެމް އެވޯޑް ކުރީގެ އަގަރުތަކާއި ތަފާތުވާނޭ ކަމަށާއި އަދި މިފަހަރުގެ އެވޯޑްގައި ތަފާތު އެވޯޑްތަކެއް ފެނިގެން ދާނޭ ކަމަށެވެ.

"މިފަހަރުގެ އެވޯޑް ނައިޓުގައި އިތުރު އެވޯޑްތަކެއް ފެނިގެން ދާނެ. އެހެނަސް އަޅުގަނޑަށް މިވަގުތު ދަންނަވަން ދަތި އިތުރު އެވޯޑްތަކަކީ ކޮބައިކަން. ހަމަ ގައިމުވެސް އެރޭ އެވޯޑް ނައިޓްގައި ފެނިގެންދާނެ، އިތުރު ހިދުމަތުގެ އެވޯޑްތަކެއް. އަދި އެކަމާބެހޭ މަޝްވަރާ ބައްދަލުވުމެއް ރޭގައިވެސް ކުރިއަށް ދިޔަ،" އިލްހާމް ވިދާޅުވި އެވެ.

އެފްއޭއެމްގެ އަހަރުގެ މޮޅުކުޅުންތެރިޔާއަށް މީގެކުރިން ބޮޑު ފައިސާގެ އިނާމެއް ހުށަހަޅަމުން އައި ކަމުގައި ވީނަމަވެސް އިލްހާމް ވިދާޅުވީ، މިފަހަރު އިނާމުގެ ގޮތުގައި ދޭނޭ ވަކި އެއްޗެއް އަދި ދަންނަވަން ދަތި ކަމަށާއި އެކަމާ ބެހޭ މަޝްވަރާތައްވެސް ކުރިއަށް އެބަ ގެންދަވާ ކަމަށެވެ. އެހެން ނަމަވެސް އެކަމަށް ވަރަށް ބޮޑަށް ޝައުގުވެރިކަން އެބަ ހުރި ކަމަށެވެ.

"ފައިސާގެ އިނާމެއް ދިނުމާމެދު މިވަގުތު އެއްޗެއް ދަންނަވަން އަޅުގަނޑަށް ވަރަށް ދަތި. އެކަމާ އަޅުގަނޑުމެންގެ ތެރޭގައި މަޝްވަރާ ކުރެވެމުން ދަނީ. އެކަމަކުވެސް ގަބޫލުފުޅު ކުރަށްވާ މިވަގުތު އެފްއޭއެމްގެ ބަޖެޓް ވަރަށް ނިކަމެތި ހާލަތެއްގައި އޮތީ. ނޫސްކޮންފަރެންސްގައި އެވާހަކަ އަޅުގަނޑު މާބޮޑަށް ދައްކާކަށްވެސް ބޭނުމެއް ނޫން. އެކަމަކުވެސް ތިބޭފުޅުން ސުވާލު ކުރެއްވީމަ މިވަރު ބުނެދޭންޖެހޭނެ ކަންނޭގެ... އަޅުގަނޑުމެންގެ ކެރިފޯރުތެރިކަން ހުރި މިންވަރަކުން ތިކަމަށްވެސް ފަރުވާއެއް ދެވޭތޯ ބަލާނަން،" އެފްއޭއެމްގެ ރައީސް ވިދާޅުވި އެވެ.

މިއަހަރުގެ އެފްއޭއެމް އެވޯޑް ނައިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުގެ ރޭގަ އެވެ. ވޭތުވެ ދިޔަ ދެހައަރެކޭ އެއްފަދައިން މިއަހަރުގެ އެވޯޑްނައިޓްވެސް އިންތިޒާމް ކުރާނީ ތިންކް އެވަޓައިޒް އިންނެވެ.